ރައްޔިތުންގެ ހިދުމަތުގައި ތިއްބެވި އެންމެހާ ފަރާތްތަކުން، ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިވުމާއި އަދުލުވެރިކަންމަތީ ތާއަބަދަށް ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވައިލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލައްވާފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެއްޓެވުމާ ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އެންމެހާ ރައްޔިތުންނަށް އަމާންވެށްޓެއް ގާއިމުކޮށްދިނުން ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނެއް ވުޖޫދުވެގެން އަންނައިރު، އެއީ އާ ފެށުމެއް ކަމަށާއި އެކަމަކީ އޭގެ ސަބަބުން އެންމެހާ ދިވެހި ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

"ހަމައެކަނި ފުރިހަމަ ގާނޫނެއް އޮތުމުން އަޅުގަނޑުމެން އެ ބޭނުންވާ މަގުސަދު ހާސިލެއް ނުކުރެވޭނެ. ގާނޫނުގައި ބުނާގޮތަށް، ގާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް. އަދި ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާއި އަދި ރައްޔިތުންނާ ގުޅިގެން ކުރިޔަށްދާއިރު، ކުށް ކުރުން ހުއްޓުވައި، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުންނަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ، އަމާންވެށްޓެއް ގާއިމުކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި އެންމެހާ ރައްޔިތުން މަސައްކަތްކުރުމަށް އަޅުގަނޑު އެދެން." އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އަދުލުވެރިކަމަކީ އިސްލާމްދީނުން އެންމެބޮޑަށް ބާރުއަޅާ ކަންތައް ކަމަށާއި ކުރާ ކޮންމެ މަސައްކަތެއްގައި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި މީހުންނަށް އިހުސާންތެރިވުމާއި ވަކި މީހަކަށްވީތީވެ އިންސާފު ލިބޭނޭކަމަށް ގަބޫލުނުކުރުމަށް އެދޭ ކަމަށެވެ.

ފުލުހުންގެ އާ ގާނޫނު މިއަދު ވުޖޫދުވެގެންދިއުމާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކާއި ކަރާމާތަށް އިހުތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމާއި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހުތިޔާރު ފުލުހުންނަށް ލިބިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޒީރު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.