ލައިފް ސްޓައިލް

ހިކެން ކުރެވިދާނެ 20 ކަމެއް

ހިކެން ކުރާނެ އެތައް ކަމެއްގެ ވާހަކަ މިހާތަނަށް އަޑުއިވި ބާވެފައިހުރުން އެކަށީގެންވެއެވެ. ނުވަތަ މީގެން އެތައް ކަމެއް އަމިއްލައަށް ތަޖުރިބާކޮށް، ކޮޅެއްގައި ނުޖެހި ދޫކޮށްލާފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިތަނުގައި މިބަލައިލަނީ ހިކެން އެހީވެދިނުމަށް، ދިރާސާތަކުގެ އަލީގައި ކަމުގެ މާހިރުން ލަފާ ދީފައިވާ ބައެއް ކަންކަމުގެ މައްޗަށެވެ:

ލަސްލަހުން ކާން އާދަކުރާށެވެ.

ލަސްލަހުން ކެއުމުގެ ފަހަތުގައި އެތައް ފައިދާއެއް ވެއެވެ. ކާ އެއްޗެހި ގިނައިިރުވަންދެން ހެފުމުގެ ސަބަބުން، ކާ އެތިކޮޅު ކުދިކުދިވެ ހަޖަމްކޮށްދިނުމުގައި އެހީވެދެއެވެ. އަދި ގިނަވަގުތު ކާ އެތިކޮޅު ހެފުމުގެ ސަބަބުން، ކާ އެއްޗެހިން ލިއްބައިދޭ ހަކަތަ ހަށިގަނޑުގައި އުފައްދާ މިންވަރު އިތުރުކޮށްދެއެވެ. ރަނގަޅަށް، ނުހަފައި ކެއުމުގެ ސަބަބުން، ހަޖަމުކުރުމުގައި މައްސަލަ ދިމާވެ، ބަނޑުގައި ވައި ހެދުން، ބޮލުގައި ރިއްސުން، އަދި ހަކަތަ ހަށިގަނޑުގައި ދަށްވެ، ކަންނެތް ވާ ގޮތް ވެއެވެ.

ކާ އެއްޗެހީގެ ރެކޯޑެއް ބަލަހައްޓާށެވެ.


ކާ ކޮންމެ ފަހަރަކު އެ ކާ އެއްޗެހީގެ ވާހަކަ ފޮތެއްގައި ނޯޓް ކުރަން ފެށުމުން، ކެވޭ އެއްޗެތި އަދި މިންވަރު ބަލައިލަން ފަސޭހަވެއެވެ. މި ގޮތަށް ކަން ކުރުމުން ޖަންކު ފުޑް ކެއުމުން ދުރުވުމަށް އެހީތެރި ވެދޭނެ އެވެ. އަދި މާ ގިނައިން ކެވޭ ނަމަ ވެސް އެކަން އަމިއްލައަށް ނޯޓިސް ވާނެ އެވެ.

ކޮންމެވެސް ހަރަކާތެއް ކުރުން

އިށީނދެ އިނދެގެންވެސް ހުއްޓާނުލައި ކުރާ ހަރަކާތްތަކަކުން، ހިކުމަށް އެހީވެދެއެވެ. ކޮޅަށް ހުންނަ އިރުވެސް ދެކޮޅަށް ހިނގައިލުން، ފަދަ ކަންކަމުންވެސް މިކަމަށް އެހީވެދެއެވެ. މުހިއްމީ ހެލިފެލިވުމެވެ.

ކަންކަމާ ޝުކުރުވެރި ވާށެވެ. އަދި ޝުކުރުވެރިވާންވީ ކަންކަން ނޯޓް ކުރުމަށް ފޮތެއް ގެންގުޅޭށެވެ.

ހިޔާލާއި ފިކުރު ބޮޑުވުން، ކެއުމާއި ވަރަށް ބޮޑަށް ވަނީ ގުޅިފައެވެ. އެހެންކަމުން ސިކުނޑި ތާޒާކޮށް ބެހެއްޓުމުން، ހިތްހަމަޖައްސަން ބޭކާރު އެއްޗެތި ކައިބޮއެ ހެދުމުން ދުރުކޮށްދެއެވެ. ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް، ކަންކަމާމެދު ޝުކުރުވެރިވުމަކީ އެހީވެދޭ ކަމެކެވެ.

