(20 މާޗުގެ އަދަދާ ގުޅޭ)
މުރުސިއްޔާއެކޭ އެއްފަދައިން އަލްމަރިއްޔާގެ ސަރަޙައްދަށްވެސް ނަޞާރާ ލުޓޭޓަރުން ޙަމަލަދޭން ފަށައިފިއެވެ. އަލްމަރިއްޔާގެ أميــر مـعـتـصـم އަކީ ހެޔޮލަފާ ޢަދުލުވެރި ވެރިޔެކެވެ. އަލްމަރިއްޔާގެ ރައްޔިތުން އޭނާދެކެ ނުހަނު ލޯބިވެއެވެ. އޭނާއަށް އިޙުތިރާމުކޮށް ކަމޭހިތައެވެ. އޭނާގެ ޢިލްމުވެރިކަމާއި ޒާހިދުކަމާއި ތަޤުވާވެރިކަމުގެ ސަބަބުންނެވެ. ޢީސާއީ ސިފައިން އަލްމަރިއްޔާގެ ސަރަޙައްދަށްވަދެ ފޭރޭން ފެށުމުން أميــر مـعـتـصـم އަށް އޭނާގެ ޙަޔާތްޕުޅުގައި އެންމެފުރަތަމަ ފަހަރަށް މަޖުބޫރުވެވަޑައިގެންނެވީ ގަލަންކޮޅު ބާއްވަވައިފައި ކަނޑިކޮޅު ނަންގަވާށެވެ. އޭނާގެ ކުޑަކުޑަ ލަޝްކަރާއިގެން އޭނާ ނަޞާރާ ސިފައިންގެ ކުރިމަތީގައި ސާބިތުކަމާއެކު ހުއްޓިވަޑައިގެންފިއެވެ. އަލްމަރިއްޔާގެ ލަޝްކަރުގެ ވެރިކަންއޮތީ ތަޖުރިބާކާރު ސިފައިންގެ އޮފިސަރެއްގެ އަތްޕުޅުގައެވެ. އެއްދުވަހަކު އަލްމަރިއްޔާގެ ސަރަޙައްދުގައި އަލްމަރިއްޔާގެ ސިފައިންނާއި ނަޞާރާއިންނާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުމެއް ހިނގިއެވެ. މެންދުރާ ކައިރިވިއިރު ހަނގުރާމަ ވަނީ އެންމެފަހުގެ މަރުޙަލާއަށް ގޮސްފައެވެ. ނަޞާރާއިން ފަހަތަށް ޖެހެމުންގޮސް އެންމެފަހުން ފިލައިގެންދާން މަސައްކަތްކުރަމުން ދަނީއެވެ. އެވަގުތު ޙިޞްނުއްލައިޠުން އެބައިމީހުންނަށް ދުއިސައްތަ އަސްވާރުންގެ އެހީއެއް އަތުވެއްޖެއެވެ. ނަތީޖާއެއްގެގޮތުން ހަނގުރާމައިގެ ޗާޓު ބަދަލުވެއްޖެއެވެ. އެއާއެކުއެކުގައިހެން ނަޞާރާއެއްގެ އަތުން އަލްމަރިއްޔާގެ މުސްލިމު ކޮމާންޑަރު ޒަޚަމުވެއްޖެއެވެ. މުސްލިމު އޮފިސަރުން ރައްކާތެރިކަމާއެކު އޭނާ މައިދާނުން ނެރުއްވައިގެން މައިދާނުގެ ފަހަތުގައިހުރި ތިރި ފަރުބަދައެއްގެ މައްޗަށް ގެންނަވައިފިއެވެ. ހަށިފާރަވެރީންގެ ގެމައެއްގެ ހަވާލުގައެވެ. މުސްލިމުންގެ ކޮމާންޑަރ އިން ޗީފް ހިތްޕުޅު ކުޑައިކުރެއްވުމާއެކުވެސް ގެންދެވީ މައިދާނުގެ ޙާލަތު ރަނގަޅަށް ބައްލަވަމުންނެވެ. އޭރު އިސްލާމީ ލަޝްކަރު ދިޔައީ މަޑުމަޑުން ބަލިވަމުންނެވެ. ފަހަތަށް ޖެހެމުންނެވެ. މުސްލިމުންގެ ފާރަވެރިޔެއް ކުއްލިޔަކަށް ހަޅޭއްލަވައިގެންފައި އުތުރުފަރާތަށް އިޝާރާތް ކޮށްލިއެވެ. "ބައްލަވާ! އެދިމާއިން ދުޝްމިނުންގެ ލަޝްކަރުގެ ފަހަތުން ފަރުބަދައެއްގެ މަތީން އަސްވާރުންގެ ޖަމާޢަތެއް އެބަފައިބާ. އެބައިމީހުން މިސުރާބުޖަހަނީ މި މައިދާނާ ދިމާޔަށް!"
