ޚަބަރު

މިއަހަރު ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް

މުއާވިޔަތު އަންވަރު

އަންނަ ރަމަޟާންމަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން ފެށިގެން މެންދުރު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 09:00 އިން ފެށިގެން މެންދުރު 1:00ގެ ނިޔަލަށް ކަމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރަމަޟާންމަހާއި ހަ ރޯދައިގަ މަސައްކަތް ކުރާ ވަގުތު ކުޑަކުރި ނަމަވެސް، ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވުމާއެކު، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރަމުން ގެންދިއުމުގައި ރައީސް އޮފީހުން ހަދާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.

މިއަހަރު ރޯދަ މަހު ހެނދުނު 9:00 ޖަހާއިރު ސަރުކާރު ހުޅުވި ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑި ފެށޭ ގޮތަށް އޮތީ 10:00 ޖަހާއިރު އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަސް އެއްކޮށްހެން އޮތީ ސަރުކާރު ބަންދުކޮށްފަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕެރެޑެއް ފެށުނު ދުވަސްކޮޅާއި ރޯދަމަސް ދިމާވުމުންނެވެ.