ވިލިމާލެ މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތް ލޯކަލް ގަވަރުމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

އެލްޖީއޭ އިން ބުނީ، އެ އޮތޯރިޓީގެ ބަޖެޓުގައި ހިމެނޭ ވިލިމާލެ މަސްމާރުކޭޓް އިމާރާތްކުރުމުގެ ޕްރޮޖެކްޓް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވާ ކަމަށެވެ.

އެލްޖީއޭ ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސީއީއޯ އަފްޝަން ލަތީފް އެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރީ އެ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުއެވެ.

އެކަމާ ގުޅިގެން އަފްޝަން ވިދާޅުވީ، ވިލިމާލޭގައި މަސްމާރުކޭޓެއް އިމާރާތް ކުރުމުން އެކަމުގެ ފައިދާ އެ އަވަށުގައި ދިރިއުޅޭ ފަރާތްތަކަށް ކުރާނެ ކަމާއި މެދު ޝައްކެއް ނެތް ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ގައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅައި ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް ނަމަ އެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.