އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމުގެ މައްސަލަ ތެރެއަށް ގައުމީ ދިފާއީ ބާރު ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ ލިޔުންތަކެއް ކުރީގެ ހޯމް މިނިސްޓަރު އުމަރަ ނަސީރު 'ލީކު' ކޮށްލުމުން ޖެހިގެން އައި ދުވަހު އެމްއެންޑީއެފްގެ ޖެނަރަލުން ހިމެނޭ ލީޑާޝިޕުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެއީ 'ފޭކް' ލިޔުމެއް ކަމަށް ބުނެފަ އެވެ. އަދި އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ ހަވާލު ކުރުން ވަނީ ދިފާއުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ، އެމްއެންޑީއެފްގެ އަގުވެއްޓޭ ގޮތަށް ކޮރަޕްޝަނުގެ އިނގިލި ދިއްކުރުމުން ކަންބޮޑުވާ ކަމަށެވެ.
"ޔޫޓީއެފް އެގްރީމެންޓްގެ މައްސަލައިގެ ތެރެއަށް އެމްއެންޑީއެފް ވެއްދުމަކީ ސަރުކާރުން ހެދި ގޯހެއް،" އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އެފަދަ ކަންކަމުގެ ސަބަބުން އަސްކަރިއްޔާއަށް ކުރާ އިތުބާރާއި އިހުތިރާމާއި ގަދަރު ކުޑަވެގެންދާކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގައި ސިފައިންގެ އިސްވެރިންތަކެއް 20 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ޔޫޓީއެފް އެއްބަސްވުމާ ގުޅިގެން އެމްއެންޑީއެފްގެ އިސްވެރިންނަށް ތުހުމަތުކޮށް އަމިއްލަ މީހަކު ހުށަހެޅި މައްސަލަ ނުބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ނިންމައިފަ އެވެ. މައްސަލަ ނުބަލަން ނިންމީ އެ މައްސަލަ ކޮމިޝަންގެ މެންބަރުން ރިވިއު ކުރުމަށްފަހު އެ މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިނުވާތީ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު