މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖެއަށް ވަނީ 5،275 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިމަހުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 5،100 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް މިމަހުގެ ތެރޭގައި ރާއްޖެއަށް 88,942 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވާލަކު ރާއްޖެއަށް 3,347 ފަތުރުވެރިން އަންނަ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަހު މަޑުކުރާ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް ރާއްޖެއަށް ޖުމުލަ 277،927 ފަތުރުވެރިން އައިސްފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.