ނިދި ހަމަކުރުން

ނިދުން މަދުވާ ވަރަކަށް ބަނޑުހައިކަން އިހްސާސްކޮށްދޭ ހޯމޯން ހަށިގަނޑުގައި އިތުރުކޮށްދެއެވެ. އަދި ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދޭ ހޯމޯން، ލެޕްޓިން ހަށިގަނޑުގައި ދަށް ކުރެއެވެ. މިކަމުގެ ސަބަބުން ފަލަވުމަށް މަގުފަހި ކުރުވައެވެ. ރޭގަނޑު ރަނގަޅަށް ނިދި ހަމަކުރަން ފެށުމުން މިބައި ހަމަޔަކަށް އެޅުމަށް އެހީތެރި ވެދޭނެ އެވެ.

ކާ ގަޑިތަކުގައި ގަވާއިދުން ކެއުން

ކާ ގަޑިތައް މަދުކޮށް ޑައެޓް ކުރުމުގެ ބަދަލުގައި، މިތާނގައި މުހިއްމީ، ހައިހޫނު ވިޔަ ނުދީ ގަވާއިދުން ކެއުމެވެ. ކޮންމެ 4 ގަޑިއިރަކުން، ކާން އާދަކޮށް، ކާ މިންވަރު މަދު ކުރަން އާދަކުރާށެވެ. މިއިން ކޮންމެ ވަގުތަކު ވާނީ ބޮޑު ކެއުން ގަނޑެއް ނޫނެވެ. ލުއިކޮށް މަދުން ކެއުމުން އޭގެ ހެޔޮ ފައިދާ ކުރާނެ އެވެ. މި 4 ގަޑި އިރު ގުނާ އިރު ރޭގަނޑު ނިދާން އޮންނަ ވަގުތު ގުނާކަށް ނުޖެހޭނެ އެވެ.

ގިނައިން ފެން ބުއިން

ކެއުމުގެ ކުރިން ދެ ތަށި ފެން ބޯން އާދަކުރާށެވެ. މީގެ ސަބަބުން، ކާ ގަޑިތަކުގައި ކެވޭ މިންވަރު މަދުކޮށްދެއެވެ. މީގެ އިތުރުންވެސް ދުވަހުގެ އެކި ވަގުތު ތަކުގައި ގިނައިން ފެންބޯން އާދަ ކުރާށެވެ. މިކަމުގެ ސަބަބުން އަބަދު ބަނޑުހައިވާހެން ހީވުމުން ދުރުކޮށްދޭނެއެވެ. އަދި ބޮލުގައި ރިއްސުން، ގޭސް އުފެދުން ފަދަ ކަންކަމުން ދުރުކުރުމަށް އެހީތެރި ވެދޭނެ އެވެ.

ކެއުން މަދުކުރުމުގެ ބަދަލުގައި، ކެލަރީސް މަދުކުރުން

ކާން ހިތް އެދޭ ކޮންމެ ފަހަރަކު އެއިރަކު ޖެހުނު އެއްޗެއް ކައިގެން ބަނޑު ފުރާލުމުގެ ބަދަލުގައި، ކެލަރީސް މަދު ކާ އެއްޗެއްސަށް ސަމާލުކަން ދިނުން މުހިއްމެވެ. މީގެ ތެރޭގައި ސިއްހަތަށް ފައިދާ ހުރި އެއްޗެތި ބޭނުންކުރުމަށް ވިސްނާށެވެ.

ހަފުތާއަކު އެއް ފަހަރު ބަރުދަން ބަލައިލުން

ހަށިގަނޑުގެ ބަރުދަން ކޮންމެ ދުވަހަކު ބެލުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ބަރުދަން އެކި ވަގުތުތަކުގައިވެސް ތަފާތު ވެދާނެއެވެ. އަދި ކޮންމެ ދުވަހަކު ބަލައިގެން މާބޮޑު ތަފާތެއް ނުފެނުމަކީވެސް އެކަށީގެން ވާ ކަމެކެވެ. ކޮންމެ ދުވަހަކު އެއްފަހަރު ބަލައިގެން ބޮޑު ބަދަލެއް ނުފެނިގެން މާޔޫސް ވާންވެސް ޖެހިދާނެ އެވެ. މީގެ ބަދަލުގައި ހަފުތާއަކު އެއް ދުވަހު، އެއް ގަޑިއެއްގައި ބަރުދަން ބަލައި ނޯޓް ކުރަމުން ގެންދާށެވެ.

