މަގާމަށް އިންތިހާބުކޮށްދީފިނަމަ، އަވަށު އެންމެން ހަނދަށް ގެންގޮސްދިނުމަށް އިންޑިއާގެ ޓަމިލްނާޑޫގެ ކެންޑިޑޭޓަކު ވައުދުވެއްޖެއެވެ.

އިންޑިއާގެ ސްޓޭޓްތަކުގެ އާންމު އިންތިހާބަށް ކެމްޕެއިން ފަށާފައިވާ އިރު، އެކި ކެންޑިޑޭޓުން އަންނަނީ ގިނަ ވައުދުތަކާއެކު އިންތިހާބަށް ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ.

ޓަމިލްނާޑޫ ސްޓޭޓުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓު ތުލަމް ސަރަވަންނަން ވަނީ އޭނާގެ ހާއްސަ ވައުދުތައް އާންމުކޮށް، އެތައް ބަޔަކު ސިއްސުވާލައިފައެވެ.

ސަރަވަންނަންގެ ވައުދުތަކުގެ ތެރޭގައި އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ އެ ސްޓޭޓްގެ އެންމެން ހަނދަށް ގެންދިއުމަށް ވަނީ ވައުދުވެފައެވެ. މީގެ އިތުރުން އެ ސްޓޭޓްގެ ކޮންމެ ގެއަކަށް މިނީ ހެލިކޮޕްޓަރެއްގެ އިތުރުން ކޮންމެ ގެއަކަށް އަހަރަކު އެއް ކުރޯޑް ރުޕީސް ދިނުމަށްވެސް ވައުދު ވެފައިވެއެވެ.

ސަރަވަންނަން ވަނީ އެ ސްޓޭޓްގެ ކޮންމެ ގެއެއްވެސް ތިން ބުރިއަށް އިމާރާތް ކޮށްދިނުމުގެ އިތުރުން އިންތިހާބު ކާމިޔާބުވުމަށްފަހު އެ ސްޓޭޓުގައި ކައިވެނި ކުރާ ކޮންމެ އަންހެނަކަށް ރަން ދިނުމަށްވެސް ވައުދު ވެފައެވެ.

މީގެ އިތުރުން ޒުވާނުންގެ ތެރެއިން ވިޔަފާރި ފަށާ ކޮންމެ ފަރާތަކަށް އެއް ކުރޯ ރުޕީސް ދިނުމަށްވެސް ވައުދުވެފައިވެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަހަކު 10 ލައްކަ ރުޕީސް ދިނުމަށްވެސް އޭނާ ވަނީ ވައުދުވެފައެވެ.

ސަރަވަންނަން އަކީ އެ ސްޓޭޓުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެކެވެ. ގިނަ ބަޔަކު ވަނީ އޭނާގެ ވައުދުތަކަށް ޖޯކު ޖަހައި ބޭކާރު ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސަރަވަންނަން އިންތިހާބުގައި ބޭނުންކުރާ ސްލޯގަން އަކީ ވެސް "ޑަސްބިން" އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެއީ އެގައުމުގައި އާންމުވެފައިވާ ވައްކަން ކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް އޭނާ ތެދުވިކަން އެންގުމަށް ބޭނުންކުރާ ސްލޯގަންއެކެވެ.