މުސްލިމުންގެ ސިފައިންގެ ވެރިޔާއާއި އޭނާގެ ފާރަވެރީން އިރުކޮޅެއްވަންދެން ހައިރާންފުޅުކަމާއެކު އެދިމާޔަށް ބައްލަވާން ތިއްބެވިއެވެ. ކޮމާންޑަރ އިރުކޮޅެއްކޮށްލައްވައިފައި އޭނާގެ ހިކިފައިވާ ތުންފަތްޕުޅުގައި ދޫފުޅު ކާއްތަވަމުން އޮފިސަރަކަށް އެންގެވިއެވެ. "މުސްލިމުންގެ ބަޔަކު އަޅުގަނޑުމެންނަށް އެހީވާން އައުމުގެ އެކަށޭނަކަމެއް ނެތް. އަނެއްކާ އެފެންނަ ސަވާރުންނަކީ ބޮޑު ލަޝްކަރެއްގެ އިސްޖަމާޢަތްކަމުގައިވެސް ވެދާނެ! އަޅުގަނޑުމެންގެ ލަޝްކަރަށް ދެކުނުފަރާތުން ފަރުބަދައިގެ ކައިރިޔަށް މަޑުމަޑުން ޖެހިލާން އަންގާ!"
އޮފިސަރ ދުވެފައި ފަރުބަދަމަތީން ފައިބައިފިއެވެ. އަލްމަރިއްޔާގެ ސިފައިންނަށް ފަރުބަދައިގެ ކައިރިޔަށް ޖަމާވާން އަންގައިފިއެވެ. އެ އަޑުއިވުމާއެކު މުސްލިމުން މަޑުމަޑުން ފަރުބަދަކައިރިޔަށް ބޮނޑިވާން ފަށައިފިއެވެ. ނަމަވެސް މާގިނައިރެއް ނުވެއެވެ. އަލްމަރިއްޔާގެ މުސްލިމު އޮފިސަރުން ދުޝްމިނުންގެ ބަޔެކޭ ހީކުރި ސަވާރުން ދުޝްމިނުންގެ ލަޝްކަރުގެ ފަހަތަށް ހިނގައްޖެއެވެ. މުސްލިމުން ފަހައިދިޔުމުގައި ނަޞާރާއިންނާ ބައިވެރިވުމުގެ ބަދަލުގައި ދުޝްމިނުންގެ ލަޝްކަރާ ޙަމަލަ ދީފިއެވެ. އެ އަސްވާރުންގެ އަދަދު ސަތޭކަޔަކަށްވުރެ ގިނައެއް ނޫނެވެ. ނަމަވެސް ނަޞާރާއިން ތިބީ ކުއްލިޔަކަށް ކުރިމަތިވި ހީވެސްނުކުރާފަދަ ޙަމަލަޔަށް ތައްޔާރުވެގެންނެއް ނޫނެވެ. ފަހަތުންއައި ސަވާރުން ވަނީ ބަސްބުނާހައި އިރުކޮޅެއްގެ ތެރޭގައި ނަޞާރާއިންގެ ސަތޭކަފަންސާސް މީހުން މަރުގެ ނިދީގައި ނިންދަވައިފައެވެ. އެއަށްފަހު އޭގެތެރެއިން ވިއްސަކަށް ސަވާރުން ޢީސާއީ ލަޝްކަރުގެ މެދުތެރެ ފަޅައިލައިފައި ކުރިޔަށްއައިސް އަލްމަރިއްޔާގެ ލަޝްކަރާ ގުޅިއްޖެއެވެ. އެ ސަވާރުންނަށް މަގުދައްކަމުން ގެންދިޔައީ ދެކެހެރިއަހަކަށް ސަވާރުވެގެން އިން