ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ މެއި މަހުގެ 30 ވަނަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
މި އިނާމަކީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި ދޭ އިނާމެކެވެ. އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ މައިގަނޑު ކަންކަމުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި ހިދުމަތްކުރި މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ މަސައްކަތްތަކާއި އެ މުއައްސަސާއަކުން ހިންގައިފައިވާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި ހާސިލުކޮށްފައިވާ ކާމިޔާބީތައް ހިމެނެ އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކޮށްފައިވާ ބޭފުޅުންނަށް، ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް ދެއްވާނެކަން އިއުލާނު ކުރައްވައިފަ އެވެ.
މި އިނާމުގެ ތަފުސީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަން ޖެހޭނެ ހިދުމަތްތަކެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ކަނޑައެޅޭ މިންގަނޑުތަކަކަށް ރިއާޔަތް ކުރައްވައިގެން ދެއްވާ އިނާމެއްކަންވެސް ރައީސް ވަނީ އޭރު ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު