ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ.

ޑރ. މުއިއްޒު މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އޭސީސީއަށް ހާޒިރު ކޮށްފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. މުއިއްޒު ތުހުމަތު ކުރެއްވީ އެއީ އޭނާގެ ކެމްޕެއިނަށް ހުރަސް އެޅުމަށް ކުރައްވާ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް މުއިއްޒުގެ އެ ވާހަކަ ދޮގުކޮށް އޭސީސީން ބުނީ، މުއިއްޒު އެ ކޮމިޝަނަށް ހާޒިރުކުރީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޫން ކަމަށާއި ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކައުންސިލް އިންތިހާބު އިއުލާން ކުރި ފަހުން ވެސް އަދި އޭގެ ކުރިން ވެސް މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެ ކަމަށެވެ.

މުއިއްޒު މިއަދު އޭސީސީއަށް ހާޒިރުވާން އަންގާފައި އޮތީ މިއަދު ހަވީރު 4:00 އަކަށެވެ. ނަމަވެސް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

މީގެ ކުރިން މުއިއްޒު އޭސީސީއަށް ހާޒިރުކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް އޭނާ ހުންނަވައިި ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތަކުގެ މައްސަލައިގަ އެވެ.