ބޮލީވުޑް

ދަރީންނަށް ހާއްސަ ވަގުތުގައި އެއްވެސް މީހަކާ ވާހަކައެއް ނުދެއްކޭނެ: ޝިލްޕާ

ސޮނީ ޓީވީން ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވާ ކުޑަކުދިންގެ ޑާންސް ޝޯ ''ސުޕާ ޑާންސާ''ގެ ހަތަރު ވަނަ ސީޒަން ''ސުޕާ ޑާންސާ ޗެޕްޓާ 4'' މިވަނީ ބެލުންތެރިންނާ ހަމައަށް އައިސްފައެވެ. މިޝޯގެ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވާ ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ ދާދި ފަހުން ވަނީ މީޑިއާއަށް އިންޓަވިއުއެއް ވެސް ދީފަ އެވެ.

އިންޓަވިއުގައި ޝިލްޕާ ވަނީ ޝޯއާ ބެހޭ ގޮތުންނާއި، ޖަޖުން އަދި ކޮވިޑްގެ ހާލަތުގައި ޝޯ އިންތިޒާކުރުމުގައި އަޅާ ހާއްސަ ފިޔަވަޅުތަކުގެ ވާހަކަ ވެސް ދައްކައިފައެވެ. މީގެ އިތުރުންވެސް އޭނާގެ އާއިލާ އާއި ދަރިންނާ ބެހޭ ގޮތުން ވާހަކަދައްކާފައި ވެއެވެ.

ޝޯ އަދި ޖަޖުން

ޝިލްޕާ ބުނެފައިވާ ގޮތުގައި މިއަހަރުގެ ސީޒަންގައިވެސް އެތައް ތުއްތުކުދިންނެއްގެ ހައިރާންކުރުވަނިވި ހުށަހެޅުންތައް ފެންނާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.

މިފަހަރު އޮޑިޝަން ކުރިއަށް ގެންދެވިފައިވަނީ ވާޗުއަލްކޮށް ކަމަށާއި، އިންޑިއާގެ ހީވެސް ނުކުރާ ހިސާބުތަކުން ކުދިންގެ ހުނަރު ފެނުމުގެ ފުރުސަތު ލިބުނުކަން ފާހަގަކުރިއެވެ. ''އިރުއުތުރުގެ ހިސާބުތަކުން އޮޑިޝަންގައި ކޮންމެ އަހަރަކުވެސް ކުދިން ބައިވެރިވޭ، އެކަމަކު މީ އަރުނަޗަލް ޕްރަދޭޝުން ކުއްޖަކު ބައިވެރިވި ފުރަތަމަ ފަހަރު...'' އޭނާ ބުންޏެވެ.

ކޮވިޑްގެ މި ހާލަތުގައި ޝޯ ކުރިއަށް ދާގޮތާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ''ޝޯ ޝޫޓްކުރަނީ ހަފުތާއަކު އެއް ދުވަހު، އަދި ސެޓަށް ދިއުމުގެ ކުރިން ކޮންމެ ފަހަރަކު، މި ޝޯގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި އަހަރެމެން ކޮވިޑަށް ޓެސްޓު ކުރަން'' ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށްނުލާ ކަމަށާއި ކޮންމެ މީހެއްގެވެސް އާއިލާއަށާއި، ބައިވެރިވާ ކުދިންގެ ރައްކާތެރިކަމަށްޓަކައި، ޓެސްޓު ކުރުމާއި ގައިދުރުކަން ބެހެއްޓުމަށް ފަރުވާތެރި ވާން ޖެހޭނެ ކަމަށެވެ.

މި އިންޓަވިއުގައި އޭނާއާއެކު ހަރަކާތްތެރިވާ ޖަޖުންނާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނެފައިވަނީ، 3 އަހަރު ތެރޭގައި އަނުރާގް އަދި ގީތާ އާއެކު ރަނގަޅު ގުޅުމެއް، މަސައްކަތުގެ ގޮތުންނާ އަމިއްލަ ގޮތުންވެސް އުފެއްދިފައިވާ ކަމަށެވެ. ''އަހަރުމެން 3 މީހުންގެ ވަރަށް އެއްގޮތް ކަންތައްތަކެއް ހުންނާނެ، ނަމަވެސް ޝޯއަށް ޖަޖްކުރުމުގައި ތިން މީހުންގެ ހިޔާލުވެސް ބައެއް ފަހަރު ތަފާތުވާނެ، އެކަމަކު ނިންމުންތައް ނިންމާއިރު އަހަރުމެންނަށް ވިސްނޭ ގޮތް ރަނގަޅު'' އޭނާ ފާހަގަކުރިއެވެ.

