ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަ އަންހެން ކުއްޖަކަށް އިންސާފު ހޯދައިދިނުމަށް ރ. މަޑުއްވަރީގައި ކުރި އިހުތިޖާޖުގެ ތެރެއިން ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މަޑުއްވަރީގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިއަދު ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.

ތަހުގީގުކުރަމުން އަންނަނީ، އެ ރަށުގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލައެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

އެ ރަށުގައި ރޭ އިހުތިޖާޖު ކޮށްފައިވަނީ، 14 އަހަރުގެ ކުއްޖެއް ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކޮށްގެންނެވެ.

ފުލުހުން ރޭ ބުނީ، 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ރަށުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގި ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން އިހުތިޖާޖަށް ނުކުތީ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ފުލުހުންގެ އިދާރާ ދޮށަށް އެއްވި އެމީހުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނާ ކުރިމަތިލައިފައެވެ.