(22 މާޗުގެ އަދަދާ ގުޅޭ)

އެއްދުވަހަކު ޣަރުނާޠާ ކޮމާންޑަރުގެ މަންދޫބެއް حسن ގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ މަޢުލޫމާތު ގެނެސްދިނެވެ. ޙިޞްނުއްލައިޠު ކިއްލާއިން ޢީސާއީންގެ ދޮޅުހާސް ސިފައިން ޣަރުނާޠާއާ ދިމާޔަށް އެބައާދެއެވެ. އެހެންކަމުން މިރޭ އިރުއެރުމުގެ ކުރީން ކަލާގެ ސިފައިންނާއިގެން އެލަޝްކަރުގެ ފަހަތަށް ވަޑައިގެންފިނަމަ ޢީސާއީން ވޭތުވެދިޔަ ދުވަސްތަކުގައި އަލްމަރިއްޔާއާއި، ޣަރުނާޠާގެ ސަރަޙައްދުގައި ހިންގި މަގުފޭރުމުގެ ޙަރަކާތްތަކުގެ ބަދަލު ހިފިދާނެއެވެ. حسن ވަގުތުން އޭނާގެ ސިފައިން އެއްކުރައްވައި މަޝްވަރާ ކުރެއްވިއެވެ. ބައެއް އޮފިސަރުން އިޢުތިރާޟު ކުރައްވަމުން ވިދާޅުވިއެވެ. "ކޮމާންޑަރ އިން ޗީފުގެ އަމުރުފުޅަކާ ނުލައި އަޅުގަނޑުމެން ޣަރުނާޠާގެ ސަރަޙައްދަށް ވަނުމަކީ ރަނގަޅުކަމެއް ނޫން. ޣަރުނާޠާއާއި އަލްމަރިއްޔާއާ ދެމެދު ގުޅިފައިވާ ދިފާޢީ މުޢާހަދާއެއް ނެތްހައި ހިނދަކު ތިޔަފަދަ ފިޔަވަޅެއްގެ މަސްއޫލިއްޔަތު އުފުއްލެވުން ރަނގަޅެއް ނޫން."

حسن އެބާވަތުގެ އިޢުތިރާޟުތަކުގެ ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. "އަލްމަރިއްޔާއާއި ޣަރުނާޠާގެ މުޖާހިދުންގެ އެއްބައިވަންތަ މަސައްކަތުގެ ސަބަބުން ދެ ދައުލަތުގެ ވެރީންގެ މެދުގައި އެއްބައިވަންތަކަމުގެ މަގު ހުޅުވުމަކީ އެކަށީގެންވާ ކަމަކަށް ނުވާނެތޯ؟ މިކަމުގެ ޒިންމާއާ އަޅުގަނޑު ހަވާލުވާނަން. މިވަގުތު ޙާލަތު ލާޒިމުކުރަނީ އަޅުގަނޑުމެން ކޮންމެ މައިދާނަކުންވެސް ދުޝްމިނުންނާ ކުރިމަތިލާން. ދުޝްމިނުންގެ ކުރިއެރުން ހުއްޓުވަން. މިއަދު އަލްމަރިއްޔާގެ ސިފައިން ޣަރުނާޠާގެ ސަރަޙައްދުގައި ދުޝްމިނުން ކުރިއެރިޔަނުދީ ހުއްޓުވައިދީފިނަމަ އަޅުގަނޑަށް ޔަގީން، މާދަމާ ޣަރުނާޠާގެ މިނިވަން ޙަރަކާތުގެ ރިޟާކާރުން އަލްމަރިއްޔާގެ ސަރަޙައްދުގައި ފޯރިމަރައިދޭނެ. އަޅުގަނޑުމެންނަށް އަދި މިފެންނަނީ ނަޞާރާއިންގެ ޠޫފާނީ ވިލާގަނޑުގެ އެންމެފުރަތަމަ ރޯޅިފަށް. އެ ވަރުގަދަ ޠޫފާނީ ކޮޅިގަނޑު ރޫޅައިލުމުން އަޅުގަނޑުމެން ވަކިވަކީން ކުރާ މަސައްކަތްވާނީ ގޮނޑުދޮށުގައި ފީއިލޮށީން ފުޅައްގަނޑެއް އަޅާން މަސައްކަތްކުރުންފަދަ ކަމަކަށް."

