(18 މާޗުގެ އަދަދާ ގުޅޭ)
أحمـد އާއި طـاهـــرة އާ ދެބޭފުޅުން އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. ސަހަރުން ބޭރަށް ނުކުމެވަޑައިގެންފައި طـاهـــرة ފަހަތަށް އެނބުރިވަޑައިގެން ހިތާމަވެރި ލޯފުޅަކުން ރަށާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަދިވެސް އެ މިނިވަންކަމުގެ ފަތިސް އަންނާނެކަމަށް ކަލާ އުންމީދު ކުރައްވަމުތޯ؟"
أحمـد ޖަވާބު ދެއްވިއެވެ. "މާތް اللّـه ގެ ރަޙުމަތްފުޅާއެކު އެ އުންމީދީ ފަތިސް އަންނާނެކަށް ކަށަވަރު."
"މިހާރު އަޅުގަނޑުމެންގެ މަންޒިލަކީ ކޮބައިތޯ؟"
"ޣަރުނާޠާ." أحمـد ޖަވާބު ދެއްވިއެވެ.
އަލްފާންސޫ يحـيى އަށް އެހީތެރިވެވަޑައިގެންދެއްވީ އިންތިހާދަރަޖައިގެ ބޮޑު ޢަދަދެއްގެ ޖިޒީ ދައްކަވާން ވަޢުދުވެވަޑައިގެންނެވުމުންނެވެ. يحـيى ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު ރައްޔިތުންނަށް އަދާކުރެވޭ ވަރަށްވުރެ މާބޮޑެތި ޓެކުސްތަކެއް ކަނޑައަޅުއްވައިފައެވެ. އެވަރުންވެސް އަލްފާންސޫއަށް ދެއްވާން ޖެހިވަޑައިގަންނަވާ ޖިޒީގެ ޢަދަދު ހަމައެއް ނުކުރެއްވުނެވެ. يحـيى އަށް މަޖުބޫރުވެވަޑައިގެންނެވީ ޖިޒީ ހަމަކޮށްދެއްވާނެކަމުގެ ޖާމިނެއްގެ ގޮތުން ޠުލައިޠުލާގެ އެތައް ކިއްލާތަކެއް އަލްފާންސޫއާ ހަވާލުކުރައްވާށެވެ. އަލްފާންސޫގެ ހުށަހެޅުއްވުންތައް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. يحـيى އޭނާގެ ރައްޔިތުންނަށް މަޖުބޫރު ކުރައްވައިގެން ފައިސާ އަތުލައްވައިފައި އަލްފާންސޫއަށް ދެއްވާ ވަރަކަށް އަލްފާންސޫގެ ދަހިވެތިކަން ތިޔައީ އިތުރުވަމުންނެވެ. އެންމެފަހުން ޠުލައިޠުލާގެ ރައްޔިތުންނަށް ބަނޑުފުރާނަ މުއްތިކުރާނެ ހިކި ރޮށިކޮޅެއްވެސް ލިބުން ދަތިވެއްޖެއެވެ. يحـيى ގެ ސަރުކާރުގެ އަނިޔާވެރިކަމާއި ފޭރުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބުން ރައްޔިތުންނަށް ކެތްނުކުރެވިގެން ސަރުޤިސްޠާއަށާއި، މުރުސިއްޔާއަށާއި، ބަލަންސިއްޔާއަށް ހިޖުރަކުރާން ފަށައިފިއެވެ. އަންދަލުސުގެ މުސްލިމުންނަށް ކޮންމެ ދުވަހަކުވެސް އިވެމުންދިޔައީ يحـيى އޭނާގެ އެވެނި ކިއްލާއެއް ނުވަތަ މިވެނި އަވަށެއް ނުވަތަ އެވެނި ސަރަޙައްދެއް އަލްފާންސޫއާ ހަވާލުކުރެއްވި ވާހަކައެވެ.
ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި يحـيى ގެ ރަސްކަމުގެ ސަރަޙައްދު ވަނީ ޠުލައިޠުލާއާއި އެރަށުގެ ވަށައިގެންހުރި ބައެއް އަވަށްއަވަށާ ހަމަޔަށް ހަނިވެފައެވެ. އެވަރުންވެސް އަލްފާންސޫގެ ޖިޒީ އިތުރުކުރެއްވުމުގެ ދަހިވެތިކަން ކުޑައެއް ނުވެއެވެ. އެންމެފަހުން يحـيى ހުވާކުރައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ޠުލައިޠުލާގެ ރައްޔިތުން ފޭރިފައި މަނިކުފާނަށް ފޮނުވަ ފޮނުވާ މިހާރު އެބައިމީހުންގެ އަތުގައި ލޯލާރިޔެއްވެސް ނެތް." އަލްފާންސޫ އެދުވަހުން ފެށިގެން ޠުލައިޠުލާގެ ރަށްބޭރުގެ އަވަށް އަވަށަށް ޙަމަލަދެއްވައި ލޫޓުވާން ފައްޓަވައިފިއެވެ. ޙަޤީޤަތުގައި އަލްފާންސޫގެ ބޭނުންފުޅަކީ ޠުލައިޠުލާ ހިއްޕެވުމެވެ. އޭނާއަށް އަންދަލުސުގެ ދެކުނަށް ފައިންޕުޅު ފެތުރުއްވޭންއޮތީ ޠުލައިޠުލާ ހިއްޕަވައިގެންނެވެ. އެހެންކަމުން އޭނާ يحـيى އަށް ދެންނެވިއެވެ. "މަނިކުފާނު ޠުލައިޠުލާ ދޫކޮށްލައްވައިފިނަމަ އަޅުގަނޑު މިހިރީ ބަލަންސިއްޔާ ހިއްޕަވާން މަނިކުފާނަށް އެހީވާން." އެހިސާބަށް ކަންތައް ދިޔައިރު يحـيى އަށްވެސް އޭނާއަށް އިންނެވެނީ ފެތެމުންދާ އޮޑިޔެއްގައިކަން އެނގިވަޑައިގެންފިއެވެ. އެހެންކަމުން އޭނާ އަލްފާންސޫ ޠުލައިޠުލާއަށް ވެރިވެވަޑައިގެންފިކަން ރަސްމީގޮތުން ގަބޫލުކުރައްވައިފިއެވެ.
ހިޖުރީ ތާރީޚުން 27 މުޙައްރަމް 478 އަކީ ޠުލައިޠުލާގެ މުސްލިމުންގެ ތާރީޚުގައި ހިތާމައިގެ ކަޅު ދުވަހެކެވެ. އެދުވަހަކީ އެހައިތަނަށް ރަށް ދޫކޮށް ހިޖުރަ ނުކޮށްތިބި މުސްލިމުންގެ މަދު މީސްކޮޅަށް އަލްފާންސޫ ފާތިޙެއްގެ ހައިސިއްޔަތުން އެރަށަށް އަރައިވަޑައިގެންނެވި މަންޒަރު ފެނުނު ދުވަހެވެ. މުސްލިމުންކުރެ އެކަކަށްވެސް އެމީހަކާމެދު މުސްތަޤުބަލުގައި ކަންވާނެގޮތް އޮޅިފައެއް ނެތެވެ. ޠުލައިޠުލާގެ މުސްލިމުންގެ ކުރިމަތީގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ ނަސްރާނީއެއްގެ އަޅަކަށްވުމެވެ. ދެވަނަ ގޮތަކީ ޖާނު ސަލާމަތްކޮށްގެން ސިއްރުން ރަށުން ފައިބައިގެން ކޮންމެވެސް ދިމާޔަކަށް ހިޖުރަ ކުރުމެވެ. އަލްފާންސޫ ޠުލައިޠުލާ ހިއްޕެވުމަކީ އަންދަލުސުގެ އެހެނިހެން ދައުލަތްތަކަށްވެސް ވަރަށްބޮޑު ނުރައްކަލެކެވެ. ނިހާޔަތަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެނީ އަންދަލުސުގެ ޓާގިސް ކޯރަކީ އަންދަލުސުގެ އުތުރުން އަންނަ ޙަމަލަތަކުން ދިފާޢުވުމުގައި ދެކުނުގެ އިސްލާމީ ދައުލަތްތަކަށް ލިބިފައިއޮތް ޤުދުރަތަކީ ބާޑީއެކެވެ. ދިފާޢީ ރޮނގެކެވެ. އަލްފާންސޫ ޠުލައިޠުލާއަށް ވެރިވެވަޑައިގެންނެވުމުން އަންދަލުސުގެ ދެކުނުގެ މުސްލިމު ދައުލަތްތަކަށް ދިފާޢީ އެއްވެސް ހުރަހެއް ނިވައިފަތްގަނޑެއް ލިބިފައެއްނެތެވެ. އަލްފާންސޫގެ ޙަމަލަތައް ދެކުނުގެ މުސްލިމުންނަށްވަނީ ސީދާ އަމާޒުވެފައެވެ. ނަމަވެސް ޠަވާއިފުލްމުލޫކުންގެ ދީނީ ޣީރަތެއް ނެތެވެ. މިއްލީ ހިއްސު ކެނޑިފައިވާވަރީ މުލޫކުއްޠަވާއިފުންގެ ވަރަށްގިނަ ބޭފުޅުން އަލްފާންސޫ ޠުލައިޠުލާ ހިއްޕެވުމުގެ މުނާސަބާގައި އޭނާއަށް ތަހުނިޔާއާއި މުބާރިކުބާދު ވިދާޅުވެ މެސެޖު ފޮނުއްވިއެވެ.
يحـيى القــادر ޠުލައިޠުލާ ދޫކޮށްލެއްވުމަށްފަހު އަލްފާންސޫގެ ޖަނަރަލެއްގެ އަހުގެ ފަހަތުގައި އިންނަވައިގެން ވަޑައިގެންވަނީ ބަލަންސިއްޔާއަށް ވެރިވެވަޑައިގެންފައެވެ. ބަލަންސިއްޔާގެ މުސްލިމުންނަށްވެސް އެބައިމީހުންގެ ނިމުން އަންނާނެގޮތް ރަނގަޅަށް އެނގެއެވެ. يحـيى ވަޑައިގެންނެވީ ޠުލައިޠުލާއެކޭ އެއްފަދައިން ބަލަންސިއްޔާގައިވެސް އަލްފާންސޫއަށް މަގު ސާފުކޮށްދެއްވަންކަން އެނގެއެވެ. އެހެންކަމާއެކުވެސް އަލްފާންސޫގެ ސިފައިން ތިއްބައި يحـيى ގެ ކިބައިން ސަލާމަތްވެވޭނެ މަގެއް ނެތެވެ. ބަލަންސިއްޔާގެ މިނިވަންކަމަށް ލޯބިކުރާ މުސްލިމުން يحـيى އާ ދެކޮޅަށް ބަޣާވާތްކުރަމުން ގެންދިޔައެވެ. ނަމަވެސް يحـيى ގެންދެވީ ޤަޞްޠިލާއާއި ލުޔޫންގެ ނަޞާރާއިންގެ އެހީގައި މުސްލިމުން ޗިސްޗިސްކުރައްވަމުންނެވެ. އެއަށްފަހު ބަލަންސިއްޔާގައިވެސް އިޢާދަވާންފެށީ ޠުލައިޠުލާގެ ތާރީޚެވެ. އަލްފާންސޫގެ ޢަސްކަރީ އެހީފުޅުގެ ބަދަލުގައި يحـيى އަށް ވަރަށްބޮޑު ޖިޒީއެއް ދެއްވާން ޖެހިވަޑައިގެންނެވިއެވެ. يحـيى ދުވަސްކޮޅެއްވަންދެން ބަލަންސިއްޔާގެ މުސްލިމުންގެ އަތުން ފޭރިފައި އަލްފާންސޫއަށް ފައިސާ ދެއްވަމުން ގެންދެވިއެވެ. ރައްޔިތުން ބިކަވެ އަތްހުސްވުމުން يحـيى ކުރައްވާން ފެއްޓެވިކަމަކީ މުސްލިމުންގެ ބިންތައް ފިރުއްކަވައިފައި ނަޞާރާއިންނަށް ބައްސަވައިދެއްވުމެވެ. އެގޮތުން އަފްލާންސޫގެ ސިފައިންގެތެރެއިން ބަލަންސިއްޔާގައި ހުރި ކޮންމެ މީހަކީ ބިންވެރިޔަކަށް ވެއްޖެއެވެ. މުސްލިމުންނަށް މަޖުބޫރުވީ މަޖޫރީންނާއި، އަޅުންނާއި، ދަނޑުވެރީންގެ ހައިސިއްޔަތު ގަބޫލުކުރާށެވެ.
