ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި އިހުތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިގޮތަށް ބުނެފައި މިވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބަހުސްތައް ކުރަމުން އަންނަ ވަގުތެއްގަ އެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ސިފައިން 20 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށްވެސްވެއެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ގައުމީ ދިފާއީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލައި، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާ ހިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެ ފަދަ ދަށުދަރަޖައިގެ ހަޑިހުތުރު އަމަލުތައް މަދު ބައެއް މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރައި ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވައި، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިހުތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމުގައި ދަންނަވަން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމީ ހިދުމަތުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަކެއްގެ އަގުހުރި ހިދުމަތްތަކެއް މި ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިހުތިރާމް ލިބިގެންވާ ބޭފުޅުން ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމުގައި 20 މިލިއަން ޑޮލަރުގެ ރިޝްވަތު ސިފައިން ނަގާފައިވާ ކަމަށްވާ ކަމަށާއި އެކަން ބެލުމަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ވާހަކަތަކަކީ ވަރަށް ދެރަވަރުގެ ވާހަކަތަކެއް ކަމަށާއި އެއީ އަމިއްލަ ސިޔާސީ ބޭނުމެއް ހާސިލު ކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރެއްވުމަށް ޝަމާލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު