ހަތްހާސް ފުލެޓު މްޝަރޫއުން ފްލެޓް ލިބުނު ޑޮކްޓަރުންނާއި ނަރުހުންނަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތާ އެކަށޭނަ ގިންތިއަކުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން އެ ފަރާތްތަކަށް ދިނުމަށް، ފްލެޓްތަކުގެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ސަރުކާރަށް ހުށަހަޅައިފިއެވެ.
އެކޮމެޓީން މިގޮތަށް ހުށަހަޅާފައި ވަނީ، އެ މައްސަލަ ބެލުމަށްފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ހިމަނައިގެންނެވެ.
ކޮމިޓީން ބުނެފައިވަނީ، ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ މަޝްރޫއަކަށްވިޔަސް، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އަމާޒުކުރުމުގެ ބަދަލުގައި ޑޮކްޓަރުންނާއި ނަރުހުން ފަދަ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓެގަރީތަކެއް އެ މަޝްރޫއުގައި ހިމެނިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެގޮތުން، އެ ކެޓަގަރީތަކުގައި ހިމެނޭ، ރަނގަޅު އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރެވޭ ފްލެޓްތައް ލިބި، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ، ނުވަތަ ދިރިއުޅުމުގެ ފެންވަރު ދަށް، އަދި އިގްތިސޯދީ ގޮތުން ނިކަމެތި ފަރާތްތަކަށް އިޖުތިމާއީ ބޯހިޔާވަހިކަން ލިބުމުން މަހުރޫމްވުމަށް މަގުފަހިވެދާނެ ކަމަށްވެސް ކޮމެޓީން ބުނެފައިވެއެވެ.
އެހެންކަމުން "ހިޔާ މަޝްރޫއުގައި ހިމެނިފައިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބުމަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭނެކަމަށް މިހާރު ކަނޑައެޅިފައިވާ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރުމަށްފަހު، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތު އެންމެ އެކަށޭނަ ގިންތިއަކުން އެފަރާތްތަކަށް ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް،" ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް އަމާޒުކުރެވޭ ފަރާތްތަކަކީ ވަކި ފަންނެއްގައި ކުރިއަރާފައިވާތީ، ނުވަތަ ވަކި ވަޒީފާއެއް ނުވަތަ ވަކި މަގާމެއް އަދާކުރާތީ، ނުވަތަ ވަކި ވަރަކަށްވުރެ ބޮޑު އާމްދަނީ އެއް ލިބޭތީ އިޖުތިމާއީ ގެދޮރިވެރިކަން ލިބެން ޖެހޭ ފަރާތްތަކެއްކަމަށް ކަނޑައެޅުމުގެ ބަދަލުގައި، އެ ބާވަތުގެ ބޯހިޔާވަހިކަން ލިބިދެވެނީ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެކަމަށް އެންމެ ބޭނުންޖެހިފައިވާ އަދި އެންމެ ހައްގުވެރި ފަރާތްތަކަކަށް ކަން ސަރުކާރުން ކަށަވަރުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ފްލެޓްދިން މީހުންގެ ދިރިއުޅުމުގެ ހާލަތު އެހެން ކެޓެގަރީ ތަކުގައި ވަޒަންކުރި މިންގަނޑުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓެގަރީ އަށް ކުރިމަތިލި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދޭނެ އުސޫލެއް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ކަނޑައަޅައި، އެ ކެޓެގަރީ އަލުން މުރާޖައާ ކުރުމަށްވެސް ކޮމިޓީން ވަނީ ސަރުކާރަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު