ޓެކްސް ދެއްކުމަށް މަކަރު ހަދައި، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި، މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި، ޓެކުހާ ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލައިފައިވާ މުއާހަދާތަކުގައި ރާއްޖޭން ބައިވެރިވުމާމެދު މަޖިލީހުގެ ލަފާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ފަހު އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އެ މުއާހަދާ ތަކުގައި ސޮއިކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް ފާސްކޮށްގެންނެވެ.

"ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް،" (އެމް.އޭ.އޭ.ސީ) އާއި، އެ މުއާހަދާއާ ގުޅޭ އިތުރު ދެ މުއާހަދާއެއް ކަމުގައިވާ "މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓްސް އިންފޮމޭޝަން" (އެމް.ސީ.އޭ.އޭ-ސީ.އާރް.އެސް) އަދި "މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އެކްސްޗޭންޖް އޮފް ކަންޓްރީ ބައި ކަންޓްރީ ރިޕޯޓްސް" (އެމް.ސީ.އޭ.އޭ-ސީ.ބީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ހުސްވި ފެބްރުއަރީ މަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް ފިނޭންސުން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން ވާޗުއަލްކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުއެވެ.

އެމްއޭއޭސީ އަކީ ޓެކްސް ދެއްކުމަށް މަކަރު ހަދައި، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި، މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި، ޓެކުހާ ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ މުއާހަދާއެކެވެ. އަދި، މި މުއާހަދާގައި އެއްބަސްވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، އެމް.ސީ.އޭ.އޭ.ތަކުގައި ބައިވެރިވާ ގައުމުތަކުން ސޮއިކުރަންޖެހެއެވެ.

މި މުއާހަދާގައި ބައިވެރިވުމުގެ ބޭނުންތަކުގެ ތެރޭގައި، ގްލޯބަލް ފޯރަމް މެންބަރެއްގެ ގޮތުން އެކްސްޗޭންޖް އޮފް އިންފޮމޭޝަން ނިޒާމެއް ގާއިމުކުރުމާއި، އިންކްލޫސިވް ފްރޭމްވަރކް އޮން ބޭސް އިރޯޝަން އެންޑް ޕްރޮފިޓް ޝިފްޓިންގ (ބެޕްސް) ގެ ދަށުން ޓެކްސް ޓްރާންސްޕޭރަންސީއާ ގުޅުން ހުރި އެކްޝަންތައް ތަންފީޒުކުރުމާއި، ޔޫރަޕިއަން ޔޫނިއަން ލިސްޓް އޮފް ނޮން-ކޯޕަރޭޓިވް ޖުރިސްޑިކްޝަންސް ފޮރ ޓެކްސް ޕަރޕަސަސްގައި ދިވެހިރާއްޖެ ނުހިމެނުމަށް ވެފައިވާ ކޮމިޓްމަންޓްތައް ފުރިހަމަކުރުން ހިމެނެއެވެ. އެ ލިސްޓަކީ، ޓެކުހަށް މަކަރުހެދުމާއި، ޓެކްސް ދެއްކުމުން އެއްކިބާ ވުމާއި، މަނީ ލޯންޑަރިންގ ފަދަ ކުށްތައް ދެނެގަތުމަށް އެކުލަވައިލާފައިވާ ޓޫލްއެކެވެ.