ޝޯގައި ފެނިގެންދާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ، އެހާ ތުއްތުކުދިން ނަށާއިރު ވެއްޓި އަނިޔާއެއް ލިބިދާނެތީ ވަރަށް ބިރުގަންނަ ކަމަށެވެ. އަދި އެއީ ހުނަރުން ފުރިގެންވާ ކުދިންތަކެއް ކަމަށެވެ.

އަމިއްލަ ދިރިއުޅުމާއި ދަރިން

މި އިންޓަވިއުގައި އޭނާވަނީ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުންވެސް ވާހަކަދައްކާފައެވެ. ''އަހަންނަށް ލިބިފައިވާ ހަޔާތާ މެދު އަހަރެން ޝުކުރުވެރިވަން. އަހަރެން އެދުނު ކޮންމެ ކަމެއް އަހަންނަށް ދެއްވައިފި. އަހަރެންނަށް މިވަނީ މިހާރު ތުއްތު ތުއްތު އަންހެން ކުއްޖެއްވެސް ލިބިފަ. މީހުންގެ ލޯބި އަހަންނަށް އަބަދުވެސް ލިބޭ. މި އިންޑަސްޓްރީގައި މިހާ ހިސާބަށް އާދެވުނީ މީހުންގެ ލޯތްބާއެކު.'' އޭނާ ފާހަގަކުރިއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، ފިލްމު ކުޅުމަށް މިހާރު އެހާ ނުވިސްނާ ކަމަށާއި ނަމަވެސް ކުރިއަށް ބެލުންތެރިންނާ ހަމައަށް އައުމަށް 2 ފިލްމެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީ އޭނާ އިންޑަސްޓްރީއަށް އެނބުރި އައުން ނޫން ކަމަށާއި، އޭނާގެ ފިލްމު ކުޅުމުގެ ޝައުގެއް މިހާރު ނެތްކަމަށެވެ.

ނަމަވެސް ސޯޝަލް މީޑިއާއިންނާއި ބްރޭންޑް އިޝްތިހާރުތަކުން އަދި އެހެނިހެން ގޮތްގޮތުން ބެލުންތެރިންގެ ކުރިމަތިން އޭނާ ގެއްލިގެން ނުދާނެކަން ފާހަގަކުރިއެވެ.

މަސައްކަތްކުރުމާއި ކޮވިޑްގެ ހާލަތު

ޝިލްޕާގެ މަސައްކަތްތައް ކުރިއަށްދާގޮތާ މެދު އޭނާ ބުނެފައިވަނީ، މަސައްކަތާއި ގޭގެ ދިރިއުޅުމަށް ބުރޫ ނާރާ ގޮތަށް ކަންކަން ރޭވުމުގައި ރަނގަޅު ޓީމެއް އޮންނަކަމަށެވެ.

''އަހަރެންގެ ފަހަތުގައި އޮންނަނީ ވަރަށް ގާބިލު އަންހެން ޓީމެއް. ޝޫޓިންގްތައް ރޭވިފައި ހުންނަނީ ހަފުތާއަކު އެންމެ ގިނަވެގެންވެސް 3 ދުވަހަށް. ބައްދަލުވުންތައް ކުރިއަށް ގެންދަނީ ގޭގައި އިނދެގެން. އަހަރެންގެ ދެ ކުދިންނަށް މަންމައެއްގެ ގޮތުގައި ވަގުތު ހުސްކުރެވޭ. ބައެއް ގަޑިތަކަކީ އަހަރެންގެ ދަރިންނަށް އެކަނި ހާއްސަވާ ވަގުތު، އެގަޑީގައި އެކަކާވެސް ވާހަކައެއް ނުދެއްކޭނެ'' ޝިލްޕާ ފާހަގަކުރިއެވެ. އަދި އިތުރަށް އޭނާ ބުނެފައިވަނީ މަސައްކަތްކުރާ ވަގުތު، އެމަސައްކަތަށް ފުރިހަމަ ޝައުގުވެރިކަން ދީ ކުރިއަށް ގެންދާ ކަމަށެވެ. ''މަންމަ މަސައްކަތަށް ދާނެ ކަމާއި އަދި އަންނާނެ ކަން އަހަރެންގެ ދަރިންނަށް އަންގައިދޭން ބޭނުންވޭ، އަދި އައުމަށްފަހު އެކުދިންނަށް ވަގުތު ހުސްކުރާނެކަން.... އަހަރެން ބޮޑުވަމުން އައީވެސް މައިންބަފައިން އެމީހުންގެ ވަޒީފާ އަދާކުރަމުން، އަހަރެމެންގެ ކަންކަން ކުރަމުން.'' އޭނާ ބުނެފައިވެއެވެ.