يحـيى القــادر އަކީ ނަމުގައި ބަލަންސިއްޔާގެ ރަސްގެފާނެވެ. އެކަމަކު ނަޞާރާ ސިފައިންނަށް މުސްލިމުން ޤަތުލުކުރުމާއި ފޭރުމާއި ލޫޓުވުމުގެ ފުރިހަމަ މިނިވަންކަން އޮތެވެ. ނަޞާރާއިން ބަލަންސިއްޔާގެ މަގުތަކުގެ ހަތަރު އަނގޮޅިތަކުގައި ރޯމާދުވާލު ގެންދިޔައީ މުސްލިމު ފިރިހެނުން ޤަތުލުކުރަމުންނެވެ. މުސްލިމު އަންހެނުންގެ ޢިއްޒަތާއި ޙުރުމަތަށް އަރައިގަންނަމުންނެވެ. ބަލަންސިއްޔާގެ މުސްލިމަކު ފިލައިގެން އެހެން ރަށަކަށް ހިޖުރަކުރާން މަސައްކަތްކުރާކަން އެނގިއްޖެނަމަ އެމީހަކު ހައްޔަރުކޮށްފައި އެއްލައިލަނީ ކުއްތާތަކުގެ ކުރިމައްޗަށެވެ. ޤަޞްޠިލާގެ މީހަކު ބޭނުންވެއްޖެނަމަ ބޭނުންވާ މުސްލިމަކު ހައްޔަރުކޮށްފައި ރާތައްޓަކަށް ނުވަތަ ގޮދަން ރޮއްޓަކަށް ނުވަތަ މަސްކޮޅަކަށް ވިއްކައިލުމަކީ މައްސަލައެއް ނޫނެވެ.
އަލްފާންސޫ ހުޅަނގުދެކުނު ފަރާތުން ގެންދެވީ ޠުލައިޠުލާގެ ވަށަވަށައިގެން ސިފައިން ޖަމާކުރައްވަމުންނެވެ. ޓާގިސް ކޯރުން ފެށިގެން މާލިޤާއާ ހަމަޔަށްހުރި ހުރިހައި އިސްލާމީ ވެރިކަމެއްވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ބިޠުލިޔޫސާއި، އިޝްބީލިއްޔާއާއި، ޝަރީޝާއި، ޝަލަބާއި، ވަލްޔާއާއި މައުރޫރުގެ މުސްލިމުންނަށް އެބައިމީހުންގެ މުސްތަޤުބަލުގެ އުދަރެހުން ފެންނާންހުރީ ބަނަ ބޯވިލާތަކެވެ. އަނެއްކޮޅުން އަލްފާންސޫގެ ސިފައިން ވަނީ ބަލަންސިއްޔާއަކީ އެބައިމީހުންގެ ޢަސްކަރީ މަރުކަޒަކަށް ހަދައިފައެވެ. ބަލަންސިއްޔާއާއި، މުރުސިއްޔާއާއި އަލްމަރިއްޔާއާއި ޣަރުނާޠާއާއި ޤުރުޠުބާގެ މުސްލިމުންނަށް ވަނީ އަލްފާންސޫގެ ކަނޑިކޮޅު އެބައިމީހުންގެ ވައިނޮޅިތަކާ ހަމަޔަށް ފޯރައިފިކަން ކަށަވަރުވެފައެވެ. ދެފަރާތުން ނަގައި ފަށްކުރަމުން އަންނަ ނަޞާރާއިންގެ ދެރާޅު އިރުމައްޗާއި ހުޅަނގުގެ ހުރިހައި ހުރަސްތަކެއް ބަނޑުދަށުލަމުން އައިސް ޖަބަލުއްޠާރިޤު ނުވަތަ މާލިޤާއާ ހަމައިން ދެބައްރާޅަކަށް ބަދަލުވާނެކަން އަންދަލުސުގެ ދުރުވިސްނާ އެންމެންނަށް ގަބޫލުކުރެވޭން ފަށައިފިއެވެ.
އަލްފާންސޫގެ ކޮމާންޑަރ އިން ޗީފް ޒިމީނައިޒު ބަލަންސިއްޔާގެ ދެކުނުން މަރާބާޑީ ކުޅެމުންގޮސް ޙިއްޞުއްލައިޠު ހިފައިފިއެވެ. އެކިއްލާއަކީ އެކިއްލާހުރި ތަނުގެގޮތުން ބަލާއިރު އަންދަލުސުގެ ދެކުނު އިރުމަތީގެ ވަރަށް މުހިންމު ޢަސްކަރީ މަރުކަޒެކެވެ. އެކިއްލާ އަތުވުމާއެކު ނަޞާރާއިން މުރުސިއްޔާއާއި އަލްމަރިއްޔާއާ ގުޅޭ ސަރަޙައްދުތަކުގައި ފޭރުމާއި މީހުން މެރުން އާއްމުކޮށްފިއެވެ. އަލްފާންސޫގެ ރަސްމީ ސިފައިންގެ އިތުރަށް އުތުރުގެ ލުޓޭރުންނާއި މަގުފޭރޭ މީހުންގެވެސް ވަރަށްގިނަބަޔަކު އެކިއްލާއަށް ޖަމާވެއްޖެއެވެ.
އަލްފާންސޫ ބޭނުންފުޅުވީ މުސްލިމުންނާ ދެކޮޅަށް އެންމެފަހުގެ ޙަމަލަ ދެއްވުމުގެ ކުރީން މުސްލިމުންގެ ކިބައިގައި ބިރުވެރިކަން އުފައްދަވާށެވެ. އެހެންކަމުން އޭނާ ވަނީ އުތުރުގެ މުޖުރިމުންނަށް މުސްލިމުންގެ ތެރޭގައި ލޫޓުވުމާއި ފޭރުމާއި މީހުން މެރުމުގެ ޙަރަކާތް އާއްމުކުރުމުގެ ހުއްދަ ދެއްވައިފައެވެ. އުތުރުފަރާތުން އަލްފާންސޫގެ ސިފައިންގެ ބައެއް ގެމަތައް ސަރުޤިސްޠާއަށް ޙަމަލަދޭން ފަށައިފިއެވެ.
އެހިސާބަށް ކަންތައް ދިޔުމުން އަންދަލުސުގެ މުލޫކުއްޠަވާއިފުންގެ ލޯފުޅުތައްވެސް ހުޅުވޭން ފަށައިފިއެވެ. އަލްފާންސޫ އޭނާގެ މޫނުފުޅުމަތީގައި އަޅުއްވައިގެން އުޅުއްވި ނިޤާބު މިހާރުވަނީ ނަންގަވައިފައެވެ. އެހެންކަމުން އަލްފާންސޫގެ ރަޙުމަތްތެރީންކަމުގައި ވެވަޑައިގެން އުޅުއްވި މުލޫކުއްޠަވާއިފުންނަށް ވަނީ އެބޭފުޅުން މުސްލިމު ރައްޔިތުންގެ ލޭ ދަންމަވަ ދަންމަވައިފައި ބޯންދެއްވަމުން ގެންދެވި އަޒުދަހަ ޚުދު އެބޭފުޅުންގެ ލޭފޮދު ބޯން ތަންމިނަށް އަނގަ ހުޅުވާންފަށައިފިކަން އިޙުސާސު ކުރެއްވޭން ފަށައިފައެވެ.
