ވަޒީފާގެ ރައްކާތެރިކަމާއެކު ވިޔަފާރި ދަރަނިވެރިވުމުން މުވައްޒަފުން މަދުކުރެވޭނެ ޖާގަވެސް އޮންނަންވާނެ ކަމަށާއި ނަމަވެސް އެކަން ކަމުނުދާނަމަ ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮޕް މޯލްޑިވްސް (ޓީމް) އިން ކުރި ޓުވީޓަކާ ގުޅިގެންނެވެ. އެގޮތުން ޓީމް އިން ކުރި ޓުވީޓެއްގައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ގިނަ މުވައްޒަފުންތަކެއް ރިސޯޓްތަކުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެ ފަރާތްތަކުން އިންސާފު ހޯދުމަށް ޓުރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުން، ވަޒީފާއިން ވަކިކުރި ރިސޯޓުގެ އެޗްއާރު ތަކުން ދެނީ ނުބައި ރިފަރެންސެއް ކަމަށްވެސް ޓީމް އިން ތުހުމަތު ކުރެ އެވެ.
ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 21 ވަނަ މާއްދާއަކީ ގާނޫނުގައި ސާފުކޮށް ހުރިހާ އެންމެންނަށް އެއްހަމައަކުން އަމަލުކުރުމަށް ލިޔެވިފައިވާ މާއްދާއެއް ކަމަށާއި އެކަންވެސް ކަމުނުދާ ނަމަ ބަދަލުކުރެވޭނެ ކަމަށެވެ.
"ވަޒީފާގެ ރައްކާތެރިކަން އޮންނަންޖެހޭނެ. ހަމަ އެފަދައިން ވިޔަފާރި ދަރަނިވެރިވީމަ މުއައްޒަފުން މަދުކުރެވޭނެ ޖާގަ އޮންނަންވާނެ. އެކަން ކުރެވޭނެ ގޮތް ގާނޫނުގައި އަދި ގަވާއިދުގައި އެވަނީ. އެބިއުޒްކުރާނަމަ ކޯޓުު މެދުވެރިކޮށް ރަނގަޅުކުރުމުގެ ފުރުސަތު އޮންނާނެ. އެއްގޮތަކަށްވެސް ރެކުމެއްނެތް،" ފައްޔާޒު ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް އަނބުރާ ވަޒީފާ ލިބިގެން ގޮސްފައިނުވާތީ އެކަމާ ގުޅިގެން ޓީމްގެ ފަރާތުންނާއި ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު