ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ބޭބޭފުޅު، ދުބާއީގެ ޑެޕިއުޓީ ރޫލާ އަދި ޔޫއޭއީގެ ފިނޭންސް މިނިސްޓަރު ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޝައިހް ހަމްދާން އަވަހާރަވިކަން މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާން ކުރެއްވީ އޭނާގެ ކޮއްކޯފުޅު އަދި ދުބާއީގެ ލީޑަރު ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއެވެ. އޭނާ އަވަހަރާވެފައިވަނީ އުމުރުން 75 އަހަރުގައެވެ.

ރައީސްގެ މެސެޖުގައި ދުބާއީގެ ޑެޕިއުޓީ ރޫލާ ޝައިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނަކީ އެ ގައުމުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވަކިވެ ދިއުމުގެ އުނިކަން މުޅި ޔޫއޭއީގެ އިތުރުން މެދުއިރުމައްޗާއި މުޅި ދުނިޔެ ވެސް އިހުސާސްކުރާނެ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖުގައި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ގައުމުގެ ރައްޔިތުންނަށާއި ހާއްސަކޮށް ޔޫއޭއީ ނައިބު ރައީސް އަދި ބޮޑުވަޒީރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ޝައިހް ހަމްދާން ޔޫއޭއީގެ ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ 1971ގައި އެގައުމު ފުރަތަމަ އުފެދުނު އިރު އެކުލަވާލި ކެބިނެޓާ އެއްކޮށެވެ.