‏އއ. އުކުޅަހުގައި ހަދާ އާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.

އުކުޅަހަކީ ލޯކަލް ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ ކުރީ ސަފުން ގުނާލެވޭނެ ރަށެކެވެ. އުކުޅަހުގައި މިވަގުތު ވެސް އެކި ފަންތީގެ އެކިފެންވަރުގެ ގެސްޓްހައުސްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރަން ބަލާއިރު، އުކުޅަހު އިންޖީނުގެއަކީ ނިސްބަތުން ވަރަށް ކުޑަ ތަނެކެވެ.

މިވަގުތު ވެސް އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމަށްޓަކައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު, ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވަނީ ގެންގޮސްފަ އެވެ.

ސްޓެލްކޯ އިން ބުނީ, އުކުޅަހަށް އަންނަ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާގެ ހައިސިއްޔަތުން މުސްތަގުބަލުގައި އެރަށަށް އަންނާނެ ކުރިއެރުމާއި ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައި އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން އަންނަ 812 ކިލޯވޮޓްގެ އިންޖީނުގެ ގޭގެ ބަދަލުގައި ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އާ އިންޖީނުގެއެއް އެޅުމަށް ނިންމައި, މިއަދު އެތަނުގެ ބިންގާ އަޅާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ, އެ އިންޖީނުގެ ވެގެންދާނީ ޒަމާނުއްސުރެ އިންޖީނުގެތަކާމެދު ދެކެމުން އައި ގޮތް ބަދަލުކޮއްލައި ރަށުގެ ރީތި ނަލަ ލޭންޑުމާކަކަށް ވެގެންދާނެ އިންޖީނުގެއަކަށް ކަމަށެވެ.

އެގޮތުން އިތުރު ސަލާމަތީ ހިދުމަތްތަކާއެކު ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރާ ޒަމާނީ ފެންވަރު ރަނގަޅު މި އާ އިންޖީނުގެ ވެގެންދާނީ އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށެވެ. އެއީ އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުންނެވެ.

އޭގެ އިތުރުން އޮންލައިން މޮނިޓަރިން އާއި ޓެކްނިކަލް ސަޕޯޓުގެ އިތުރުން އާ އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.