ކްލަބު އީގަލްސްގެ ފުރަތަމަ އަންހެން ޗެއާޕާސަންއަކީ ފާތުމަދު ސުއާދު (ތާތު)އެވެ. މީގެ ދެ ހަފުތާއެއް ކުރިން ރަސްމީ މަސައްކަތާ ތާތު ހަވާލުވެފައިވާ އިރު، އެ މަސައްކަތުގެ ތެރެއިން އީގަލްސްއަށް ބަދަލުތަކެއް ގެންނަން އޭނާ ހުރީ ތައްޔާރަށެވެ. އީގަލްސްގެ ދައުރު ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ފުޅާކުރުމަކީ ތާތުގެ ފުރަތަމަ ވިސްނުން ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. ތާތުއާ އީގަލްސްއާ އޮތީ ކުރިންވެސް ހާއްސަ ގުޅުމެކެވެ. މިއަދު ޗެއާޕާސަން ކަމުގައި ހުރުމަކީ އޭނާއަށް ލިބޭނެ ފަޚުރެއްވެސް މެއެވެ.

"ކުރިން ފެށިގެންވެސް އީގަލްސްއަށް ޚާއްސަ ގުޅުމެއް އޮންނާނެ. އަޅުގަނޑުގެ ބައްޕަ އާދަމް މަނިކުވެސް ކުރިން އީގަލްސްގެ ޗެއާމަންކަން ކުރެއްވި. އެއީ ގާތްގަނޑަކަށް 2008، ނޫނީ 2009 ކަމަށް ހަނދާންވަނީ. އަސްލު ޗެއާޕާސަން ކަމުގައި ފުރަތަމަ ވިސްނުން ބަހައްޓަމުން ދަނީ އަންހެނުންގެ ބައިވެރިވުން ކްލަބަށް އިތުރު ކުރުމަށް. އަދި އަންހެން ފީލްޑަށް ކްލަބު އީގަލްސް އެކިއެކި ކުޅިވަރުތަކުން ނެރެން މި ވިސްނަނީ. ހަމައެކަނި ފުޓުބޯޅައަކަށް ނޫނޭ ވާހަކައަކީ އީގަލްސް ފޯކަސް މިހާރު ހުރީއެއް. އެހެންވީމަ އެ ފީލްޑްތަކުން މަސައްކަތްތައްވެސް ކުރަން މިހާރު މި ވިސްނަނީ،" އީގަލްސްގެ ޗެއާޕާސަން ތާތު "ވަން" އަށް ވިދާޅުވިއެވެ.

އީގަލްސްގެ ފުރަތަމަ ޑިވިޝަން ޓީމާ ދާދިފަހުން ތާތު ބައްދަލުކޮށްފައިވަނީ ފަރިތަކުރުންތަކަށް ގޮހެވެ. ކުޅުންތެރިންނާ ކޯޗުންނާ ވާހަކަދައްކައި، އަންހެނަކަށް ވީތީ އެކަމަށް އެއްވެސް ޗެލެންޖެއް ކުރިމަތިވޭތޯ ތާތު ގާތުން ސުވާލު ކޮށްލުމުން ބުނީ، އެއީ ތަޖުރިބާގެ އަލީގައި އެއްވެސް ޗެލެންޖެއް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް ޗެލެންޖެއް ނޫން އަންހެނެއްގެ ގޮތުގައި ހުރެ ކުޅުންތެރިންނާ ކޯޗުންނާވެސް ޑީލް ކުރުމަކީ. އެއީ ކުރިންވެސް އަޅުގަނޑުގެ ކެރިއާ ބޭސްވެފައި އޮންނަނީ އަންހެނެއްގެ ގޮތުގައި ހުރެ ބައިވަރު ފިރިހެނުންނާވެސް ޑީލް ކުރަން ޖެހޭނެ ގޮތަކަށް. ރިސޯޓް ދިރިއުޅުމެއްގެ އިތުރުން ކޮންސްޓްރަކްޝަންގެ ތެރެއިންވެސް ހަމަ ބައިވަރު ފިރިހެނުންނާ ޑީލް ކުރަން ޖެހޭ، އެއީ ޗެލެންޖެއް ނޫން،" ތާތު ފާހަގަކުރިއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބެއްގެ އެންމެ ފުރަތަމަ އަންހެން ޗެއާޕާސަންއަކީ މިހާރު ރައްޔިތުން މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲއެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުގައި އީވާ ޗެއާކަން ކޮށްފައިވާއިރު، އެފަދަ މަގާމުތަކުން އަންހެނުން ފެނުމަކީ ތާތު ގަބޫލުކުރާ ގޮތުގައިވެސް މުހިއްމު ކަމެކެވެ. އެގޮތުން ތާތު ބުނީ އެންމެ މުހިއްމު ކަމަކީ އެފަދަ މަގާމުތަކުގައި ތިބެ، ހުރިހާ ކަނބަލުންނަށް ހޯދައިދެވޭނެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.

"އަސްލު ހަމަ އެކީ އެކައްޗަކަށް ފުރުސަތުތަކުގައި އެންމެންގެވެސް އެމްޕަވާމަންޓް މުހިއްމީ، އެކަމަކު ފުރުސަތު ތަކަށް ބަލާއިރު އަދިވެސް އަންހެނުންގެ އެމްޕަވާމަންޓަށް ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށް ފާހަގަވޭ. އެހެންވީމާ މިކަހަލަ ކަމެއްގެ ތެރެއިންވެސް ހުރިހާ އަންހެނުންނަށް އެ އެމްޕަވާމަންޓްގެ ފުރުސަތު ހޯދުން އެއީ އެންމެ މުހިއްމު ކަމަކީ،" އީގަލްސްގެ އިތުރު މަސައްކަތްތަކައިގެން ކުރިއަށް ދާން ތައްޔާރަށް ހުރި ތާތު ބުންޏެވެ.

ކްލަބު އީގަލްސްއަކީ ފުރަތަމަ ޑިވިޝަންގައި ގުނައިލެވޭ، ކާމިޔާބީތަކަށް މިސްރާބު ހިފާފައިވާ ނަމެކެވެ. އެ ކްލަބުން މިއަހަރުގެ ޗެރިޓީ ޝީޑްލް އުފުލައިލުމުގެ އިތުރުން ޕްރެސިޑެންޓްސް ކަޕްވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މިއަހަރަކީ ކްލަބުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ވާދަކުރާނެ އަހަރެވެ. އޭއެފްސީ ކަޕްގެ ޕްލިމިނަރީގައި މިފަހަރު އީގަލްސް ވާދަކުރާއިރު، އެކަންވެސް ވެގެންދާނީ ކްލަބުގެ ތާރީހަށް މުހިއްމު ކަމަކަށެވެ.