ރައްޔިތުންގެ މަޖިލިސް

ކްލެމެންސީ ބޯޑާއި ޕެރޯލް ބޯޑަށް ހުށަޅާފައިވާ މައްސަަލަތައް ޖުލައި 31ގެ ނިޔަލަށް ނިންމަން އަންގަނީ

އިބްރާހިމް ޒަކީ

ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ހުށަހަޅާފައިވާ ގިނަ ފޯމްތަކުގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ، 2020 ވަނަ އަހަރުގެ ނިޔަލަށް އެ ބޯޑުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އަންނަ ޖުލައި މަހުގެ 31 ޖުލައިގެ ނިޔަލަށް ނިންމުމަށް، އެ ދެބޯޑަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކުރީ، އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަން ދިރާސާ ކުރުމަށް ފަހު ޕެޓިޝަން ކޮމެޓީން ނިންމާފައިވާ ނިންމުންތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައި ހިމަނައިގެންނެވެ.

ކްލެމެންސީ ބޯޑަކީ، މައާފުކޮށްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، ރައީސުލްޖުމްހޫރއްިޔާގެ ފަރާތްޕުޅުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރުމަށް ފެންނަ ގޮތުގެ ލަފާދިނުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 10 ވަނަ މާއްދާއިން ބާރު ލިބިގެން ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބޯޑު އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ، ގާނޫނީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިންނާއި ސިއްހީ ދާއިރާއިންނާއި ދީނީ އިލްމުގެ ދާއިރާއިންނާއި މަޖަނީ ޖަމިއްޔާތަކުންނާއި، ޕެރޯލް ބޯޓުންނާއި ފުލުހުންގެ އިދާރާއިންނާއި ޝަރުއީ ދާއިރާއިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިމެނޭ ގޮތަށް ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ބޯޑުގެ ރައީސްގެ ގޮތުގައި އިންނަވާނީ އެޓާނީ ޖެނެރަލް އެވެ.

ޕެރޯލް ބޯޑަކީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވާ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޒ) އިން ބާރު ލިބިގެން ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޯޑެކެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޒ) ގައި ބުނެފައި ވަނީ ޖިނާއި ކުށްތަކުގައި ހުކުމް ކޮށްފައިވާ، އިސްތިއުނާފު ކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ގާނޫނުގައިވާ ގޮތުގެ މަތީން މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށާއި އަދި މަސްއޫލިއްޔަތެއް ކަމަށެވެ.

ދިވެހި ރާއްޖޭގެ ޖަލު ތަކާއި ޕެރޯލްގެ ގާނޫނުގެ 121 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޒ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ޕެރޯލް ބޯޑުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، އަންނަނިވި ފަރާތްތައް އެކުލެވޭ ގޮތަށް ޕެރޯލް ބޯޑު އުފައްދަވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.