ކާ ތަށި ތަރުތީބު ކުރާނެ މިންގަނޑެއް ގެންގުޅުން

ކާ ވަގުތުތަކުގައި ތަށީގެ ދެބައި ކުޅަ އެއްބައިި ތަރުކާރީއަށް، ހަތަރުބައި ކުޅަ އެއްބައި ހޯލް ގްރެއިންސް (ބްރައުން ރައިސް، ބްރައުން ބްރެޑް) ހަތަރުބައިކުޅަ އެއްބައި ލީން ޕްރޮޓީން (ބޯންލެސް ޗިކަން، ސެލްމަން) ބަހާލައިގެން ކެއުން ފަދަ މިންގަނޑެއް ގެންގުޅެވިދާނެއެވެ. މުހިންމީ އެއް ބަތްގަނޑަކަށް ބޮޑު ހަވާދު ރިހަގަނޑެއް ކޮންމެ އެިރަކު ކެއުމުން، ނުވަތަ އެނޫންވެސް އެފަދަ ބެލެންސް ނޫން ކެއުންގަނޑުތަކުން ދުރުވުމެވެ.

ބަނޑު ފުރުމުން ގަދަކަމުން އިތުރަށް ނުކެއުން

ބަނޑު ފުރިގެން ނޭވާލާން އުނދަގޫވާ ވަރަށް ނުކާށެވެ. އެންމެ ގިނަވެގެން 80 ޕަސެންޓު ފުރޭ ވަރަށް ކެއުން ގެންގުޅުން ރަނގަޅެވެ. އަހަރެމެންގެ މާތްވި އިސްލާމްދީނުގައިވެސް މިކަމަށް އިރުޝާދު ދެއްވާފައި ވެއެވެ. ސުންނަތުން އެނގެން އޮންނަ ގޮތުގައި، އިންސާނާ އޭނާ ފުރާ އެއްޗެހީގެ ތެރެއިން އެންމެ ނުބައިވެގެންވަނީ އޭނާގެ ބަނޑެވެ. އަދި އެހެން ހަދީސަކުން އައިސްފައިވާ ގޮތުގައި، ކެއުން ގެންގުޅެންވާނީ 1/3 ބަނޑުފުރުމަށް، 1/3 ފެން ބުއިމަށް އަދި 1/3 ނޭވާލެވޭ ވަރަށް ބަހައްޓައިގެންނެވެ.

ހަކުރު ގިނަ ބުއިންތައް މަދުކުރުން

ފިޒީ ބުއިންތަކާއި ވިއްކަން ބައެއް ކަހަލަ ޖޫސް ފަދަ އެއްޗެތީގައި ހަކުރު އެކުލެވޭ މިންވަރު ވަރަށް ގިނައެވެ. މީގެ ބަދަލުގައި ހަކުރު ނާޅާ، ނުވަތަ މަދުން ބޭނުންކޮށްގެން މޭވާ ފަދަ އެއްޗެތީގައި ޖޫސް ގިރިދާނެއެވެ. އަދި ސަޔާއި ކޮފީ ބޭނުންކުރުމުގައިވެސް ހަކުރާއި ކިރު މަދުން ނުވަތަ އެއްގޮތަކަށްވެސް ބޭނުން ނުކޮށް ބޮވިދާނެއެވެ.

ރެސްޓޯރަންޓަކަށް ކާންދާއިރުވެސް، ސިއްހަތަށް ފައިދާ ހުރި އެއްޗެތި ހިޔާރުކުރުން

ގެއިން ބޭރުން ކެއުމަކަށް އިންސާފު ކުރުމުގައިވެސް، ސިއްހަތަށް ފައިދާވާ އެއްޗެއްސަށް ސަމާލުކަން ދީގެން އޯޑަރު ކުރެވިދާނެއެވެ. ބަލައިގެން ކެއުން ގެންގުޅެން އާދަކުރާއިރު، ތަންތަނުން ކެއުމުގައިވެސް މިފަދައިން އަމަލުކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ.