ޝިލްޕާ ބުނީ އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމާއި، މައިންބަފައިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން އޭނާގެ ދަރިން ބޮޑެތިވަމުން އަންނައިރު އެނގުން މުހިއްމު ކަމަށެވެ.

މަސައްކަތްކުރުމާ މެދު އޭނާ އިތުރަށް ބުނެފައިވަނީ އުމުރުން 17 އަހަރުން ފެށިގެން އޭނާއަކީ މަސައްކަތްކުރަމުން އަންނަ މީހެއްކަމަށާއި، އެކަން އޭނާ ކުޑަކޮށް ނުނަގާ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ވަރަށް ގިނަ އާއިލާތައް ވަޒީފާ ގެއްލި އެތައް ގޮތަކުން ދަތި ހާލުގައި ޖެހުނުކަމަށާއި، ބައްޔަށް ބޭސްކުރުމަށާއި މާލީ ގޮތުންވެސް އެތައް އާއިލާއެއް ހާލުގައި ޖެހިފައިވާކަމަށެވެ. އަދި ކޮވިޑްގެ މި ހާލަތަކީ ވަރަށް ގިނަ މީހުންނަށް ކަންކަމާމެދު ވިސްނަން ލިބުނު ފުރުސަތެއް ކަމަށާއި، ދިރިއުޅުން އަލުން ރަނގަޅަށް ބިނާކުރަންވެސް ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ. ''ކޮވިޑްގެ މިހާލަތުން، އަހަންނަށްވެސް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. އަހަރެންގެ ދަރިންނާއި، އަމިއްލަ ހަޔާތާއި އަދި މަސައްކަތާމެދު ޝުކުރުވެރިވާން ފުރުސަތު ލިބުނު'' އޭނާ ފާހަގަކުރިއެވެ.

ފިރިހެން ދަރިފުޅުގެ ހުނަރުވެރިކަމާމެދު ވާހަކަދެއްކުން

ޝިލްޕާ ބުނިގޮތުގައި އޭނާގެ 8 އަހަރުގެ ފިރިހެން ދަރިފުޅު ވިއާންގެ ޝައުގުވެރިކަން ތަފާތު ވަރަށް ގިނަ ކަންކަމަށް ހުރެއެވެ. އޭނާ މިހާރުވެސް ފިލްމު ހެދުމާއި، އެޑިޓްކޮށް އަދި ޑައިރެކްޓްކުރުމަށް ޝައުގުވެރިކަން ހުރެއެވެ. އަދި ޖިމްނާސްޓިކަށްވެސް ވަރަށް ފޯރި ހުންނަ ކަމަށާއި ނަމަވެސް ލޮކްޑައުންގެ ސަބަބުން އެކަންތައް ހުއްޓިފައިވާ ކަމަށެވެ.

ލޮކްޑައުން ތެރޭގައި އަމިއްލައަށް 2 މިނިޓް، 5 މިނިޓްގެ ފިލްމު ހަދާފައިވާކަމަށެވެ. ''އޭނާ ކުޅޭ ފިލްމުތަކުގައި އެކްޓަރަކީވެސް އޭނަ، އަދި ބައެއް ފަހަރު އައިސް ބުނާނެ، އަހަރެން މިއައީ ހަނގުރާމައަކުންނޭ، އެކަހަލަ މޭކަޕެއް ކޮށްދީބަލާށޭ.'' ޝިލްޕާ ހެމުންހެމުން ދަރިފުޅުގެ ވާހަކަ ދައްކާފައިވެއެވެ.