ޒުވާނެއް ތެދުވެފައި ވާހަކަ ދެއްކިއެވެ. އޭނާ ބުންޏެވެ. "ރަނގަޅު މަގެއްގައި ފިޔަވަޅެއް އަޅާން އަޅުގަނޑުމެން ފަސްޖެހިފައި ތިބުމުގެ ބޭނުމެއް ނެތް. ލުޓޭރުންނާއި މަގުފޭރޭ މީހުންގެ މި ޖަމާޢަތުން މިހައިތަނަށްވަނީ އަލްމަރިއްޔާގެ އެތައް އަވަށެއް އަންދައި އަޅިޔަށް ހަދައިފައި. އަޅުގަނޑުމެން ޣަރުނާޠާގެ ސަރަޙައްދުން އެބައިމީހުންގެ ކިބައިން ބަދަލުހިފުންވެސް އެބައިމީހުންގެ އައު ޙަމަލައެއްގެ އިންތިޒާރުގައި މިތާނގައި ފޫހަރައިލައިގެން ތިބުމަށްވުރެ މާރަނގަޅު. އަޅުގަނޑުމެން އެންމެން މިތިބީ ކަލާއާއެކު. އަޅުގަނޑުމެންގެ

މި ފިޔަވަޅާމެދު ކޮމާންޑަރ އިން ޗީފް ހިތްޕުޅާ ހަމަނުކުރައްވައިފިނަމަ އަޅުގަނޑުމެން ދަންނަވާނަން. "އަޅުގަނޑުމެން މިފިޔަވަޅު އެޅީ އަޅުގަނޑުމެން އެންމެންގެ ޒިންމާގައޭ."

ވިދިގެންއައި ދުވަހުގެ ހެނދުނު ފަތިހު ނަޞާރާއިންގެ ފައުޖު ޣަރުނާޠާގެ ސަރަޙައްދުގެ ރަށަކަށް ޙަމަލަ ދީފިއެވެ. އެވަގުތު އަލްމަރިއްޔާގެ އަށްސަތޭކަ ސަވާރުން ފަރުބަދައެއްގެ ނިވަލުން ނުކުމެ ނަޞާރާއިންގެ ލަޝްކަރާ ދިމާކޮށްލައިފިއެވެ. ނަޞާރާއިން ރަށުގެ ޚިޔާލު ދޫކޮށްލައިފައި ފަހަތަށް އެނބުރި އަލްމަރިއްޔާގެ ސިފައިންނާ ކުރިމަތިލުމާއެކު ޣަރުނާޠާގެ ސިފައިން ރަށުގެ ދޮރޯށިތައް ހުޅުވައިލައިފައި ނުކުމެ ނަޞާރާއިންނާ ދިމާކޮށްލައިފިއެވެ. ނަޞާރާއިން ހައްޔަރުވީ މުސްލިމުންގެ ދެލަޝްކަރުގެ ދެމެދުގައެވެ. ގަޑިއެއްހައިއިރުގެ ތެރޭގައި ނަޞާރާއިން އެއުރެންގެ އަށްސަތޭކަ މީހުންގެ މުޅަމަސްގަނޑުގަނޑު ދޫކޮށްލައިފައި ފިލާން ދުއްވައިގެންފިއެވެ. އަލްމަރިއްޔާއާއި ޣަރުނާޠާގެ ސަވާރުން ވާދީ އާޝްއާ ހަމަޔަށް ނަޞާރާއިން ފަހައިދިޔައެވެ. ނަޞާރާއިންނަށް ކޯރުގެ ފާލަމާ ހަމަޔަށް ދެވުނުއިރު حسن ގެ ލަޝްކަރުގެ ދުނިދަނޑިވެރީން ތިބީ ފާލަމާ ދިމާޔަށް ޚަންދަޤު ކޮނެގެން ނަޞާރާއިންގެ އިންތިޒާރުގައެވެ. އެބައިމީހުންގެ ދުނީގެ ވާރޭގެ ސަބަބުން ނަޞާރާއިން ފަހަތަށް އެނބުރިލުމާއެކު އަލްމަރިއްޔާއާއި ޣަރުނާޠާގެ ސަވާރުން އަނެއްކާވެސް ނަޞާރާއިން ވަށައިލައިފިއެވެ. ވަރުގަދަޔަކަށް ލޭއޮހޮރުނު ހަނގުރާމަޔަކަށްފަހު ނަޞާރާއިންގެ ތިންސަތޭކަ ވަރަކަށް މީހުން މުސްލިމުންގެ ގޮނި ފޫވައްޓައިލައިފައި ނުކުމެގެންގޮސް ވާދީ އާޝަށް ފުންމައިލިއެވެ. ނަމަވެސް އެބައިމީހުން ފަތައިފައި އަނެއްފަރާތަށް ދިޔައިރު އެފަރާތުން ކޯރުގެ އައްސޭރީގެ ގުންޑޮޅިމަތީގައިވެސް حسن ގެ ތީރުވެރީންގެ ބަޔަކު އެބައިމީހުންގެ އިންތިޒާރުގައި ތިއްބެވެ. ކޯރުގެ އައްސޭރީގެ އުސް ގުންޑޮޅިމަތީން އުކި ތީރުތަކުން ސަލާމަތްވެވުނީ ދާދި މަދު މީހަކަށެވެ. ނަޞާރާއިންގެ ސަތޭކަ ފަންސާހެއްހައި މީހުން ކޯރަށް ފުންމައިލާން ނުކެރި ހަތިޔާރު ބެހެއްޓިއެވެ.

