ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ރައްްޔިތުންގެ މަޖިލިސް މެންބަރުންނަށް ބޭރަށް ނުކުމެ އުޅެވޭގޮތް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހެޅުމަަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، މަޖިލިސް މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތާއި އެ މަސައްކަތުގެ ބާވަތާއި، ގަޑި އާއި ތަންތަނަށް ބަލާއިރު މަޖިލިސް މެންބަރުންނަށް ފަސޭހަކަމާއެކު ތަންްތަނަށް ވަޑައިގަތުމަށާއި، އެބޭފުޅުންގެ މަސައްކަަތަށް ދަތި ނުވާނެ ގޮތަށް މަގުތަކުގައި އުޅުމަކީ މުހިއް މުކަމެއް ކަމަށެވެ.

މަޖިލިސް މެންބަރުން ގެ ތަކުގައި ބަންދުވެފައި ތިބުމަކީ އެބޭފުޅުންގެ ދާއިރާތަކަށްވެސް ދަތިވާ ކަންތައްތަކެއް ކަމަށް ފާހަގެވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށްފަހު މަޖިލީހުގެ މެންބަރުން ކުރައްވާ މަސައްކަތްޕުޅަކީ ވަކި ވަގުތެއް ކަނޑައެޅިފައިނުވާ، އަދި ވަކި ތަނެއްގައި ތިއްބަވައިގެން ކުރައްވާ މަސައްކަތެއް ކަމަށް ނުވާތީ އެޗްޕިއޭއިން މިހާރު ނެރެފައި އޮތް އިއުލާންގައިވާ ވަގުތުތަކުގައި، މާލޭ ސަރަހައްދުގެ އެކި ތަންތަނުގައި މަޖިލިސް މެންބަރުންނަށް ހަރަކާތްތެރިވެ އުޅެވޭގޮތަށް އަމަލު ކުރަންޖެހޭ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށް، މަޖިލިސް ރައީސްއަށް ދެންނެވުމަށް ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

މުގައްރިރު ވިދާޅުވީ ކޮމިޓީގެ އެ ނިންމުން ސިޓީއަކުން މާދަމާ މަޖިލިސް ރައީސަށް އަރުވާނެ ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަޖިލިސް ރައީސަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރޭގަނޑު 6:00 ގެ ފަހުން ހާއްސަ ހުއުްދައެއްގެ ދަށުން ނޫން ގޮތަކަށް ވެހިކަލް ނުދުއްވުމާއި، ރޭގަނޑު 11:00ގެ ފަހުން ބޭރުގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.