(25 މާޗުގެ އަދަދާ ގުޅޭ)
حسن ގެ ހިތްޕުޅުވަނީ އުފާފުޅުން ފުރިފައެވެ. އޭނާ ވިދާޅުވިއެވެ. "ކުޑަބެއަށް ތިޔަ ހުރިހައިކަމެއް އެނގިވަޑައިގަންނަވާއިރު އަޅުގަނޑަކަށް އެއްވެސްކަމެއް ނޭނގެ. ކުޑަބެ ހުންނެވީ އަޅުގަނޑާ މިހައި ކައިރީގައި ކަމެއްވެސް އަޅުގަނޑު ނުދެނެހުރިން. އަޅުގަނޑުގެ ޖާސޫސުން މި ދިފާޢީ މަރުކަޒުގެ ކޮމާންޑަރަށް ވަރަށް ތާރީފުކުރޭ. އަޅުގަނޑު ހީކޮށްގެންހުރީ ކުޑަބެގެ ބަދަލުގައި މިތަނުން ބައްދަލުވާނީ ޣަރުނާޠާގެ ފައުޖުގެ އޮފިސަރުންކުރެ އުމުރުފުޅުން ދުވަސްފުޅުވީ ތަޖުރިބާކާރު އޮފިސަރަކާ ކަމަށް."
أحمد ޖަވާބު ދެއްވިއެވެ. "ކުޑަބެއަކީ އެންމެ އިސްކޮމާންޑަރުގެ ނާއިބު. ކޮއްކޮއަށް ކުޑަބެމެންގެ އިސްކޮމާންޑަރު ފެނިވަޑައިގެންނެވުމުން އަޅުގަނޑުމެން މިހޯދި ފަތަޙަޔަށްވުރެ މާބޮޑަށް އުފާފާޅުވާނެ."
حسن ސުވާލު ކުރެއްވިއެވެ. "އޭނާ ވަޑައިގެންވީ ކޮންތަނަކުތޯ؟"
"އޭނާ ހުންނެވީ މިރަށުގައި."
"އަޅުގަނޑު ހަމަމިހާރު އެނބުރިދާންޖެހޭ. އަޅުގަނޑު އަލްމަރިއްޔާގެ ސިފައިން މިހަނގުރާމަޔަށް މިގެނައީ އަޅުގަނޑުގެ އަމިއްލަ ޒިންމާގައި أميــر مـعـتـصـم އަޅުގަނޑުދެކެ ކޯފާވުމަކީވެސް ދުރުކަމެއް ނޫން. އަޅުގަނޑު ދުވަސްކޮޅެއްގެ ތެރޭގައި އަލްމަރިއްޔާއިން އެނބުރިއައިސް ކުޑަބެމެންގެ ކޮމާންޑަރާ ބައްދަލުކުރާނަން."
أحمـد ވިދާޅުވިއެވެ. "ކޮއްކޮ އެނބުރިވަޑައިގެންނެވުމުގެ ކުރީން ކުޑަބެމެންގެ އެންމެމަތީ ކޮމާންޑަރާ ބައްދަލުކުރައްވަންވާނެ. އޭނާ ވަރަށް އަވަހަށް އިޝްބީލިއްޔާއަށް ވަޑައިގެންނެވުމަކީ އެކަށީގެންވާ ކަމެއް."
"އިޝްބީލިއްޔާއަށް؟ އެއީ ކީއްކުރައްވަންތޯ؟"
أحمد ވިދާޅުވިއެވެ. "ކޮއްކޮޔަށް ދަންނަވައިފިން. ޢިލްމުވެރީންނާއި މުލޫކުއްޠަވާއިފުން އިޝްބީލިއްޔާގައި ބައްދަލުވެވަޑައިގަންނަވާ ވާހަކަ."
حسن ވިދާޅުވިއެވެ. "އެންމެ ރަނގަޅު. އެހެންވިއްޔާ އަޅުގަނޑުގެ ސިފައިން ފުރުވައިލައިފައި އަޅުގަނޑު ކުޑަބެގެ އަރިހުގައި ދާނަން. އެކަމަކު އަޅުގަނޑު ހަމަ މިއަދު ކިއްލާއަށް އެނބުރިދާން ޖެހޭނެ."
"ކޮއްކޮޔަށް ހަވީރުވުމުގެ ކުރީން އެނބުރި ކިއްލާއަށް ވަޑައިގެންނެވިދާނެ. ކުޑަބެ އެރަށުން ވަރުބަލިނުވާ އަހެއްވެސް އަރުވާނަން."