* * * * * * * * * * *

ހަނގުރާމަ ނިމުމަށްފަހު حسن بـن عبـدالمـنعــم ހުންނެވީ އަސީރުންނާއި ޒަޚަމީންނާ ބެހޭގޮތުން އޭނާގެ ސިފައިންނަށް އިރުޝާދު ދެއްވާށެވެ. ޣަރުނާޠާގެ ސަވާރުންގެ ތެރެއިން ދަގަނޑު ދަހަނާގައިހުރި މީހެއް އަސްމަތީގައި ވަރަށް ބާރަށް އައިސް حسن ގެ އަރިހަށް މަޑުކޮށްލައިފިއެވެ. حسن އަށް އޭނާ ފެނިވަޑައިގެންނެވުމާއެކު އޭނާގެ ބަސްފުޅު ހުއްޓިއްޖެއެވެ. އެއީ أحمـد بـن عبـدالمـنعــم އެވެ. ދެބެން އިރުކޮޅެއްވަންދެން ހުއްޓުންއަރައިފައި ހައިރާންފުޅުކަމާއެކު އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބަލަހައްޓަވައިގެން ތިއްބެވިއެވެ. އެއަށްފަހު ދެބޭފުޅުންވެސް އަސްމަތީން ފުންމައިލައްވައިފައި އެއްބޭފުޅަކު އަނެއްބޭފުޅަކާ އޮޅުލައިވަޑައިގެންފިއެވެ. ޣަރުނާޠާގެ އެތައް އަސްވާރުންނެއް އިރުކޮޅެއްގެ ތެރޭގައި حسن ގެ އަރިހަށް ޖަމާވެއްޖެއެވެ. އެއީ ހައްތާވެސް أحمـد އާއި حسن އާ ދެބެއިންނާއެކު ޢަސްކަރީ ސްކޫލުން ތަޢުލީމު ހާސިލުކުރި މީހުންނެވެ.

أحمـد ވިދާޅުވިއެވެ. "حسن! އަލްމަރިއްޔާ ޣަރުނާޠާއަކާ ދުރެއް ނޫން. އެހެންވީއިރު ކޮއްކޮއާ ބެހޭގޮތުން ގެޔަށް ޚަބަރު ފޮނުއްވާން ޖެހިވަޑައިގަންނަވާނެ. ކޮއްކޮގެ އެކުވެރީންވެސް ގޭގެ މައްޗަކުން ހަނދާނެއް ނުވޭތޯ؟"

حسن ޖަވާބު ދެއްވިއެވެ. "ލޯބިވާ ކުޑަބޭ! އަޅުގަނޑުމެން އަލްމަރިއްޔާއަށް އައިތާ އަދިމިވީ ތިންމަސްދުވަސް. މި މުއްދަތުގެ ތެރޭގައި ލުޓޭރުންގެ ޙަރަކާތްތައް ހުރިގޮތުން އަޅުގަނޑުމެންނަކަށް ގެއާމެދު ވިސްނާކަށެއް ފުރުސަތެއް ނުލިބޭ. ފަހަރެއްގައި މި ފަތަޙައަށްފަހު ނަޞާރާއިން ދުވަސްކޮޅަކު ހިމޭނުން ތިބެދާނެ. އަޅުގަނޑުމެންނަށްވެސް ޣަރުނާޠާއަށް ގޮސްލާނެ ވަގުތެއް ލިބިދާނެ."