އެގޮތުގެ މަތިން ނުވަ މެންބަރުގެ މައްޗަށް އެކުލެވޭ އެ ބޯޑުގައި، އެޑިއުކޭޝަން މިނިސްޓްރީގައި ވަޒިފާ އަދާކުރާ ސިވިލް ސާވިސް މުވައްޒަފެއް، ހެލްތު މިނިސްޓްރީގައި ވަޒީފާ އަދާކުރާ ސިވިލްސާވިސް މުވައްޒަފެއް، އޭޖީ އޮފީހުގައި ވަޒީފާ އަދާކުރާ ގާނޫނީ ވަކީލެއް، މި ގާނޫނުގެ މަގުސަދުގައި ބަޔާންކުރާ ކަންކަމާ ގުޅުން ހުރި ދާއިރާގެ ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ މެންބަރެއް، ފުލުހުންގެ އިސް އޮފިސަރެއް، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ދީނީ އިލްމުވެރިންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ އިލްމުވެރިއެއް، މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ކޮމިޝަންޑް އޮފިސަރެއް، މެޑިކަލް ޑޮކްޓަރެއް، ނަފުސާނީ ފަރުވާދޭ މީހެއް ހިމެނެން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ހުކުމް ތަންފީޒު ކުރާ ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ކަންބުޑުވުންތަކުގެ ތެރޭގައި ޕެރޯލްގެ ދަށުން އަދަބު ލުއިކޮށްދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިމުންތަކުގެ ތެރޭއި، ވަގުތީ މުވައްޒަފުން ހޯދައިގެން ނުވަތަ ސަރުކާރުގެ އެއް މުއައްސަސާއެއްގެ މުވައްޒަފުން އަނެއް މުއައްސަސާއެއްގެ މަސައްކަތްތަކަށް ވަގުތީ ގޮތުން ވީއްލާ އުސޫލުން ނަމަވެސް، މުވައްޒަފުން ހޯދޭނެ ގޮތަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހާއްސަ ހުއްދައެއް ހޯދުމަށް ކްލެމެންސީ ބޯޑާއި ޕެރޯލް ބޯޑުން މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ބޯޑުތަކުގައި އެދުމަށާއި އަދި އެ މައްސަލަތައް ނިންމިކަމުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ހުށަހެޅުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ.

ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން މަދު ވުމާއި، އެކަށީގެންވާ ގޮތަށް މަސައްކަތް ކުރަން ބޭނުންވާ ވަސީލަތްތައް ނެތުމާއި މަސައްކަތުގެ މާހަލުގައި ހުރި ޖާގައިގެ ދަތި ކަމަކީ އެ ބޯޑުތަގެ މަސައްކަތްތައް ލަސްވާ މައިގަނޑުއެއް ސަބަބުކަމުން، ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ވަކި އޮފީހެއް ގާއިމްކޮށް އިތުރު މުވައްޒަފުންނާއި އަދި އިތުރު ވަސީލަތްތައް ހޯދައިދިިނުން މުހިއްމުކަން، އަދި އެ ބޯޑުތަކަށް ކަނޑައަޅާ މުވައްޒަފުންނަކީ އެ ދާއިރާތަކާ ގުޅޭ ފަންނީ މައުލޫމާތު ލިބިފައިވާ މުވައްޒަފުން ކަމަށް ވާން ޖެހޭނެ ކަމަށްވެސް ކޮމެޓީން ރިޕޯޓުގައި ހިމަނާފައި ވެއެވެ.

ޕެރޯލްގެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖާ (އެސްއޯޕީ) އެއް ގާއިމް ކުރުމަށާއި އަދި ޕެރޯލް ދިނުމުގައި އަމަލު ކުރާނެ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ފެތޭ އިވެލުއޭޝަން މިންގަނޑެއް ޖުލައި 31 ގެ ނިޔަލަށް ގާއިމް ކުރުމަށްފަހު އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީއަށް އެންގުމަށްވެސް ހިމަނާފައިވެއެވެ.

ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑުގައި މިހާރު ތިއްބެވި މެންބަރުން ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށްވެސް ހިމަނާފައިވެއެވެ.

އެ ގޮތުން އެ ދެ ބޯޑުގައި ތިއްބަވަނީ އެ ދާއިރާތަކަށް ނިސްބަތްވާ، އެހެނިހެން އިދާރާތަކުގެ ބުރަ މަސްއޫލިއްޔަތު އުފުލަމުން އަންނަ މެންބަރުންނަށް ވުމާއެކު، ބޯޑުތަކުން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ ކޯރަމް ހަމަ ކުރުމަށް ދަތިވަމުންދާތީ، އެ ބޯޑުތަކުގައި ތިއްބަވާ މެންބަރުންނަކީ އެހެނިހެން މަސްއޫލިއްޔަތެއް އަދާ ނުކުރައްވާ ފުލްޓައިމް މެންބަރުން ކަމުގައި ކަނޑައެޅުމަށާއި، އަދި މިކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާގުޅޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކޮމެޓީ ރިޕޯޓުގައި ވަނީ ހިމިަނައިފައެވެ.