ކުޅިވަރު

"ރޮނާލްޑޯއާއި މެސީ ދެން ފެނުން ގާތީ މެކްސިކޯ ނޫނީ އެމެރިކާ ލީގުން"

މުޙައްމަދު ޝަމްޢޫން

ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ދެން ފެނުން އެންމެ ގާތީ އުތުރު އެމެރިކާގެ ގައުމުތައް ކަމަށްވާ މެކްސިކޯ ނޫނީ އެމެރިކާގެ ލީގުން ކަމަށް މެކްސިކޯ އެމްއެކްސް ލީގުގެ ރައީސް މިކެލް އަރިއޯލާ ވިދާޅުވެއްޖެއެވެ.

ރޮނާލްޑޯ މިވަގުތު ޔުވެންޓަސްގައި ހުރިއިރު، އޭނާ އަންނަ އަހަރުން ފެށިގެން ކްލަބު ދޫކޮށްލާނެ ކަމަށް ވަނީ ވާހަކަ ދެކެވިފައެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯއަށް ޔުވެންޓަސްއާއެކު އޭނާގެ އެންމެ ރަނގަޅު ފޯމެއްގައި ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، ބާސެލޯނާގައި މެސީ ހުރީ ނުތަވަސް ކަމުގައެވެ. މިދިޔަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން މަސައްކަތް ކޮށްފައިވީނަމަވެސް، އޭނާއަށް އެކަން ކުރަން ބާސާގެ ރައީސަކަށް އޭރު ހުރި ޖޯސެފް ބާޓެމިއޫ ވަނީ ދަތިކޮށްފައެވެ.

އެމެރިކާގެ ބައްރުގެ އެންމެ ވަރުގަދަ ދެ ލީގު ކަމަށްވާ މެކްސިކޯ އަދި އެމެރިކާ ލީގަކީ އެއް ލީގަކަށް ހަދަން ކުރިންވެސް ވަނީ ދެ ލީގުގެ އިސްވެރިން ވާހަކަ ދައްކާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާއިން ގުޅިގެން ބާއްވާ ވޯލްޑް ކަޕަށްފަހު އެކަން ހާސިލު ކުރުމަށްވެސް ފުރުސަތު ބޮޑެވެ.

މެކްސިކޯ ލީގުގެ ރައީސް އަރިއޯލާ ގަބޫލުކުރައްވާ ގޮތުގައި ލީގުގެ ފެންވަރު ރަނގަޅުވެ މެސީ އާއި ރޮނާލްޑޯގެ ކެރިއަރު ނިންމާލަން ދިޔުމުގެ ފުރުސަތު ބޮޑެވެ.

" މޭޖާ ލީގު ސޮކާއާ މެކްސިކޯ ލީގު އެއްކޮށްލައިފިނަމަ އެއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގަށް ވާނެ. ދެން އޮންނާނެ ކަމަކީ މެސީއާއި ރޮނާލްޑޯ ކެރިއަރުގެ އެންމެ ފަހު އަހަރު ނަމަވެސް އެ ލީގުގައި ކުޅުވުން،" އަރިއޯލާ ވިދާޅުވިއެވެ.

މެސީއާއި ރޮނާލްޑޯވެސް ކެރިއަރުގެ އެންމެ ފަހު ދެތިން އަހަރުގައި އެމެރިކާގެ މޭޖާ ލީގު ސޮކާގެ ޓީމަކަށް ކުޅުމަށް ޝައުގުވެރިވާ ކަމަށް ވަނީ ބުނެފައެވެ. އެ ލީގުގައި ވަރުގަދަ ބައެއް ލެޖެންޑުންގެ ކެރިއަރުގެ އެންމެ ފަހު އަހަރުތައް ހޭދަކުރާތަންވެސް ފެނިފައިވާއިރު، މެސީ އާއި ރޮނާލްޑޯ އެކުގައި ލީގުގައި ކުޅުމަކީ އެތަަކެއް ސަޕޯޓަރުންނެއް ދެކެން ބޭނުންވާ މަންޒަރަކަށް ވާނެއެވެ.