ދުވަސް ނުފުރާ ވިހޭ ކުއްޖަކު ވަޅުލައިގެން މަރައިލި މައްސަލައާ ގުޅިގެން، ގަސްތުގައި ކުއްޖަކު މެރުމުގެ ތުހުމަތުގައި ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްލައިގައި ދައުލަތުން ދައުވާކުރީ، ސ. މަރަދޫ ޝޭމްރޮކް އައިމިނަތު ޝާހީ އާލަމް އާއި އެރަށު ފިނިފެންމާގެ އިބްރާހިމް ވިސާމްގެ ދެމަފިރިންގެ މައްޗަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ މި ހުކުމްގައި ބުނެފައި ވަނީ، އެ ދެމީހުންގެ މައްޗަށް، ކުއްޖަކު މެރުމުގެ ދައުވާ ދައުލަތުން އުފުލީ، އައިމިނަތު ޝާހީ އާލަމް ބަލިވެ އިނދެ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި، ބަނޑަށް 20 ހަފުތާގައި، ސ. މަރަދޫ ފިނިފެންމާގޭގައި ވިހާފައިވާ ކުއްޖާއަށް، އައިމިނަތު ޝާހީ އާލަމް ބަލިވެ އިނީއްސުރެން، ޑޮކްޓަރަށް ދައްކާފައި ނުވާތީ އާއި ދަރި ވައްޓާލުމުގެ ނިޔަތުގައި، އެކަމަށް ބޭނުން ކުރާ ބޭސް ބޭނުން ކުރުމާއި، އެ ދުވަހު އައިމިނަތު ޝާހީ އާލަމްގެ ބަނޑުގައި ރިއްސައި ކުރިމަތި ފަރާތުން ގިނަ އަދަދެއްގެ ލޭ އަންނަން ފެށުމާއެކު ހޮސްޕިޓަލަށް ގެންގޮސްފައި ނުވާތީ އާއި، އައިމިނަތު ޝާހީ އާލަމް ވިހެއުމުން، އިބްރާހިމް ވިސާމް އެ ކުއްޖާ ކޮތަޅަކަށް ލައިގެން ގޮސް، ސ. މަރަދޫ ބިއުޓީ ރޯސްގެ އާ ދިމާ އަތިރި މަތީގައި ދުވަސް ނުފުރާ ވިހާފައިވާ ކުއްޖަކު ވަޅުލި މައްސަލައިގައެވެ.

އެހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން އެތަނަށް ގޮސް ކޮނެގެން ބެލިއިރު ވަޅުލާފައިވާ ކުއްޖާ ފެނިގެން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު، ކުއްޖާގެ ވިންދު ހުރި ކަމަށާއި، އެ ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިއަ ފަހުން ކަމަށް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހެއްގެ ވަޒީފާގައި އުޅޭ ސ. ހިތަދޫ މިދިލިގޭ ރިސްހާ ރަޒީން ބުނެފައިވާ ކަމަށްވެސް މި މައްސަލައިގައި ދއުލަތުން ބުނެފައި ވެއެވެ.

ނަމަވެސް މި ދައުވާއަށް އައިމިނަތު ޝާހީ އާލަމާއި އިބްރާހިމް ވިސާމް އިންކާރު ކުރުމާ ގުޅިގެން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާ ތަކުން، ދައުވާ ސީޣާގައި ބަޔާން ކޮށްފައިވާ ކުއްޖާއަކީ ދިރި ހުރި، ނުވަތަ ފުރާނަ ހުރި ކުއްޖެއް ކަމާމެދު ޝައްކު އުފެދޭތީ އާއި، އެ ކުއްޖާއަކީ ދިރި ހުރި ނުވަތަ ފުރާނަ ހުރި ކުއްޖެއް ކަމާއި، ގުޅިގެން ހެކިންގެ ހެކިބަހުގަ އާއި، މައްސަލައާއެކު ހުށަހަޅާފައިވާ އެހެނިހެން ލިޔެކިޔުންތަކުގައި ޖައުހަރީ ފުށުއެރުންތަކެއް ހުރުމުން މި މައްސަލައިގައި، ގަސްދު މަރު ރުކުންތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ރުކުން ކަމަށްވާ "މަރާލެވުނު މީހާ އަކީ، ދިރި ހުރި އަދި ލޭ އޮހޮރުވުން މަނާ ކުރެވިފައިވާ (ލޭ ހުއްދަ ކުރެވިފައި ނުވާ) މީހެއް ކަމުގައިވުން" މިރުކުން ފުރިހަމަ ނުވާތީ، ދައުލަތުން ސ. މަރަދޫ ޝޭމްރޮކް، އާމިނަތު ޝާހީ އާލަމް އާއި، ސަ. މަރަދޫފޭދޫ ފިނިފެންމާގެ، އިބްރާހިމް ވިސާމްގެ މައްޗަށް ކޮށްފައިވާ ގަސްތުގައި ކުއްޖަކު މެރުމުގެ ކުށުގެ މި ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި، ހުކުމް ކުރީ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.