حسن ވިދާޅުވިއެވެ. "އެހެންވީއިރު ކޮންމެހެންވެސް އަޅުގަނޑު އޭނާގެ އަރިހަށް ދާނަން. އެކަމަކު ކުޑަބެމެންގެ އެންމެމަތީ ކޮމާންޑަރަކީ ކޮންބޭފުޅެއްތޯ؟"
أحمد ޖަވާބު ދެއްވިއެވެ. "ކުޑަބެ މިހާރަކު ނުދަންނަވާނަން. ކޮއްކޮޔަށް އޭނާ ފެނިވަޑައިގެންނެވުމުން އެއީ ކޮންބޭފުޅެއްކަން އެނގިވަޑައިގަންނަވާތޯ ބަލަން ކުޑަބެ ބޭނުން."
"ޣަރުނާޠާގެ ފައުޖުގައި އަޅުގަނޑު ނުދަންނަ އޮފިސަރެއް ނުހުންނަވާނެ."
"އެއީ ޣަރުނާޠާގެ ލަޝްކަރުގެ އޮފިސަރެއް ނޫން. އަޅުގަނޑުމެންކަހަލަ ރިޟާކާރެއް. ނަޞާރާއިންގެ ޙަމަލަތަކުގައި ޣަރުނާޠާގެ ރަސްމީ ލަޝްކަރު ބަލިވެގެން ނިބާރާއާ ހަމަޔަށް ފަހަތަށް ޖެހުމުން އޭނާ ރިޟާކާރުންގެ ފައުޖެއް އެއްކުރައްވައިގެން މިހިސާބުގަނޑު ޙިމާޔަތް ކުރެއްވުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވީ."
* * * * * * * * * * *
حسن އޭނާގެ އެކުވެރީންނަށް މުހިންމު އިރުޝާދުތައް ދެއްވުމަށްފަހު އިރުކޮޅެއްގެ ތެރޭގައި أحمد އާއި އޭނާގެ އެކުވެރީންނާއެކު ޣަރުނާޠާގެ ސަރަޙައްދީ ރަށަށް ދަތުރު ފައްޓަވައިފިއެވެ. ރަށުގެ އަހުލުވެރީން އެނބުރިއައި މުޖާހިދުންނާ ބައްދަލުކުރީ އުފަލުން ނަޢުރާ ކުރަމުންނެވެ. أحمد، حسن ގޮވައިގެން ގެއެއްގެ ދޮރުމައްޗަށް ވަޑައިގެން އަސްމަތީން ފައިބައިވަޑައިގެންފިއެވެ. أحمد ވިދާޅުވިއެވެ. "حسن! ކުޑަބެމެންގެ އެންމެމަތީ ކޮމާންޑަރު ހުންނަވަނީ މިގޭގައި. ކޮއްކޮ ތިޔަ ވަޑައިގަންނަވަނީ ވަރަށް މަތިވެރި ޝަޚުޞިއްޔަތެއްގެ ކުރިފުޅުމައްޗަށް."
حسن ވެސް އޭނާގެ އަސްމަތީން ފައިބައިވަޑައިގެންފިއެވެ. ސިފައިންގެ ދެމީހަކު ކުރިޔަށް ޖެހިލައިފައި أحمد އާއި حسن އާ ދެބޭފުޅުންގެ ދެއަހުގެ ލަގަނުގައި ހިފައިފިއެވެ. ދެބޭފުޅުން ގޯތިތެރެޔަށް ވެދެވަޑައިގެންފިއެވެ. ފެންޑާމަތީގައި ޒުވާނެއް ހުއްޓެވެ. އޭނާގެ ބޮލާއި މުލައްދަނޑި ހުރީ ބެންޑޭޖުކޮށްފައެވެ.
حسن އަށް އޭނާ ފެނިވަޑައިގެންނެވުމާއެކު އެއީ ކާކުކަން އެނގިވަޑައިގެންފިއެވެ. އޭނާ أحمد އާ ދިމާޔަށް ވިދާޅުވިއެވެ. ކުޑަބެ ހީފުޅުކުރެއްވީ އަޅުގަނޑަށް إليــاس ވެސް ނޭގޭނެކަމަށްތޯ؟" حسن ވަޑައިގެން إليــاس އާ މުސާފަޙާ ކުރައްވައިފިއެވެ. حسن ވިދާޅުވިއެވެ. "ކުޑަބެ ވިދާޅުވާގޮތުގައި އަޅުގަނޑަކަށެއް ތިޔަބޭފުޅުންގެ އެންމެމަތީ ކޮމާންޑަރެއް ނޭނގޭނެ. ކުޑަބެ ހީކުރެއްވީ އަޅުގަނޑަށް إليــاس ވެސް ނޭނގޭނެކަމަށް. ކުޑަބެ މިކޮޅަށް ވަޑައިގެންނެވި މަގުމަތީގައި ވަނީ އަޅުގަނޑު ވަރަށްބޮޑަށް ހާސްކުރުއްވައިފައި."