ޙިޞްނުއްލައިޠުން ޒިމީނައިޒުގެ ނާއިބެއް ހުޅަނގުދެކުނު ފަރާތުން މުސްލިމުންގެ އަވަށްތަކާއި ރަށްރަށް ސުންނާފަތިކުރަމުން އައިސް މަޑުކޮށްލީ ޣަރުނާޠާގެ ކައިރީގައި އޮންނަ ގަރްޔާއެއް ކަމުގައިވާ ތަބާރާއާ ހަމައިންނެވެ. އުތުރުގެ ރަށްރަށާއި އަވަށްއަވަށުން ދެކުނުގެ ރަށްރަށާއި އަވަށްއަވަށަށް މިސުރާބުޖަހާ މުސްލިމުންގެ ޤާފިލާތައް ބިރުން ދުވަމުން އަންނައިރު ފަހަތަށް ދޫކުރަމުން އަންނަނީ ފޭރުމާއި ލޭއޮހޮރުވުމުގެ އަލިފާންގަނޑެވެ. ކުރިމަތީގައި އޮންނަނީ މާޔޫސުކަމުގެ އަނދިރިކަމެވެ. އަންދަލުސުގައި ކިރިޔާ ނަމެއްގައި މުސްލިމުންގެ ގޮތުގައި ތިއްބަވާ މުލޫކުއްޠަވާއިފުންނަށްވެސް މިހާރު އެ އަލިފާންގަނޑުގެ މޭގަ ފެނިވަޑައިގަންނަވާވަރު ވެއްޖެއެވެ.
އެ އަލިފާންގަނޑަކީ އެބޭފުޅުން އެތައް އަހަރެއްގެ ކުރީއްސުރެ އެ އަލިފާންގަނޑު އަންދަން ދަރު ފޮނުއްވަމުން ގެންދެވި އަލިފާންގަނޑެވެ. މިހާރު އާއްމު މުސްލިމުންނެކޭ އެއްފަދައިން ޠަވާއިފުލްމުލޫކުންވެސް އެއްބޭފުޅަކު އަނެއްބޭފުޅަކާ ކުރައްވަނީ އެއްސުވާލެކެވެ. އެސުވާލަކީ އެބޭފުޅުންގެ ނިމިވަޑައިގަތުން އަންނާނީ ކޮންގޮތަކަށްތޯ ކުރައްވާ ސުވާލެވެ. އެދުވަސްވަރު އަންދަލުސުގެ ޝާޢިރެއްގެ ޅެމެއްގައި ވިދާޅުވެފައިވެއެވެ. "އަންދަލުސުގެ މުސްލިމުންނޭވެ! ހިޖުރަކުރާށެވެ. މިތާނގައި އުޅުމަކީ މޮޔަކަމެކެވެ." ޝާޢިރުގެ މިގޮވައިލެއްވުން މިހާރު ވެފައިވަނީ އަންދަލުސުގެ އެތައްލައްކަ މުސްލިމުންނެއްގެ ނަޢުރާގެ އަޑު ކަމުގައެވެ.
* * * * * * * * * * *
އަންދަލުސުގެ މުލޫކުއްޠަވާއިފުންގެ ދައުރުގައި އަންދަލުސުގެ އެތަންމިތަނުންވަނީ ނަސީބު ވަޒަންކުރާ އެތައްބަޔަކު އުފެދިފައެވެ. އޭގެތެރެއިން އެއްބޭފުޅަކީ إبـن رشـيـق އެވެ. އަހަރުތަކެއްގެ ކުރީން އޭނާ ވަނީ معـتـمـد ގެ ވަޒީރު إبـن عمّــار އަށް މުރުސިއްޔާ ފަތަޙަކުރައްވާން އެހީތެރިވެވަޑައިގެންދެއްވައިފައެވެ. إبـن عمّــار ގެ ނަސީބުފުޅުގެ ތަރި އޮއްސުމަށްފަހު މުރުސިއްޔާގައި معـتـمـد ގެ ނާއިބުއްސުލްޠަނަތުގެ މަގާމަށް ވަޑައިގެންނެވީ إبـن رشـيـق އެވެ. އަލްފާންސޫ އިޝްބީލިއްޔާއަށް އޭނާގެ ކޯފާ ބާލުއްވާން ފެއްޓެވުމުން إبـن رشـيـق ޙާލަތުގެ ފައިދާ ހޯއްދެވިއެވެ. އޭނާގެ އަމިއްލަ ވެރިކަން އިޢުލާނު ކުރައްވައިފިއެވެ. ބަލަންސިއްޔާއާއި ޙިޞްނުއްލައިޠުގައި ތިބި ނަޞާރާ ސިފައިންގެ ފައުޖުތައް މުރުސިއްޔާގެ ސަރަޙައްދަށްވަދެ ލޫޓުވައި މީހުން މަރައި އުޅޭން ފެށުމުން
إبـن رشـيـق ވެސް ޢަމަލުކުރެއްވީ މުލޫކުއްޠަވާއިފުންގެ ޒަމާންވީ ސުންނަތާ އެއްގޮތަށެވެ. އޭނާވެސް މަސައްކަތްކުރެއްވީ ރިޝްވަތާއި ހަދިޔާ ދެއްވައިގެން އަލްފާންސޫ މައިތިރި ކުރެއްވޭތޯއެވެ. ނަމަވެސް އޭނާއަށްވެސް ޔަގީންވެވަޑައިގެންނެވީ މާގިނަދުވަހަކު އެ މުސީބާތް ނުހުއްޓުވޭނެކަމެވެ.
