ޔޫތު މިނިސްޓްރީ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ގައުމީ ފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ރޭވިފައިވަނީ ސަރުކާރާއި ވަޒީފާ ދޭ ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އަދި ތަމްރީނުދޭ މަރުކަޒުތައް ގުޅިގެން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"މިއީ ޖުމްލަކޮށް ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދީ، މިފަދަ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބާރުއަޅައި، މިފަދަ ޒުވާނުންނަކީ ގައުމުގެ އިގުތިސޯދީ ތަރައްގީ އާއި އިޖުތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމުގެ ގޮތުން ތައާރަފުކުރެވިފައި ޕްރޮގްރާމެއް،" މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގެ މުއްދަތަކީ ހަ މަސްދުވަހެވެ. މި ތަމްރީން ޕްރޮގްރާމުތައް ހިންގަނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސްތަކާ އެއްގޮތަށެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޓިވެޓް އޮތޯރިޓީގެ ނެޝެނަލް ސެޓްފިކެޓް ލިބޭނެއެވެ. މިއީ އެމްއެންކިޔުއެފް ލެވެލް 3 ގެ ސަނަދެކެވެ.

މިނިސްޓްރީން ބުނީ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް 1000 ފުރުސަތު ކަށަވަރުކުރެވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީންތައް ހިންގާ ދާއިރާތަކަކީ ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ, އިޖުތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.

ގޫގުލް ފޯމް ފުރައިގެން މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.