ސުޕްރީމް ކޯޓުގެ 19 ނިންމުމެއް އުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް އުވާލާފައި މިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހުގެ ދަށުން ޖޭއެސްސީގެ ގާނޫނަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މިހާރު އަމަލު ނުކުރެވޭ ނިންމުން ތަކަކަށް ވުމުންނެވެ.

އެގޮތުން ބައެއް ރޫލިންތަކާއި ސާކިއުލާ އަދި އާންމު ސިޓީގެ އިތުރުން ބައެއް އުސޫލުތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ގާއިމުކުރުމާބެހޭ ސާކިއުލާ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް ބަޔާންކުރާ ސާކިއުލާ އާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ވޯކްޝޮޕް/ސެމިނާ އަދި ކޮންފަރެންސް ފަދަ ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމުތަކުގައި ޝަރުއީ ދާއިރާ އިން ބައިވެރިވުމާބެހޭ ގަވާއިދާއި ކޯޓުތަކުގެ ނިންމުންތައް އާންމުކުރުމާބެހޭ ސިޓީ އަދި ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ނެރެފައިވާ އާންމު ސިޓީގެ އިތުރުން އީ-ކޯޓު މެނޭޖްމަންޓު ސިސްޓަމް (މެމްސް) ސޮފްޓްވެއާ ޝަރުއީ ދާއިރާގައި ބޭނުން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލު ހިމެނެއެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޗުއްޓީ ދިނުމުގައި އަމަލު ކުރާނެ ގޮތާ ގުޅޭ ސިޓީ އާއި ޑޮކްޓަރެއްގެ ސެޓްފިކެޓާއެކު ސިއްހީ ސަބަބަކަށްޓަކައި ފަނޑިޔާރުންގެ ޗުއްޓީ ހަމަޖެއްސުމާ ގުޅޭ ސިޓީ އާއި ފަނޑިޔާރުންނަށް ހައްޖު އުމްރާ ޗުއްޓީ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ސިޓީ އާއި ފަނޑިޔާރުންގެ ޗުއްޓީއާގުޅޭ ސިޓީ އާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ޗުއްޓީ ހަމަޖައްސަންވާނީ ސުޕްރީމް ކޯޓަށް ހުށަހަޅައި ހުއްދަ ލިބިގެންކަމުގައި ދަންނަވައި ނެރެފައިވާ އާންމު ސިޓީ އާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ އުސޫލާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލު ވެސް ހިމެނެއެވެ.