މުރުސިއްޔާއެކޭ އެއްފަދައިން އަލްމަރިއްޔާގެ ސަރަޙައްދަށްވެސް ނަޞާރާ ލުޓޭޓަރުން ޙަމަލަދޭން ފަށައިފިއެވެ. އަލްމަރިއްޔާގެ أميــر مـعـتـصـم އަކީ ހެޔޮލަފާ ޢަދުލުވެރި ވެރިޔެކެވެ. އަލްމަރިއްޔާގެ ރައްޔިތުން އޭނާދެކެ ނުހަނު ލޯބިވެއެވެ. އޭނާއަށް އިޙުތިރާމުކޮށް ކަމޭހިތައެވެ. އޭނާގެ ޢިލްމުވެރިކަމާއި ޒާހިދުކަމާއި ތަޤުވާވެރިކަމުގެ ސަބަބުންނެވެ. ޢީސާއީ ސިފައިން އަލްމަރިއްޔާގެ ސަރަޙައްދަށްވަދެ ފޭރޭން ފެށުމުން أميــر مـعـتـصـم އަށް އޭނާގެ ޙަޔާތްޕުޅުގައި އެންމެފުރަތަމަ ފަހަރަށް މަޖުބޫރުވެވަޑައިގެންނެވީ ގަލަންކޮޅު ބާއްވަވައިފައި ކަނޑިކޮޅު ނަންގަވާށެވެ. އޭނާގެ ކުޑަކުޑަ ލަޝްކަރާއިގެން އޭނާ ނަޞާރާ ސިފައިންގެ ކުރިމަތީގައި ސާބިތުކަމާއެކު ހުއްޓިވަޑައިގެންފިއެވެ. އަލްމަރިއްޔާގެ ލަޝްކަރުގެ ވެރިކަންއޮތީ ތަޖުރިބާކާރު ސިފައިންގެ އޮފިސަރެއްގެ އަތްޕުޅުގައެވެ. އެއްދުވަހަކު އަލްމަރިއްޔާގެ ސަރަޙައްދުގައި އަލްމަރިއްޔާގެ ސިފައިންނާއި ނަޞާރާއިންނާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުމެއް ހިނގިއެވެ. މެންދުރާ ކައިރިވިއިރު ހަނގުރާމަ ވަނީ އެންމެފަހުގެ މަރުޙަލާއަށް ގޮސްފައެވެ. ނަޞާރާއިން ފަހަތަށް ޖެހެމުންގޮސް އެންމެފަހުން ފިލައިގެންދާން މަސައްކަތްކުރަމުން ދަނީއެވެ. އެވަގުތު ޙިޞްނުއްލައިޠުން އެބައިމީހުންނަށް ދުއިސައްތަ އަސްވާރުންގެ އެހީއެއް އަތުވެއްޖެއެވެ. ނަތީޖާއެއްގެގޮތުން ހަނގުރާމައިގެ ޗާޓު ބަދަލުވެއްޖެއެވެ. އެއާއެކުއެކުގައިހެން ނަޞާރާއެއްގެ އަތުން އަލްމަރިއްޔާގެ މުސްލިމު ކޮމާންޑަރު ޒަޚަމުވެއްޖެއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު