Close
ޚަބަރު

ކޮވިޑާ ގުޅިގެން އެސްޓީއޯ އިން ހިޔާނާތެއް ހިންގާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ކޮވިޑް-19އާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކުރި ހަރަދުތައް ކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާއި ގައިޑުލައިންތަކާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

އެސްޓީއޯއަކީ ކޮވިޑާ ގުޅިގެން އެންމެ ގިނައިން ހަރަދު ކުރި ދައުލަތުގެ އެއް ކުންފުންޏެވެ. އެ ކުންފުނިން ކުރި ހަރަދުތަކުގެ ޖުމުލަ އަދަދު 490 މިލިއަން ރުފިޔާއަށް އަރަ އެވެ.

އިއްޔެ ނެރުނު އެ އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ފިނޭންސް މިނިސްޓްރީ އެދިގެން ކުރި އޮޑިޓެކެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކޮވިޑާ ގުޅިގެން ނެޝަނަލް ހެލްތު ރިކުއާމަންޓު ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ހޯދުމަށް 16 އޭޕްރީލް 2020 ގައި އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީއާ ދެމެދު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މުދާ ހޯދައި ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

ކޮވިޑު ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެހީތެރިވުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުލަވައިލި ނެޝަނަލް ހެލްތު ރިކުއާމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް އާއި ފެސިލިޓީތައް އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި ގޭބީސީތަކަށް ކޮންމެހެން ބޭނުންވާނެ ކާނާގެ ބާވަތްތައް ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.