ތަރުކާރީ ކެއުމަށް އާދަކުރުން

ކުރިންވެސް ފާހަގަކުރި ފަދައިން ސިއްހަތަށް ފައިދާކުރާ އެއްޗެތި ކެއުން މުހިއްމެވެ. ތަރުކާރީގެ ބާވަތްތަތަކަކީ ހަށިގަނޑަށް އެތައް ފައިދާއެއް ކޮށްދޭ، ބަނޑު ފުރާލަދޭ ތަކެއްޗެވެ. މީރުކޮށް ތައްޔާރުކޮށްލައިގެން ކެއުމުގައި ތަރުކާރީ ގިނައިން ހިމަނަން އާދަކުރާށެވެ.

ސިއްހަތަށް ފައިދާކުރާ ރަނގަޅު ކާނާ ފުރިޖުގައި ބަހައްޓާށެވެ.

މިއީ ވަރަށް މުހިއްމު ކަމެކެވެ. ގޭގެ ފްރިޖުގައި ކޯކް، ޗޮކްލެޓް ފަދަ އެއްޗެތި ރައްކާކޮށް، ނުވަތަ ޗިޕްސް ފަދަ އެއްޗެތި އަތު ޖެހޭ ހިސާބުގައި ހުރުމުން، އެއްޗެއް ކާލަން ހިތަށް އަރާ ކޮންމެ ފަހަރަކު މިފަދަ އެއްޗެއްސާ ދިމާއަށް ހިތް އެދެއެވެ. އޭގެ ބަދަލުގައި އެފަދަ އެއްޗެތި ގޭތެރޭގައި ބެހެއްޓުމުގެ އާދަ ދޫކޮށްލާާށެވެ. ނުވަތަ ވީ ވަރަކުން ކުޑަ ކުރާށެވެ.

ކާ މިންވަރު މަދުކުރުމަށް ޓަކައި ކާތަށީގެ ސައިޒު ކުޑަކުރާށެވެ.

ގިނަ ފަހަރަށް، ތަށީގެ ސައިޒު ބޮޑުވީމާ، ކާން އެޅޭ މިންވަރު އިތުރުކޮށްލެވޭތަން އާދެއެވެ. އޭގެ ބަދަލުގައި ކުޑަ ސައިޒުގެ ތަށިތަކަށް ބަދަލުކުރުމުން، މިބައި ކުޑަވެ، މަދުން ކާން އެހީވެދެއެވެ.

ކޮންމެވެސް ހިސާބަކުން ހިކެން ނުވަތަ ރަނގަޅު ސިއްހަތެއްގައި ހުންނަން މަސައްކަތް ފަށާށެވެ.

ހިކުމަކީ ހިތަށް އަރާހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އާދަވެފައިވާ ގޮތް ނޫން ގޮތަކަށް ކަންތައްތައް ބަދަލުކޮށްގެން ނޫނީ މިކަމަށް ކުރިއެރުމެއް ނުލިބޭނެއެވެ. ކޮންމެވެސް ހިސާބަކުން މަސައްކަތް ފަށާށެވެ. ކާމިޔާބު ވާނީ އިސްނަގައިގެންނެވެ.

ޗިޕްސް ފަދަ އެއްޗެތި ކެއުމުގެ ބަދަލުގައި ޕޮޕްކޯން ކާން އާދަކުރާށެވެ.

ޖަންކް އެއްޗެއް ކާލަން ހިތް އެދޭ ކޮންމެ ފަހަރަކު ތަރުކާރީ ނުވަތަ މޭވާއަކާއި ދިމާއަށް ދާހިތް ނުވެދާނެއެވެ. ޕޮޕްކޯންއަކީ ހުސްގަޑިތަކުގައި ކާލަން ހިތަށް އަރާ ކޮންމެ ފަހަރަކު ކާން ރަނގަޅު އެއްޗެކެވެ. އޭގެ ވެސް ޕްލެއިން ޕޮޕްކޯން އެވެ. މިޒަމާނުގައި މި ހުންނަ ޗީޒް ޕޮޕްކޯން ފަދަ ބާވަތްތަކެއް ނޫނެވެ.

ހެނދުނުގެ ނާސްތާ ކުރުން

ހެނދުނުގެ ނާސްތާ ކުރުން ވަރަށް މުހިއްމެވެ. ދުވަސް ރަނގަޅަށް ފެށުމަށް ހަށިގަނޑުގައި ވަރު ޖެހޭނެ، ސިއްހަތަށް ފައިދާހުރި ރަނގަޅު ނާސްތާއަކުން ދުވަސް ފަށަން އާދަކުރަންވާނެއެވެ.