أحمد ސުވާލު ކުރެއްވިއެވެ. "އަލްމަރިޔާއަށް ވަޑައިގެންނެވުމުގެ ކުރީން ކޮއްކޮ ހުންނެވީ ކޮންތަނަކުތޯ؟ ސަރުޤިސްޠާއިން ކޮއްކޮގެ އެއްވެސް ޚަބަރެއް ނުވެގެން ކުޑަބެއާއި ގޭގެ އެންމެން ވަރަށް ކަންބޮޑުވި. ކުޑަބެ އަމިއްލަޔަށް ސަރުޤިސްޠާއަށް ދިޔައިން. އެތަނުން ޚަބަރު ލިބުނީ ކޮއްކޮމެން ވަޒީފާ ދޫކޮށްލައްވައިފައި ވަޑައިގެންފިކަމަށް."

حسن އޭނާގެ ކުޑަބޭބެއަށް ޖަވާބުދެއްވަމުން އޭނާގެ ވާހަކަ ޚުލާޞާކޮށް ވިދާޅުވެދެއްވިއެވެ. އެއަށްފަހު އޭނާގެ ކުޑަބޭބެ އަރިހުން ގޭގެ ޚަބަރު އެއްސެވިއެވެ.

أحمـد ވިދާޅުވިއެވެ. "ގޭގެ އެންމެންތިބީ ހެޔޮހާލުގައި. މަންމައާއި ބޮޑުދައިތައާއި އުޚުތު ميـمــونـة އާ ތިއްބެވީ ކޮއްކޮގެ ޚަބަރެއް ލިބިވަޑައިނުގަންނަވާތީ ވަރަށް ފިކުރުފުޅު ބޮޑުވެފައި. إدريـس ބޭބެއާއި ބޮޑުބޭބެ المـــاس ގެ ހާލުވެސް ރަނގަޅު. އަޅުގަނޑުމެންގެ ޢާއިލާއަށް މެމްބަރަކު އިތުރުވެއްޖެ."

حسن ހައިރާންފުޅުވެވަޑައިގެން އޭނާގެ ކުޑަބޭބެއާ ދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ.

أحمـد ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ. "ކުޑަބެ މީހަކާ އިނދެފިން."

"ކޮންތަނަކުންތޯ؟"

"ޠުލައިޠުލާއިން."

حسن ވިދާޅުވިއެވެ. "މިއަދު އަޅުގަނޑަށް މިއިވެނީ ވަރަށް ބަރަކާތްތެރި ޚަބަރުތަކެއް. ބޭބެ އަދިވެސް ވަޑައެއް ނުގަންނަވާތޯ؟"

أحمـد ޖަވާބު ދެއްވިއެވެ. "އެއަލިކަމެއް ހޯއްދަވާން ބޭބެ ވަޑައިގެންނެވި އަލިކަމުގެ އަސަރުތައް ފާޅުވާން ފަށައިފި. ބޭބެ މީގެ ދެމަސްދުވަސް ކުރީން ގެޔަށް ވަޑައިގެންނެވި. އެކަމަކު އެއީ އެންމެ ތިންދުވަހަށް."

حسن އޭނާގެ އެކުވެރީންނާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު أحمـد އާ ދިމާޔަށް ވިދާޅުވިއެވެ. "ކުޑަބޭ! އަޅުގަނޑު އެހެންމީހުނާ ވަކީން ބޭބެއާ ވާހަކަ ދައްކައިލާން ބޭނުން."

حسن އާއި أحمـد އާ ދެބޭފުޅުން އެހެންމީހުނާ ތަންކޮޅެއް ދުރަށް ވަޑައިގެން ގަހެއްގެ ދަށުގައި ހުއްޓިވަޑައިގެންފިއެވެ. حسن ވިދާޅުވިއެވެ. "މީހުންގެ ތެރޭގައި މިވާހަކަ ދަންނަވާން އަޅުގަނޑަށް ނުފެނުނީ. ބޭބެ އެއްވެސް އުންމީދީ ޚަބަރެއް ގެންނެވިތޯ؟"

"ވަރަށް އުންމީދީ ޚަބަރެއް."