أحمـد ގެ އަތްޕުޅުގެ އިޝާރަތެއް ފެނިވަޑައިގެންނެވުމުން إليــاس ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "حسن އަކަށް އަޅުގަނޑުމެންގެ އެންމެ މަތީ ކޮމާންޑަރު އެނގިވަޑައެއް ނުގަންނަވާނެ."
حسن އާއި إليــاس އާ ވާހަކަ ދައްކަވާން ބައިތިއްބަވައިފައި أحمـد ކޮޓަރިއަކަށް ވެދެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން މީހަކު ދޮރުމައްޗަށް ނުކުމެއްޖެއެވެ. حسن އަށް އޭނާ ފެނިވަޑައިގެންނެވުމުން ސިހިވަޑައިގެންނެވިއެވެ. "إدريـس ބޭބެ—!"
إدريـس ވަޑައިގެން حسن އާ ކަރާކަރު ޖައްސަވައި ސަލާންކުރައްވައިފައި ވިދާޅުވިއެވެ. "حسن! ކޮއްކޮ އެންމެފުރަތަމަ އަޅުގަނޑުމެންގެ އެންމެމަތީ ކޮމާންޑަރާ ބައްދަލުކުރައްވާ! ވާހަކަ ދައްކާނީ އޭގެފަހުން!"
حسن ވިދާޅުވިއެވެ. "ކުޑަބެ މިރަށަށް ވަޑައިގެންނެވިއިރު إدريـس ބެ މިކޮޅުގައި ހުންނެވި ވާހަކަވެސް ވިދާޅެއް ނުވޭ."
"އަޅުގަނޑު ހުރީ މިތަނާ ތަންކޮޅެއް ދުރުގެ ޗެކްޕޯސްޓެއްގައި. މިތަނަށް މިއައީ ދާދި ދެންމެއަކު."
حسن، إدريـس އާއެކު ކޮޓަރިޔަކަށް ވެދެވަޑައިގެންފިއެވެ. އުމުރުފުޅުން ދުވަސްވީ ކޮމާންޑަރ މޭޒެއްގެ ކައިރީގައި އިންނެވިއެވެ. މޭޒުމަތީގައި ޗާޓުތަކާއި ކަރުދާސްތައް ހުއްޓެވެ. أحمد އެންމެމަތީ ކޮމާންޑަރުގެ އަރިހުގައި އޭނާގެ ކަނާތްޕުޅުފަރާތުގައި އިންނެވިއެވެ. އޭނާ އެންމެމަތީ ކޮމާންޑަރަށް حسن ތަޢާރުފުކޮށްދެއްވަމުން ވިދާޅުވިއެވެ. "މިއީ އަލްމަރިއްޔާގެ ސަރަޙައްދީ ކިއްލާގެ ކޮމާންޑަރ" މުސްކުޅިފުޅު ކޮމާންޑަރ حسن ގެ މޫނުފުޅަށް ނަޒަރު ހުއްޓަވައިލައްވައިފިއެވެ. حسن ކުރިޔަށް ވަޑައިގެން السّـلام عليكم އެވެ ވިދާޅުވެފައި ސަލާންކުރައްވާން އަތްޕުޅު ދިއްކޮށްލައްވައިފިއެވެ. حسن ވަރަށް ޖޯޝާއެކު ކޮމާންޑަރާ މުޞާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ޣަރުނާޠާއަކުން މަނިކުފާނެއް ނުދެކެން."
މުސްކުޅިފުޅު ކޮމާންޑަރ ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "އަޅުގަނޑު އުޅުނީ ޣަރުނާޠާއަކު ނޫން."
"ކޮންމެވެސް ތަނަކުން އަޅުގަނޑަށް މަނިކުފާނު ފެނުނު ހަނދާނެއްވޭ."
މުސްކުޅިފުޅު ކޮމާންޑަރ އެއްވެސް ޖަވާބެއް ނުދެއްވައެވެ. އޭނާ حسن ގެ އަތްޕުޅު އޭނާގެ މުށްޕުޅުގެ ތެރެޔަށް ލައްވައިގެން ފަރުވާތެރިކަމާއެކު حسن އާ ދިމާޔަށް ބަލަހައްޓަވައިގެން ހުންނެވީއެވެ. حسن، أحمد އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. أحمد ގެ މޫނުފުޅުމަތީގައިވަނީ ހިނިފުޅުވެޑުވުމެކެވެ. ނަމަވެސް އޭނާގެ ލޯފުޅުގެ ތެރެޔަށް ދިޔައީ ކަރުނަފޮދު ޖަމާވަމުންނެވެ. އޭނާ حسن އާ ދިމާޔަށް ވިދާޅުވިއެވެ. "ކޮއްކޮ މީނާ ދެކެވަޑައެއް ނުގަންނަވަމުތޯ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު