ޚަބަރު

ޕީޖީގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމުގެ ހިތްވަރެއް އެމްޑީޕީގައި ނެތް: ސައީދު

އަލީ އަފާފް ރަމީޒު

ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމުގެ ހިތްވަރެއް އެމްޑީޕީގައި ނުހުންނާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިގޮތަށް ވިދާޅުވެފައި މިވަނީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފެންނަ ކަމަށް ވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ސައީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބު ގާތްވުމުން ސައިބޯނި ބޮކި އެރުވިޔަސް، ޕީޖީ ޝަމީމްގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމުގެ ހިތްވަރެއް އެމްޑީޕީގައި ނުހުންނާނެ ކަމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމުމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބިދޭނެ ގެއްލުން ބޮޑު ކަމަށެވެ. އަދި ސަރުކާރު މިކަމުގައި ބައިވެރިވެފައި ވާތަން ފެންނަ ކަމަށާއި، ވައްކަންކުރާ ސަރުކާރަކާ އެކީ އޮންނަން އެމްޑީޕީ ނޭދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޝަމީމު މިއަދު ވިދާޅުވީ، ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންފިނަމަ، އިސްތިއުފާ ދެއްވުމާ ބެހޭގޮތުން ކަނޑައަޅާފައިވާ އުސޫލުގައި އޮތް ގޮތަށް ކަންތައް ކުރައްވާނެ ކަމަށެވެ. އެކަމަކީ ޕްރޮސެސްއެއް އޮންނަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ޕީޖީގެ މަގާމަކީ އެ މަގާމުގައި ހުންނެވުމަށް މާ ބޮޑު ޝައުގުވެރިކަމެއް އޮތް މަގާމެއް ނޫން ކަމަށެވެ. ނަމަވެސް ކުރަން ނުޖެހޭ ކަމެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.