އާންމުންގެ ބަޔަކު މަގުމަތީގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާ ކުރި އިރު އެކަން ނުހުއްޓުވައި ތިން ފުލުހަކު އެ މަންޒަރު ބަލަން ތިބޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އެ ވީޑިއޯ އިން ފެންނަނީ، ކާނިވާ ސަރަހައްދުގައި ހުންނަ ބަސް ސުޓޮޕު ކައިރީގައި ފިރިހެނެއްގެ ދެ ފައި އެއްކޮށްލާފައި ޓައީ ކުލިޕަކުން ބަނދެ ބިންމައްޗަށް ވައްޓާލައި، އަންހެނަކާއި އިތުރު ތިން ފިރިހެނުން ވެގެން އެމީހާއަށް އަނިޔާ ކުރާ މަންޒަރެވެ.
އޭނާ ހޯދަން ވަރަށް ގިނަ ތަންތާނގައި ދުއްވާފައިވާ ކަމަށް އެތަނުން އެކަކު ބުނެ، އެ މީހާއަށް އަނިޔާ ކުރި އިރު ގިނަ އަދަދެއްގެ އާންމުންނާއެކު ކައިރީގައި ދެ ފިރިހެން ފުލުހަކާއި އަންހެން ފުލުހަކު ވެސް އެ މަންޒަރު ބަލަން ތިއްބެވެ.
އަދި ޕިކަޕަކަށް ގުޅައިގެން އެމީހާ ގެއަށް ގެންދިއުމަށް އަންހެން މީހާ ބުނުމުން، އަނިޔާ ލިބުނު މީހާ ވަނީ "ނުގެންދެވޭނެ" ކަމަށް ބުނެފަ އެވެ. އަދި ފައިގައި އައްސާފައިވާ ޓައީ ކުލިޕް ނައްޓާލުމަށް އޭނާ މަސައްކަތް ކުރި އެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ވީޑިއޯ އިން ފެންނަނީ އައިލާއިން ހޯދަމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތްކުރި މަންޒަރު ކަމަށެވެ. އަދި އެކަމާ ދެކޮޅު ހަދައި ގަދަ ދެއްކުމުން އާއިލާ އިން ގަދަކަމުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ބޭނުންވާ ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
"މި ހާދިސާ ހިނގި ވަގުތު ހިނގާފައިވާ ކަންކަމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން މިރޭ ބުންޏެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަމަލުކޮށްފައިވަނީ އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ތޯ އާއި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތް ބެލުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ޕްރޮފިޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް އަންގަވައިފަ އެވެ.
ޚަބަރު
ޚަބަރު