ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކެމްޕެއިން ކުރުމަށް ފުރުސަތު ލިބިއްޖެ ނަމަ ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމަށް މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.

އެމްޑީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

އެމްޑީއޭ އިން ދ. އަތޮޅުގެ 42 ގޮނޑިއަށް ވާދަކުރުމަށް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި ގޮނޑިތައް ނެގޭނެ ކަމުގެ. އެހެން ނަމަވެސް މީގަ ކާމިޔާބީ ތަނަވަސް ކުރުމަށްޓަކައި ކެމްޕެއިންގައި ކުރަން ޖެހޭ މަސައްކަތްތަކަށް އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައި،" އާމިރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހުރިހާ ފަރާތްތަކަށް ވެސް ކެމްޕެއިންކޮށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް އާމިރު ވަނީ ގޮވާލައްވައިފި އެވެ.

"އެޗްޕީއޭއާ އަދިވެސް ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް މި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށްވާތީވެ އަޅުގަނޑުމެނަށް މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަށް ވެސް ކެމްޕެއިން ކުރެވޭނެ ފުރުސަތުތަކެއް ތަނަވަސް ކޮށްދޭން ޖެހޭ،" އާމިރު ވިދާޅުވި އެވެ.

މިހާރު މި އޮތް ގޮތުން ނަމަ އިންސާނީ ބާރު ނުފޯރާ ކަމެއް ދީމާ ނުވާހާ ހިނދަކު، އަންނަ މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު އޮންނާނެ ކަން ފާހަގަކުރައްވައި އާމިރު ވިދާޅުވީ، ދަތުރުފަތުރުކޮށް ކެމްޕެއިން ކުރުމުގެ މަގު އެއްކޮށްހެން ބަންދުވެފައިވާ ކަމަށެވެ. ހަމައެއާއެކު ރަށްރަށުގައި ތިބެ ކެމްޕެއިން ކުރުމަށް ވެސް ބޮޑެތި ހުރަސްތަކާއި ދަތިތަކެއް ހުރިކަން އޭނާ ފަހަގަކުރެއްވި އެވެ.

ކެމްޕެއިން ކުރުމަށް ފުރުސަތު ދިނުމުގެ އިތުރުން އިންތިހާބު ބާއްވާނެ އަމާން މާހައުލެއް ފަހިކޮށްދެއްވަން ޖެހޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.