މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ހިނގި ހިތާމަވެރި ދެ އެކްސިޑެންޓްގައި ދެމީހުން މަރުވެފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގުކޮށް، އެކަމުގައި އިހުމާލުވާ ކަމަށް، އިންވެސްޓިގޭޝަން ރިޕޯޓުގައި، ފާހަގަ ކޮށްފައިވާ އެމްޕީއެލްގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެކަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން އެ މައްސަލަ ދިރާސާާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓާއެކުގައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

މި ފަހުގެ ތާރީހުގައި އެމްޕީއެލްގައި ހިނގި ހިތާމަވެރި ދެ ހާދިސާގެ ތެރެއިން ފަހެއް ފެބްރުއަރީ 2021 ގައި، އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި، ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި އޭގެ ދަށުވެގެން ލިބުނު ޒަހަމްތަކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިންޑިއާއަށް ގެންގޮސް އިތުރަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ، ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އިމްރާން އަލީ، 28އ. އެވެ. އޭނާ މަރުވީ އެމަހުގެ 17 ވަނަ ދުވައެވެ.

ދެވަނަ ހާދިސާގައި، ހުސްވި ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެރޭ އެމްޕީއެލް ސަރަހައްދުގައި، ބިއްލޫރި ޕެލެޓެއް ވެއްޓި އޭގެ ދަށުވުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް (27އ) އެވެ. އޭނާ މަރުވީ އެ މަހުގެ 16 ގައެވެ.

މި މައްސަލައިގައި އެމްޕީއެލް އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލަ ބެލުމަށްފަހު އިއްޔެ ފާސްކުރި ރިޕޯޓްގައި، ޓްރާންސްޕޯޓް މިނިސްޓްރީ އަށާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން އެމްޕީއެލްއަށް އެންގުމަށްޓަގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.

އެގޮތުން، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ އެއްްގޮތަށް ބަނދަރުތަކުގެ ސެކިއުރިޓީގެ ކަންކަން ލާޒިމް ކޮށްފައިވާތީ، ބަނދަރުތަކުގެ ސެކިއުރީޓީއާ ގުޅޭގޮތުން، ވީ އެންމެ އަވަހަށް ބަނދަރުތަކާބެހޭ ގާނޫނެއް އެކުލަވައިލައި މަޖިލީހަށް ހުށަހެޅުމަށާއި ބަނދަރުތަކުގެ ސަލާމަތާ ބެހޭ ގަވާއިދުތައް އެކުލަވައިލުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގަން ވަނީ ހިމަނައިފައެވެ.

ބަނދަރުތަކުގައި ހިނގާ ކަންކަން އާއްމު އުސޫލުން މޮނިޓާ ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައި އެކަންކަން ރިޕޯޓް ކުރެވޭނެ ގޮތެއް ގާއިމް ކުރުމަށް ޓްރާންސްޕޯޓް އޮތީރިޓީ އާއި އެމްޕީއެލްއަށް އަންގަންވެސް ވަނީ ހިމަނައިފައެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ސޭފްޓީ އެންޑް ހެލްތު އިން ޕޯޓްސްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެޑްމިނިސްޓްރޭޝަން ގެ ގައިޑްލައިނާ އެއްގޮތަށް ކޮންޓެއިނާ ޔާޑާއި ޕޯޓްސް ކްލިއަރިން އޭރިއާ ވަކިކުރުމަށް އެމްޕީއެލްއަށް އެންގުމާއި، ސ. ހިތަދޫ ޕޯޓްސް ފެސިލިޓީ އާއި ހދ. ކުޅުދުއްފުށީ ޕޯޓްސް ފެސިލިޓީ އާއި ހުޅުމާލެ ޕޯޓް ފެސިލިޓީގެ ސެކިއުރިޓީ އެސެސްމެންޓް ހަދައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓްސް ފެސިލިޓީ ސިކިއުރިޓީ ކޯޑް ކޮމްޕްލެއިން އޮޑިޓްގެ މަސައްކަތް ނިންމުމަށްފަހު ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުމަށް އެމްޕީއެލްއަށް އެންގުމަށްވެސް ވަނީ ހިމަނައިފައެވެ.

އެމްޕީއެލްގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި، ކުންްފުނިން ހިދުމަތް ހޯދަން ވައްދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކުންފުނީގެ މުވައްޒަފުންނާއި ބަނދަރުން ހިދުމަތް ހޯދާ އެންމެހާ ފަރާތްތައް ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކަށް ތަބާވޭތޯ ކަށަވަރު ކުރުމަށް އެންގުމަށާއި، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާމިނަލަށް މުދާ ކްލިއާކުރަން ވަންނަ ކުލިއަރިން އެޖެންޓުންގެ ކުލިއަރެންސް އެޖެންޓް ރެޖިސްޓްރޭޝަން ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް 30 އޭޕްރީލްގެ ކުރިން ނިންމަން އެމްޕީއެލްއަށް އެންގުމަށްވެސް ހިމަނާފައިވެއެވެ.

އެ ދެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ޖިނާއީ ތަހުގީގު ކުރުމަށްފަހު، ތަހުގީގު ރިޕޯޓު ކޮމެޓީއާ ހިއްސާ ކުރުމަށް އެންގުމަށްވެސް ރިޕޯޓުގައި ހިމަނާފައި ވެއެވެ.