"އަޅުގަނޑަށް ވިދާޅުވެދެއްވާ!"

"ބޭބެ قـاضى أبـو جـعـفـر ގެ އަރިހުގައި ވިދާޅުވި. އަލްފާންސޫ ދެކުނަށް މިސުރާބު ޖައްސަވާ މައްސަލަ أميـر يـوسف بـن تـاشـفـيـن ދެކެވަޑައިގަންނަވަނީ ކަންބޮޑުވެވަޑައިގެންނެވުމުގެ ނަޒަރަކުން. އަންދަލުސުގެ ވެރީންނާއި ދަންނަބޭކަލުން އިއްތިފާޤުވެވަޑައިގެން އަންދަލުސުގައި ނަޞާރާއިންނާ ދެކޮޅަށް ޖިހާދުކުރައްވަން أميـر يـوسف އަށް ދަޢުވަތު އަރުއްވައިފިނަމަ އޭނާ އިންކާރެއް ނުކުރައްވާނެ. ބޭބެ މިހާރުވަނީ އެފުރިކާގެ އަރައިތިއްބެވި ޢިލްމުވެރީންކުރެ أميــر يـوسف ގެ މައްޗަށް އަސަރު ފޯރުއްވެވޭ ބޭބޭކަލުންގެ ޚިޔާލުފުޅުވެސް ބޭބެއާ އެއްގޮތް ކުރައްވައިފައި. ބޭބެ ވަނީ ބަރުބަރީ ޤަބީލާތަކުގެ ވެރީންވެސް އަންދަލުސަށް އެހީވާން އެއްބަސްކުރުއްވައިފައި. أميـر يـوسف މިހާރުވަނީ އެފުރިކާގެ ދާޚިލީ ހަނގުރާމަތަކުންވެސް ނިމިވަޑައިގެންފައި. އެހެންކަމުން މިއީ އޭނާގެ އަރިހުން އެހީފުޅަށް އެދެން އެންމެރަނގަޅު ވަގުތު. قـاضى أبـو جـعـفـر ބޭބެއާ ބައްދަލުވެވަޑައިގެންނެވުމަށްފަހު އަންދަލުސުގެ ދަންނަބޭކަލުންނަށް ޤުރުޠުބާއަށް ވަޑައިގަންނަވާން ދަޢުވަތު ދެއްވި. އެބައްދަލުވުމުގައި މުލޫކުއްޠަވާއިފުންކުރެ ބައެއް ބޭފުޅުންގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވި."

حسن ވިދާޅުވިއެވެ. "އަޅުގަނޑު މުރުސިއްޔާއިން ތިޔަ ބައްދަލުވުމުގެ ވާހަކަ އަޑުއެހިން. އެކަމަކު އަޅުގަނޑަކަށް އެއްވެސް ތަފުސީލެއް ނޭނގުނު."

أحمد ވިދާޅުވިއެވެ. "ކުޑަބެ އެ ޖަލްސާގައި ބައިވެރިވިން. އެ ޖަލްސާގެ ޙަރަކާތްތައްވަނީ ގަސްދުގައި ސިއްރުކޮށްފައި. ނަމަވެސް މާގިނަދުވަހެއްނުވެ އެކަންކަން އާއްމުވެދާނެ. ޢިލްމުވެރީން ވަނީ އަނެއްކާވެސް މުލޫކުއްޠަވާއިފުންގެ އަރިހަށް ޢިލްމުވެރީންގެ ވަފުދެއް ފޮނުއްވަން އެއްބަސްވެވަޑައިގެންފައި. މަޤުޞަދަކީ أميـر يـوسف ގެ ޤިޔާދަތުގައި އަލްފާންސޫއާ ދެކޮޅަށް ޖިހާދުކުރާނެ ގުޅިފައިވާ ޢަސްކަރީ މަޙާޒެއް އުފައްދަވަން އެއްބަސްވެވަޑައިގަންނަވާތޯ ދަޢުވަތު ދެއްވުން. قـاضى أبـو جـعـفـر ގެ ވެރިކަމުގައި އެ ވަފުދު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ معـتـمـد ގެ އަރިހަށް. އަލްފާންސޫ އިޝްބީލިއްޔާއަށް ޙަމަލަދެއްވުމުން معـتـمـد އަށް ވަނީ ވަރަށްބޮޑު ޢިބުރަތެއް ލިބިވަޑައިގެންފައި. އެއްޒަމާނެއްގައި އޭނާ قـاضى أبـو جـعـفـر އަށް އިޝްބީލިއްޔާގެ ބިމުގައި ފައިތިލަފުޅު ޖައްސައިލައްވާކަށެއްވެސް ހުއްދައެއް ނުދެއްވާ. އެކަމަކު މިފަހަރު معـتـمـد، قـاضى أبـو جـعـفـر ގެ އިސްތިޤުބާލުގައި ރަށުގެ ދޮރޯށިދޮށުގައި ހުންނެވި. ބައެއް ޢިލްމުވެރީން ހީފުޅުކުރެއްވީ معـتـمـد، أميـر يـوسف އަށް މަރުޙަބާ ވިދާޅުވިކަމުގައިވިޔަސް أميـر يـوسف ގެ ޤިޔާދަތު ގަބޫލު ނުކުރައްވާނެކަމަށް. ނަމަވެސް އަލްފާންސޫގެ ކަނޑިކޮޅު معـتـمـد ގެ ވައިނޮޅިފުޅުގެ ކައިރީން ފެނިވަޑައިގެންނެވުމުން އޭނާގެ ވިސްނުންފުޅު މިހާރުވަނީ ވަރަށް ތަފާތުވެފައި. އެހެންކަމުން ދަންނަބޭކަލުންގެ ވަފުދާ ބައްދަލުކުރެއްވުމަށްފަހު އޭނާ ވަނީ ޚުދު އޭނާގެ ފަރާތްޕުޅުން މުލޫކުއްޠަވާއިފުންގެ އަރިހަށް ޤާޞިދުން ފޮނުއްވައިފައި. މިމަހު އަންދަލުސުގެ ހުރިހާ أميــرން ނުވަތަ އެބޭފުޅުންގެ މަންދޫބުން އިޝްބީލިއްޔާގައި ބައްދަލުކުރައްވާނެ. ކުޑަބެއަށް ޔަގީން މީގެކުރީން އިސްލާމްދީނުގެ ނަމުގައި ދުވަހަކުވެސް އެއްތަންވެވަޑައިނުގަންނަވާ ބޭފުޅުން މިފަހަރު އެބޭފުޅުންގެ ޖާނު ސަލާމަތްކުރެއްވުމަށްޓަކައި އެއްބައިވެވަޑައިގަންނަވާނެ. އަލްފާންސޫގެ ލަޝްކަރު މިހާރު އޮތީ ޠުލައިޠުލާގައި ތައްޔާރަށް. އެބައިމީހުން މިކޮޅަށް ދަތުރު ފަށާކަށެއް ލަހެއް ނުކުރާނެ. އައްނަވާރާއި، އަރާޣޫނާއި ލިޔޫނުގެ ޢީސާއީ ވެރީންގެ އިތުރަށް ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ އެތަކެއްހާސް ސަވާރުންވެސް އަލްފާންސޫގެ ދިދައިގެ ދަށަށް އެބަޖަމާވޭ."

حسن ގެ ހިތްޕުޅުވަނީ އުފާފުޅުން ފުރިފައެވެ. އޭނާ ވިދާޅުވިއެވެ. "ކުޑަބެއަށް ތިޔަ ހުރިހައިކަމެއް އެނގިވަޑައިގަންނަވާއިރު އަޅުގަނޑަކަށް އެއްވެސްކަމެއް ނޭނގެ. ކުޑަބެ ހުންނެވީ އަޅުގަނޑާ މިހައި ކައިރީގައި ކަމެއްވެސް އަޅުގަނޑު ނުދެނެހުރިން. އަޅުގަނޑުގެ ޖާސޫސުން މި ދިފާޢީ މަރުކަޒުގެ ކޮމާންޑަރަށް ވަރަށް ތާރީފުކުރޭ. އަޅުގަނޑު ހީކޮށްގެންހުރީ ކުޑަބެގެ ބަދަލުގައި މިތަނުން ބައްދަލުވާނީ ޣަރުނާޠާގެ ފައުޖުގެ އޮފިސަރުންކުރެ އުމުރުފުޅުން ދުވަސްފުޅުވީ ތަޖުރިބާކާރު އޮފިސަރަކާ ކަމަށް."

(ނުނިމޭ)