ޒުވާން ސިފައިންގެ މީހެކެވެ. ބާކީތިބި ސަވާރުންގެ އެއްބަޔަކު އޭނާގެ އިޝާރަތަކަށް ދެބަޔަށް ބެހިގެން ދުޝްމިނުން ލަޝްކަރުގެ ކަނާތުފިޔައަށާއި ވާތުފިޔައަށް ޙަމަލަދީފިއެވެ. އަލްމަރިއްޔާގެ ސިފައިން އެ ސަވާރުން އައުން މާނަކުރީ ޣައިބުން ލިބުނު ތާއީދެއް ކަމުގައެވެ. އެމީހުން އަލުން ފައިތިލަ ސާބިތުކޮށްފިއެވެ. މުލައްދަނޑިތަކަށް ދެގުނަ ބާރުލައިފައި ހިތްވަރާއެކު ހަނގުރާމަކުރާން ފަށައިފިއެވެ. ގަޑިޔެއްހައިއިރުގެ ތެރޭގައި ހަނގުރާމައިގެ މައިދާނުގެ ވައި ބަދަލުވެއްޖެއެވެ. ނަސްރާނީން މައިދާން ދޫކޮށްލައިފައި ފިލައިގެންދާން ފަށައިފިއެވެ. ޒަޚަމުގެ ވޭނުގެ ސަބަބުން ކުޑައިރުކޮޅެއްގެ ކުރީން ކުކުރައިވަޑައިގަންނަވަމުން ގެންދެވި ކޮމާންޑަރ އިން ޗީފް މިހާރު އުފާފުޅުން ނަޢުރާ ކުރައްވަނީއެވެ. އަލަށްއައި ސަވާރުންގެ ޤާއިދާއި އޭނާގެ އެކުވެރީން ދުޝްމިނުން ފަހަމުން ވަރަށްދުރަށް ދިޔައެވެ. އެމީހުން އެނބުރި އައިއިރު އިރުއޮއްސޭން ކައިރިވަނީއެވެ. އަލްމަރިއްޔާގެ ކޮމާންޑަރަށް އެމަންޒަރު ފެނިވަޑައިގެންނެވުމާއެކު އޭނާގެ ޒަޚަމަކަށް ފަރުވާލެއް ނުބަހައްޓަވައި ދުވެވަޑައިގެންފައި ފަރުބަދައިގެ ތިރިޔަށް ފައިބައިވަޑައިގެންފިއެވެ. އޭނާ އެއްކަލަ ދެކެހެރިއަހުގެ ސަވާރުގެ ގާތަށް ވަޑައިގެން ބާރު އަޑުފުޅުން ވިދާޅުވިއެވެ. "އޭ ޒުވާނާ! އަޅުގަނޑު ބުނާތީ އަޑުއަހަން. މާތް اللّـه ގެ އަޅުތަކުން ހަނގުރާމައިގެ މައިދާނެއްގައި އިމްތިހާނުގެ ވަގުތުގައި ސާބިތުކަމުގައި ތިބޭން ޢަހުދުކޮށްފި ހިނދެއްގައި އެކަލާނގެ އެބަޔަކަށް އެހީދެއްވާން މަލާއިކަތުންގެ ލަޝްކަރެއް ފޮނުއްވާކަމަށް. ތިޔައީ ކޮންބޭފުޅެއްތޯ؟ ކަލާ ތިޔަ ވަޑައިގެންނެވީ ކޮންތަނަކުންތޯ؟"
ޒުވާނާ އަސްމަތީން ފުންމައިލައިފައި ޖަވާބު ދިނެވެ. "އަޅުގަނޑުމެން މިއަންނަނީ މުރުސިއްޔާއިން."
