ގިނަ ކުލަބުތަކަކުން ފާރަލަމުން އަންނަ ނަމަވެސް، ކޮންޓުރެކްޓެއްގައި ހުރެ ޑޯޓުމަންޑް ނޫން ކުލަބަކަށް ކުޅެން ނުވިސްނާނެ ކަމަށް ނޯވޭ ފޯވަޑް އާލިން ހާލަންޑް ބުނެފިއެވެ.

މިވަގުތު މުޅި ޔޫރަޕުގައި ވެސް ހުރި އެންމެ ޑިމާންޑު ބޮޑު އެއް ކުޅުންތެރިޔަކީ ހާލަންޑެވެ. އުމުރުން 20 އަހަރުގެ ހާލަންޑަކީ ފުޓުބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާއިރު، ހާލަންޑު ވަނީ ޗެމްޕިއަންސް ލީގުގައި ވެސް ތަފާތު ދައްކައިފައެވެ. ކުއާޓާ ފައިނަލަށް ޑޯޓުމަންޑް ގެންދިއުމަށް ގިނަ ގޯލުތަކެއް ޖަހައި ހާލަންޑުގެ ކުޅުން ފާހަގަކުރެވުނީ ދުނިޔޭގެ އެންމެ މަތީ ފަންތީގައެވެ.

ހާލަންޑު ހޯދުމަށް މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ އަދި ޕީއެސްޖީ ފަދަ ކުލަބުތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އޭނާ ބުނެފައިވަނީ މިވަގުތު ހުރީ ޑޯޓުމަންޑުގެ ކޮންޓުރެކްޓެއްގައި ކަމަށާއި ކުލަބު ބަދަލުކުރަން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ.

"އެއްވެސް ވަރަކަށް ނުވިސްނަން އެހެން ކުލަބަކަށް ބަދަލުވާކަށް. އަދި ބާކީ ތިން އަހަރު އެބަ އޮތް ކޮންޓުރެކްޓްގައި،" ހާލަންޑު ބުނެފައިވެއެވެ.

ހާލަންޑު އެހެން ބުނި ނަމަވެސް، އޭނާގެ އެޖެންޑް، މިނޭ ރައިއޯލާ އަކީ ޓްރާންސްފާތަކުގެ ވާހަކަ އާންމުކޮށް ދައްކާ އެޖެންޓެކެވެ. ދެފަހަރެއްގެ މަތިން އޭނާ ވަނީ ހާލަންޑުގެ ޓްރާންސްފާގެ ވާހަކަ ވެސް ދައްކައިފައެވެ. ރައިއޯލާ ކުރިން ބުނެފައިވަނީ ހާލަންޑުގެ އަގު އަދާކުރުމުގެ ގާބިލުކަން ހުރީ މަދު ކުލަބުތަކެއްގައި ކަމަށާއި އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ކުލަބެއް ހިމެނޭ ކަމަށެވެ.