ފުލުހުންގެ އާ ގާނޫނާއެކު އެ މުއައްސަސާގެ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފަށައި، އެ ގާނޫނުގެ ދަށުން ފުލުހުން މިއަދު ވަނީ ހުވާކޮށްފައެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ ގާނޫނަށް އަމަލުކުރަން ފެށުމުން ހުރިހާ ފުލުހުންނަށް ތަހުނިޔާ އަރިސްކުރައްވާ ކަމަށާއި އާ ގާނޫނާއެކު މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"އާ ގާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ހިދުމަތުގެ ފެންވަރު މަތިވެ، މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ގަބޫލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ރައީސް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައެވެ. އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާ ގާނޫނުގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހުތިރާމު ކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމާއި ވަކިފަރާތަކަށް ޖެހުމެއްނެތި އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި އަމަންއާންމާއި ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަން ޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހުތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި ފުލުހުންގެ ހިދުމަތުގެ އަމާޒާއި މަގުސަދާއި މަސްއޫލިއްޔަތާއި ހިދުމަތާއި ބާރާއި އިހުތިޔާރުތައް ގާނޫނުއަސާސީ އާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އެ ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"އެވެ.

ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.