ސިފައިންގެ ވެރިޔާ ހިލައެއްގެ މަތީގައި އިށީނދެވަޑައިގަންނަވަމުން ޖަވާބު ދެއްވިއެވެ. "ކުރީންވެސް އަޅުގަނޑަށް އެނގޭ ނުރައްކަލުގެ ވަގުތުގައި إبـن رشـيـق އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނެކަން. ޣަރުނާޠާގެ މީހުންނަށްވެސް އަޅުގަނޑުމެންނާ ދުރަކު ނުތިބެވޭނެ. ދުޝްމިނުންވަނީ އަޅުގަނޑުމެން އެންމެންނަށްވެސް ފިލާވަޅުތަކެއް ދަސްކޮށްދީފައި."
ޒުވާނާ ޖަވާބު ދިނެވެ. "ޣަރުނާޠާގެ މީހުންނާ ބެހޭގޮތުން އަޅުގަނޑަކަށް އެއްޗެއް ދަންނަވާކަށެއް ނޭނގެ. ދުޝްމިނުންގެ ޙަމަލައިގެ ސަބަބުން އަޅުގަނޑުމެންގެ ވެރީންގެ ލޯފުޅުތައް ހުޅުވިފައިވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ކަލާ މިވަގުތު إبـن رشـيـق އާ އެއްވެސް އުންމީދެއް ނުގުޅުއްވާތި! އަޅުގަނޑުމެން ބަލަންސިއްޔާއިން ދިޔައީ އޭނާގެ އަރިހަށް ދުޝްމިނުންނާ ހަނގުރާމަކުރައްވާން އަޅުގަނޑުމެންގެ ޚިދުމަތް ހުށަހެޅީން. އެކަމަކު إبـن رشـيـق ހުންނެވީ ކަނޑި އުފުލައިލައްވާން ތައްޔާރަކަށެއް ނޫން. معـتـمـد ގެ ދުޝްމިނުކަމާމެދު އޭނާގެ ހިތްޕުޅުގައި އޮންނަ ބިރުފުޅު ނުފިލަނީހެއް އޭނާ ނަޞާރާއިންނާ ދެކޮޅަކަށް އެއްވެސްބަޔަކާ ބައިވެރިވެވަޑައެއް ނުގަންނަވާނެ."
ކޮމާންޑަރ އިން ޗީފް ވިދާޅުވިއެވެ. "ކަލާއަކީ ބަލަންސިއްޔާގެ ވަޒަންވެރިޔެއްތޯ؟"
"ނޫން. އަޅުގަނޑުގެ ގެހުންނަނީ ޣަރުނާޠާގައި."
