ރިޕޯޓް

ސިނާންގެ މަރު: ވަކިވެދިޔައީ މަރުވުމުގެ ކުރީން އެންމެންވެސް ހެޔޮކަންކަމުގައި މަސްއޫލުވެ އުޅުމަށް ނަސޭހަތްދެމުން

5

ދީނަށް ލޯބި ކޮށް އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރި މީހެކެވެ. އެކަނިވެރި ބައްޕައެކެވެ. ނަމަވެސް ދަރިފުޅަށް މަދުވާ އެކައްޗެއްވެސް ނެތެވެ. ފުރާނައަށްވުރެ ބޮޑަށް ދަރިފުޅު ދެކެ ލޯބިވި ބައްޕައެކެވެ. ރައްޓެހިންނަށް ހެޔޮ ނަސޭހަތް ދިނުމުގައި ދެމިހުރި ހިތް ހެޔޮ މިތުރެކެވެ.

މިއީ އިއްޔެރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި އައްޑޫ ސިޓި ހިތަދޫ، އެންތޫރިއަމް، މުހައްމަދު ޝިނާނު (ސިންޓެ)ގެ ރައްޓެހިން އޭނާގެ ވާހަކަ "ވަން" އާ ހިއްސާ ކުރަމުން ދެއްކި ވާހަކަތަކެވެ. ރައްޓެހިން ބުނި ގޮތުގައި އޭނާގެ ސިއްހީ އެއްވެސް ބޮޑު މައްސަލައެއް ނެތެވެ. ކުއްލިއަކަށް ޝިނާނު ވަކިވުން ވެގެން ދިޔައީ ރައްޓެހިންނަށްވެސް ގަބޫލު ކުރަން ދަތިވި ވާހަކަ އަކަށެވެ.

"އަޅުގަނޑަށްވެސް މީހަކު ގުޅާފަ ބުނީ ސިންޓެ މަރުވެއްޖެއޭ. ބުނީމަ އަޅުގަނޑަށް ގަބޫލެއްވެސް ނުކުރެވުނު. ބުނީ ނިދާ ނުހޭލައިގެން ބެލި އިރު ސިންޓެ އޮތީ މަރުވެފަ އޭ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފަ އޮތް ކަމަށް ޑޮކްޓަރުން ބުނީ." ޝިނާންގެ ރައްޓެއްސަކު ބުންޏެވެ.

ކޮންމެ ނަފުސަކީވެސް މަރުވާނެ ނަފްސެއް ކަމަށާއި "މިއަދު އަހަރެންގެ މަރުގެ ހަބަރު ލިބުނަސް މާދަމާ ތިޔައިގެ ތެރެއިން މީހަކުވެސް މަރުވެދާނެ" ކަމަށް ބުނެ ޝިނާން ވަނީ އޭނާގެ ފޭސްބުކުގައި ވަރަށް އަސަރުގަދަ މެސެޖެއް ވެސް ހިއްސާ ކޮށްފަ އެވެ.

ޝިނާން މަރުވުމުގެ 19 ގަޑި އިރު ކުރިން އޭނާ ފޭސްބުކުގައި ޕޯސްޓު ކޮށްފައިވަނީ މަރުވުމުން ދެން ވާނެ ގޮތް ގުރުއާނާއި ހަދީޘުން ބަޔަންކޮށްފައިވާ ގޮތުގެ ވާހަކަތަކެވެ. އަދި މަރުވުމުގެ ކުރިން ހެޔޮ ކަންކަމުގައި މަސްއޫލުވެ އުޅުމަށް ހުރިހާ އެންމެނަށް ވަސިއްޔަތް ކުރަމުން ޝިނާން އެންމެނާ ވަކިވެ ދިޔައީ އަރާމު ނިންޖަކަށް ލޯމަރާލި ގޮތަށެވެ.

ޝިނާންގެ ގާތް މީހަކު "ވަން" އަށް ބުނީ ޝިނާންއަކީ ފަސްވަގުތު ނަމާދު ކުރުން މަތީ ދެމިހުރި މީހެއް ކަމަށާއި އާދައިގެ މަތިން އިއްޔެ ރޭވެސް ނިދަން ދިޔައީ ފަތިސް ނަމާދު ކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. ނަމަވެސް ކޮންމެ ރެއަކު ފަތިސް ނަމާދަށް ހޭލާ ޝިނާނު ފަތިސް ނަމާދު ވަގުތު ދިޔައިރުވެސް ނުހޭލުމުން އާއިލާގެ މީހުން އޭނާ އަށް ނުހޭލެވުނީ ކަމަށް ބަލައި އޭނާއަށް ގޮވަން ފެށި އެވެ. ނަމަވެސް އެއްވެސް ހަބަރެއް ނުވުމުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަކަމަށާއި ހޮސްޕިޓަލަށް ދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މިއީ ގުދުރަތީ މަރެއް ނަމަވެސް ޝިނާނު ހުރީ އެ މަރަށް ތައްޔާރުވެގެން ކަން އޭނާ ދަންނަ އެންމެންވެސް ވަނީ ބުނެފަ އެވެ. މުޅި ސޯޝަލް މީޑިއާ ފުރިފައި އޮތީ ޝިނާނުގެ ހިތްހެޔޮ ކަމާއި އޯގާތެރި ކަމާއި ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ ކަންކަމުގެ ވާހަކަ ތަކުންނެވެ.

"އަހަރެން ޝިނާނު ޕާސަނަލީ ނުއެއް ދަންނަން. އެކަމަކު އޭނާގެ މަރުގެ ހަބަރު އިވުމުން އަހަންނަށް އިހުސާސްވީ ވަރަށް ގާތް މީހަކު މަރުވެ ދިޔަ ކަމުގެ އިހުސާސް. ޝިނާން ދަންނަނީވެސް ސޯޝަލް މީޑިއާއިން އޭނާ ދީނީ ޕޯސްޓްތަކާއި ދީނީ ކަންކަން ކުރިއަރުވަން ކުރާ މަސައްކަތް ފެނި ފޮލޯ ކުރަން ފެށި ފަހުން. އެއީ އަހަރެން ވަރަށް ލޯބިވާ މީހެއް. ވަރަށް ގިނަ ދީނީ ކަންކަން ކިޔައިދިން އެދުރެއް އެއީ. ދެން އަހަރުމެންނަކަށް މިފަދަ ރަނގަޅު ރަހުމަތްތެރިޔަކުވެސް ނުފެންނާނެ. ވަރަށް ދެރަވެއްޖެ. އެކަމަކު އުފާކުރަނީ އޭނާ އެދިޔައީ މަރަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން. އިރާދަ ކުރެއްވިއްޔާ ސުވަރުގެއިން ބައްދަލުވާނެ." ޝިނާނުގެ ރައްޓެއްސަކު ފޭސްބުކުގައި ޕޯސްޓު ކޮށްފައިވެ އެވެ.

ޝިނާނަކީ އެކަނިވެރި ބައްޕައެކެވެ. ލޯބި ލޯބި ދަރިފުޅާއި ވަކިވެގެން ދިޔުން އެއީ އެ ދަރިފުޅަށްވެސް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އާއިލާ އާއި ރައްޓެހިންނަށް އަޅާލައި އޯގާތެރިވި ޝިނާނުގެ ކުއްލި ވަކިވުން އަދިވެސް ރައްޓެހިންނާއި އާއިލާގެ މީހުންނަށް ގަބޫލު ކުރަން ދައްޗެވެ.

ފުލުހުން ބުނީ މާލޭ ގެއެއްގައި ނިދި ގޮތަށް ހޭނުލައިގެން އާއިލާއިން ބެލި އިރު މަރުވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު އިއްޔެރޭ ފަތިހު ލިބިފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެ ކަމުގައި ތުހުމަތުވާ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މި މަރާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.