ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާންދާ ފަރާތްތަކުން އަމިއްލަ ގަލަމެއް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

އީސީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، ވޯޓުލާން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ކޮމިޝަނުން ބާރުއަޅާ ކަމަށެވެ. އެގޮތުން، ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ކައުންސިލް އިންތިހާބު ބޭއްވުމަށް ހާއްސަ ގައިޑްލައިނެއް ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން ޕޮޒިޓިވްވާ ފަރާތްތަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ދީފައިވާ އިރު، އެ ފަރާތްތަކަށް ވޯޓު ކަރުދާހުގައި އަތްލުމުގެ ފުރުސަތެއް ނުދޭނެ އެވެ. އެ ފަރާތްތަކުން ވޯޓުލުމަށް އިތުރު މީހަކު ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ އަހަރުުގެ އޭޕްރީލް މަހު ހަތަރެއްގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ކޮވިޑް 19އާ ގުޅިގެން އެކި ފަހަރު މަތީން އިންތިހާބު ފަސްކުރަމުން ގޮސް، އެންމެ ފަހުން މަޖިލީހުން ފާސްކުރި ސަންސެޓް ގާނޫނަކުން، އަންނަ މަހުގެ 10 ގައި އިންތިހާބު ބާއްވަން މިހާރު ވަނީ ކަނޑައަޅައިފައެވެ.