"ކަލާއަކީ ބަލަންސިއްޔާގެ ފައުޖުގެ ސިފައިންގެ މީހެއްތޯ؟"
ޒުވާނާ ޖަވާބު ދިނެވެ. "އަޅުގަނޑުމެންނަކީ ޣަރުނާޠާގެ ރިޟާކާރުންގެ ޖަމާޢަތަކާ ގުޅޭ ބައެއް. އެޖަމާޢަތުގެ މުހިންމަތަކީ އަންދަލުސުގެ ދިފާޢުގައި ނަޞާރާއިންނާ ހަނގުރާމަކުރާން މުސްލިމުން ތައްޔާރުކުރުވުން. އެޖަމާޢަތުން އަޅުގަނޑުމެންގެ ހަތަރު މީހަކު ފޮނުވީ ސަރުޤިސްޠާއަށް. އަޅުގަނޑުމެން އެތާނގެ ރަސްމީ ލަޝްކަރުގައި ބައިވެރިވެއްޖައިން. އަޅުގަނޑުމެން އުތުރު ސަރަޙައްދުގެ ލިޔޫނާއި އަރާޣޫނުގެ ލުޓޭރުންނާ ދެކޮޅަށް އެތައް ހަނގުރާމަތަކެއްގައި ބައިވެރިވީމު. އަޅުގަނޑުމެން ތަޖުރިބާކުރި ގޮތުގައި ސަރުޤިސްޠާގެ މުސްލިމުންނަކީ ޢަސްކަރީ ސިފަތައް ވަރަށް ފުރިހަމަޔަށްހުރި ބައެއް. އެކަމަކު އެބައިމީހުންގެ ނަސީބު ދެރަކަމުން އެތާނގެ ލަޝްކަރުގެ މައްޗަށް ހިނގަނީ ނަޞާރާ އޮފިސަރުންގެ އަޣުލަބިއްޔަތުގެ ބާރު. އަޅުގަނޑުމެންގެ މަސައްކަތަކަށް ހެދީ ނަޞާރާ އޮފިސަރުންގެ ބާރު ކަނޑުވައިލެވޭތޯ މަސައްކަތްކުރުން. ނަމަވެސް ސަރުޤިސްޠާގެ أميــرއަކީ ނަޞާރާއިންގެ އަތްމަތީގައިވާ ކުޅޭ އެއްޗެއް. އަޅުގަނޑުމެންނަށް އެންމެފަހުން މަޖުބޫރުވީ ސަރުޤިސްޠާ ދޫކޮށްލަން. އަޅުގަނޑުމެންގެ ޖަމާޢަތުގެ މެންބަރުން ބަލަންސިއްޔާގައިވެސް މަސައްކަތްކުރަމުން ގެންދިޔަ. އެހެންކަމުން އަޅުގަނޑުމެން ދެން ދިޔައީ ބަލަންސިއްޔާއަށް. އަޅުގަނޑުމެން އެތާނގެ ރަސްމީ ލަޝްކަރަކު ބައިވެރިޔެއް ނުވަމު. އަޅުގަނޑުމެން މަސައްކަތްކުރީ ރިޟާކާރުންގެ ޖަމާޢަތްތައް ތައްޔާރުކުރަން. ބަލަންސިއްޔާގެ ވެރިކަން ބަދަލުވުމުން އަޅުގަނޑުމެން ނަޞާރާއިންނާ ދެކޮޅަށް ޙަރަކާތް ހިންގަން ފަށައިގަތީމު. އެކަމަކު ބަލަންސިއްޔާގެ ޣައްދާރެއް އަޅުގަނޑުމެންނާއި ބަލަންސިއްޔާގެ މިނިވަން ޙަރަކާތުގެ ވިހި މެމްބަރަކު ހައްޔަރުކުރުވައިފި. ބަލަންސިއްޔާގެ މިނިވަން ޙަރަކާތުގެ މެމްބަރުން ޖަލަށް ޙަމަލަދީގެން އަޅުގަނޑުމެން ސަލާމަތްކުރީ އަޅުގަނޑުމެން ޖަލުގައި ތިންމަސްދުވަސް ހޭދަކުރިފަހުން. އެހައިތަނުން މުރުސިއްޔާއަށް އަޅުގަނޑުމެންގެ ޚިދުމަތް ބޭނުންވާނެކަމަށް ހީކޮށް އަޅުގަނޑުމެން މުރުސިއްޔާއަށް ދާން ތައްޔާރުވުމުން ބަލަންސިއްޔާގެ މިނިވަން ޙަރަކާތުގެ މެމްބަރުންތަކެއްވެސް އަޅުގަނޑުމެންނާ ބައިވެރިވެއްޖެ. މުރުސިއްޔާއިން إبـن رشـيـق ގެ އަރިހުން މާޔޫސުވެގެން އަޅުގަނޑުމެން ޣަރުނާޠާއަށް ދާން ދަނިކޮށް މިތަނާ ވަރަށް ކައިރީން އަޅުގަނޑުމެންނަށް މިހަނގުރާމައިގެ ޚަބަރު ލިބިގެން އައިސް ބައިވެރިވީ.
ކޮމާންޑަރ އިން ޗީފް ވިދާޅުވިއެވެ. "ޣަރުނާޠާއިން ތިޔަބޭފުޅުން ފޮނުއްވީ قـاضى أبـو جـعـفـر ދޮގެއްތޯ؟"
"އާދެ!"
"ދެން ތިޔަބޭފުޅުން ވަޑައިގަންނަވާނީ ކޮންދިމާޔަކަށްތޯ؟"
"ޒުވާނާ އެނބުރިވަޑައިގެން އޭނާގެ އެކުވެރީންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "ކަލާ ތިޔަ ޢަޒުމުގައި ނަޞާރާއިންނާ ކުރިމަތިލައްވަމުން ގެންދަވާކަމުގައިވާނަމަ އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ ބައިވެރިވާން ތައްޔާރަށް."
ކޮމާންޑަރ އިން ޗީފް ވިދާޅުވިއެވެ. "އަޅުގަނޑުމެން ތިޔަބޭފުޅުން ބޭނުން. އަޅުގަނޑަށް ކަލާގެ ނަންފުޅު އަހައިލެވިދާނެތޯ؟"
"އަޅުގަނޑުގެ ނަމަކީ حسن. حسن بـن عبـدالمـنعــم."
ކޮމާންޑަރ އިން ޗީފް ވިދާޅުވިއެވެ. އަޅުގަނޑުގެ ލަޝްކަރުން ކަލާއަށް ކޮމާންޑަރެއްގެ ނާއިބުގެ މަގާމު ހުށަހަޅަން."
حسن ޖަވާބު ދެއްވިއެވެ. އަޅުގަނޑަށް އަދި މިހައިތަނަކަށް އަޅުގަނޑަކީ އެއްވެސް ޒިންމާއަކަށް އަހުލުވެރި މީހެއްކަމެއް ސާބިތުކޮށެއް ނުދެވޭ."
"ކަލާ ވަނީ ކިތަންމެ ބޮޑު ޒިންމާއަކަށްވެސް ކަލާއަކީ އެކަށީގެންވާ ބޭފުޅެއްކަން ސާބިތުކޮށްދެއްވައިފައި. ކަލާގެ އެކުވެރީންނާ ބެހޭގޮތުން އަދިއެއް އަޅުގަނޑަކަށް ވަކިގޮތެއް ކަނޑައެއް ނޭޅޭ. އެކަމަކު އަޅުގަނޑު ޔަގީންކުރަން. މިޒުވާނުން ކޮންމެވެސް ދުވަހަކުން ވާނީ އަލްމަރިއްޔާގެ ލަޝްކަރުގެ އިސްއޮފިސަރުން ކަމުގައި."
އަލްމަރިއްޔާއަށް ވަޑައިގެންނެވިތާ ދެމަސްދުވަހުގެ ތެރޭގައި حسن بـن عبـدالمـنعــم އަށް ވަނީ އަލްމަރިއްޔާގެ ލަޝްކަރުގެ އެއްހާސް އަސްވާރުންގެ އިސް ކޮމާންޑަރުކަމުގެ މަގާމަށް ކުރިއެރުން ލިބިވަޑައިގެންފައެވެ. ކޮމާންޑަރ އިން ޗީފުގެ އިތުރަށް ޚުދު أميــر مـعـتـصـم ވެސް ވަނީ حسن بـن عبـدالمـنعــم އަށް ޤުދުރަތުން ހިބަކޮށްދެއްވައިފައިވާ ޢަސްކަރީ ޤާބިލިއްޔަތަށް އިޢުތިރާފުވެވަޑައިގެންފައެވެ.
* * * * * * * * * * *
حسن بـن عبـدالمـنعــم ހުންނެވީ އަލްމަރިއްޔާގެ އުތުރު ސަރަޙައްދުގެ ފަރުބަދަމަތީގެ ކިއްލާއެއްގެ ކޮމާންޑަރަކަށެވެ. ޙިޞްނުއްލައިޠުގައި ތިބޭ ޢީސާއީ ލަޝްކަރުގެ ގެރިއްލާ ޙަމަލަދޭ ގެމަތައް ރޭގަނޑު ގެންދަނީ ވަށައިގެން ހުންނަ އަވަށްއަވަށަށް އަރައި ލޫޓުވަމުންނެވެ. حسن އެކަން ހުއްޓުވުމަށްޓަކައިވަނީ އެތައް ހިސާބެއްގެ ދުރަށްދާންދެންވަނީ ޖާސޫސުންގެ ބަލަހައްޓާ މަރުކަޒުތަކެއް ޤާއިމުކުރައްވައިފައެވެ. ޙިޞްނުއްލައިޠުގެ ގެރިއްލާއިން މުސްލިމުންގެ އަވަށަކާ ދިމާޔަށް މިސުރާބު ޖަހާއިރަށް حسن އަށް އެޚަބަރު ލިބިވަޑައިގަންނަވައެވެ. އޭނާ އަވަސް ޙަމަލަޔަށް ތައްޔާރުކުރައްވައިފައިވާ އަސްވާރުންގެ ގެމަތަކާއެކު ވަގުތުން އެދިމާޔަކަށް ވަޑައިގަންނަވައެވެ. އެކިއްލާގެ އިރުމަތީގައި އޮންނަ ކޯރެއްކަމުގައިވާ ވާދީ އާޝްގެ އަނެއްފަރާތުގެ އައްސޭރީގައި ހުންނަނީ ޣަރުނާޠާ ދިފާޢީ މަރުކަޒުތަކެވެ. އަލްމަރިއްޔާއާއި ޣަރުނާޠާގެ ސަރަޙައްދު ބަލަހައްޓާ ސިފައިން ދުޝްމިނުން ޙަރަކާތްތެރިވާ ގޮތުގެ މަޢުލޫމާތު އެއްބަޔަކު އަނެއްބަޔަކަށް ދެމުންގެންދެއެވެ.
އެއްދުވަހަކު ޣަރުނާޠާ ކޮމާންޑަރުގެ މަންދޫބެއް حسن ގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ މަޢުލޫމާތު ގެނެސްދިނެވެ. ޙިޞްނުއްލައިޠު ކިއްލާއިން ޢީސާއީންގެ ދޮޅުހާސް ސިފައިން ޣަރުނާޠާއާ ދިމާޔަށް އެބައާދެއެވެ. އެހެންކަމުން މިރޭ އިރުއެރުމުގެ ކުރީން ކަލާގެ ސިފައިންނާއިގެން އެލަޝްކަރުގެ ފަހަތަށް ވަޑައިގެންފިނަމަ ޢީސާއީން ވޭތުވެދިޔަ ދުވަސްތަކުގައި އަލްމަރިއްޔާއާއި، ޣަރުނާޠާގެ ސަރަޙައްދުގައި ހިންގި މަގުފޭރުމުގެ ޙަރަކާތްތަކުގެ ބަދަލު ހިފިދާނެއެވެ. حسن ވަގުތުން އޭނާގެ ސިފައިން އެއްކުރައްވައި މަޝްވަރާ ކުރެއްވިއެވެ. ބައެއް އޮފިސަރުން އިޢުތިރާޟު ކުރައްވަމުން ވިދާޅުވިއެވެ. "ކޮމާންޑަރ އިން ޗީފުގެ އަމުރުފުޅަކާ ނުލައި އަޅުގަނޑުމެން ޣަރުނާޠާގެ ސަރަޙައްދަށް ވަނުމަކީ ރަނގަޅުކަމެއް ނޫން. ޣަރުނާޠާއާއި އަލްމަރިއްޔާއާ ދެމެދު ގުޅިފައިވާ ދިފާޢީ މުޢާހަދާއެއް ނެތްހައި ހިނދަކު ތިޔަފަދަ ފިޔަވަޅެއްގެ މަސްއޫލިއްޔަތު އުފުއްލެވުން ރަނގަޅެއް ނޫން."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު