ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިހާރު އިތުރުކުރަމުން އަންނަނީ ގާނޫނުއަސާސީއާ އެއްގޮތަށް ނޫން ކަމަށް ރާއްޖޭގެ ކުރީގެ އުއްތަަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު އަބުދުﷲ ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިހާރު އިތުރު ކުރަމުން މިދަނީ ގާނޫނުއަސާސީގެ 255 ގެ (ނ) އާއި (ރ) އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 253 ވަނަ މާއްދާ ހިމެނޭ، ގާނޫނުއަސާސީގެ 11 ވަނަ ބާބަކީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާބެހޭ ކަންކަން ބަޔާން ކޮށްފައިވާ ބާބެވެ. ގާނޫނުއަސާސީގެ 255 ވަނަ މާއްދާގައި ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ފިޔަވަޅުތައް އަޅަން ވާނީ މި މާއްދާއާ ހިލާފު ނުވާ ގޮތުގެ މަތީން ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ "މި ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދޭ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާނަމަ އެކަން ކުރާންވާނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮށްމެހެން ހިފަހައްޓާން ޖެހިއްޖެ ހައްގެއް ނުވަތަ މިނިވަންކަމެއް ކޮށްމެހެން ހިފަހައްޓާން ޖެހިއްޖެ މިންވަރަކަށެވެ. މިހެންނެވެ. އަދި (ރ) ގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅުތައް ވާން ވާނީ، ދިވެހި ރާއްޖެއިން އަމަލު ކުރުން ލާޒިމު ކުރާ ބައިނަލް އަގުވާމީ ގާނޫނުތަކުގައިވާ ގޮތުގެ މަތީން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލު ކުރާން ޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަޅާ ފިޔަވަޅު ތަކަކަށެވެ. މިހެންނެވެ.

ރާއްޖޭގައި އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ، ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމައިން ވެސް އިއުލާން ކުރީ، ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމަނިކުފާނު ފުރަތަމަ ވިދާޅުވި ވިދާޅުވުން މިއަދު ވެސް ވަނީ ތަކުރާރު ކުރައްވައިފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ އޭރު ވިދާޅުވެފައި ވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ހާލަތު ތަންޒީމު ކުރެވިފައި ވަނީ ގާނޫނުއަސާސީގެ 11 ވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ތިންކަމަކަށް ރިއާޔަތްކުރުމަކާ ނުލައި ކަމަށެވެ.

ރާއްޖޭގައި އާއްްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗް 12 ގައެވެ.

އެއަށްފަހު އެ މުއްދަތު އެކި ފަހަރުމަތިން އިތުރު ކުރުމަން އައިސް އެންމެ ފަހުން އާއްމު ސިއްހަތުގެ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިހާރު އިތުރު ކުރަމުން އަންނަނީ ގާނޫނުއަސާސީގެ 255 ގެ (ނ) އާއި (ރ) އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓުގައި ޑރ.ޑީޑީ އިތުރަށް ވިދާޅުވެފައި ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އެންމެން ވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.