ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ތިން ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

ބީއެމްއެލުން ބުނީ، މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވ. ފެލިދޫ އާއި ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ކަމަށެވެ. އެގޮތުން ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް އެ ސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ވަނީ ބަދަލު ގެނެސްފައެވެ.

އޭގެ އިތުރުން ފޮޓޯ ނެގުމަށް މިސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ހާއްސަކޮށް ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ފޮނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްފައެވެ. އަދި ހދ. ކުޅުދުއްފުށީގައި ވަނީ އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމުކޮށް އެ ސަރަހައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމުކޮށް ދިނުމަށްޓަކައި އުނދޯއްޔާއި ޖޯލީގެ އިތުރުން ބެންޗު ބަހައްޓައިފަ އެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގެ އަތޮޅު ތެރޭގެ ބުރާންޗުތަކާއި ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށްޓަކައި ކުރެވިގެންދިޔަ ހަރަކާތްތަކެއް ކަމަށެވެ. އަދި މި ތިން ރަށުގައި ކުރެވިގެންދިޔަ މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުން ވަނީ މަސައްކަތްކޮށްފައިވާ ކަމަށް ބުންޏެވެ.

ކޮންމެ އަހަރަކު މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިއަދުގެ ހަރަކާތްތަކެއް ހިންގާފައިވާއިރު ބީއެމްއެލުން ބުނީ، އެ ބޭންކުގެ އަމާޒަކީ މިފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިއުން ކަމަށެވެ.

ބީއެމްއެލްގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދެއެވެ. ގުދުރަތީ ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިއަރުން ހަރަކާތްތެރިވެއެވެ.