އޭސީސީން ކުރާ ތަހުގީގުތަކުގެ ނަތީޖާ ނުކުންނަގޮތަށް ބަލައި ކޮންމެ ފަހަރަކު އޭސީސީގެ މެންބަރުން މަގާމުން ދުރުކުރުމަށާއި، އެ މެންބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމަކީ މިނިވަންކަމާއެކު މަސައްކަތްކުރަން އެޅޭ ހުރަހެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ، ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލަ ތަހުގީގުކޮށް އޭސީސީން ޕީޖީއަށް ފޮނުވުމުން، އެ މައްސަލައިގައި މީގެ ކުރިންވެސް ޕީޖީން ނިންމާފައިވާގޮތަށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ނުކުރަން ނިންމި ނިންމުން ދެމެހެއްޓުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
ވެންޓިލޭޓަރު މައްސަލައާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްްވި ނިއުސްކޮންފަރެންސްގައި ޝިއުނާ ވިދާޅުވީ، އޭސީސީގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފަހުން މި ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި، އެ ކޮމިޝަންގެ މެންބަރުން މަގާމުން ވަކި ކުރުމަށާއި، އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އެކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެއީ ވަރަށް ހިތާމަ ކުރާކަމެއް ކަމަށާއި، ހާއްސަކޮށް މައްސަލައެއްގެ ނަތިޖާ އަންނަ ގޮތަކުން ކޮންމެ ފަހަރަކު މަގާމުން ދުރުކުރަން ޖެހުމަކީ އެބޭފުޅުންގެ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދިއުމަށް އުނދަގޫވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިދިޔަ 1.5 އަހަރުގެ ތެރޭގައި، ހާއްސަކޮށް މައްސަލައިގެ އައުޓްކަމާ ގުޅިގެން އަޅުގަނޑުމެން މަގާމުން ދުރުކުރާނެ ވާހަކަ މަޝްވަރާކުރެވިފައިވޭ، އަދި ނޯކޮންފިޑެންޓް ވޯޓު ނަގަން ވެސް މަޝްވަރާ ކުރެވިފައިވޭ، މިއީ އަސްލު އަޅުގަނޑުމެން ވަަރަށް ހިތާމަ ކުރާކަމެއް، ހާއްސަކޮށް މައްސަލައެއްގެ އައުޓްކަމް އަންނަ ގޮތަކުން ކޮންމެ ފަހަރަކު އަޅުގަނޑުމެން މަގާމުން ދުރުކުރަންޖެހޭ ކަމަށް ވެއްޖެއްޔާ މިގޮތަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެނަށް ވަރަށް އުނދަގޫކަމެއް، އަދި އޭސީސީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށްވެސް އަޅުގަނޑުމެން ގަބޫލު ކުރަން،" ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ވަކި ފަރާތަކުން ޕްރެޝަރު ނައި ނަމަވެސް، އެކި މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިޔާގައި ބައެއް މީހުން އޭނާ އިސްތިއުފާދިނުމަށް ގޮވާ ކަމަށެވެ. އަދި އެމަގާމަށް ވަޑައިގެންނެވި އިރުވެސް އެކަންތައްތައް އެގޮތަށް ދިމާވާނެކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު