(15 މާޗުގެ އަދަދާ ގުޅޭ)
"ތިޔަބޭފުޅުން ހަނގުރާމަ ކުރައްވަނީ عمــر المـتــوكّـل އަށްޓަކައި ކަމުގައިވާނަމަ ތިޔަބޭފުޅުން މާޔޫސުވެވަޑައިގަންނަވާ ސަބަބު ވިސްނައިގަތުމަކީ އަޅުގަނޑަކަށް އުނދަގޫކަމެއް ނޫން. ތިޔަބޭފުޅުން ހަނގުރާމަ ކުރައްވަނީ މާތް اللّـه އަށްޓަކައި ކަމުގައިވާނަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާން ބޭނުން. މާތް اللّـه ގެ ސިފައިންނަކީ މާޔޫސުވާ ބައެއް ނޫން. ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހާރު އޮތީ ޚިޔާރުކުރެއްވިދާނެ ދެމަގެއް. އެއްމަގަކީ ތިޔަބޭފުޅުންނަށް ޣާޒީންގެ ލަޤަބު ނުވަތަ ޝަހީދުންގެ ގޮތުގައި އަވަހާރަވުމުގެ ޝަރަފު ހޯއްދެވޭނެ މަގެއް. ދެވަނަ މަގަކީ އެމަގަކަށް ހިންގެވުމުން ތިޔަބޭފުޅުންގެ ނަސީބުފުޅުގައި އަޅުވެތިކަމުގެ ދިރިއުޅުއްވުމާއި ނިކަމެތިކަމުގައި އަވަހާރަވެދިޔުން ނޫން އެހެން ގޮތެއް ނޯންނާނެ މަގެއް. އަޅުގަނޑަށްޓަކައި އަޅުގަނޑު ޚިޔާރުކޮށްފައިވަނީ ކުރީން މިދެންނެވި މަގު. އަޅުގަނޑަށް ޔަގީން ޠުލައިޠުލާގައި ތިއްބެވި ތިޔަބޭފުޅުންގެ އަޝްރާފުންވެސް ޚިޔާރު ކުރައްވާނީ ކުރީން މިދެންނެވި މަގު. އެބޭފުޅުން ވަނީ މިރަށް ދިފާޢުކުރުމަށްޓަކައި އަޅުގަނޑު އިންތިޚާބު ކުރައްވައިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން. އަޅުގަނޑު އެކަނި ދޫކޮށްލައްވައިފައި ތިޔަބޭފުޅުން އެނބުރި ވަޑައިގެންނެވި ކަމުގައިވިޔަސް އަޅުގަނޑުގެ ކަނޑި އުރަޔަކަށެއް ނުލާނަން. އަޅުގަނޑަށް ޔަގީން. عمــر المـتــوكّـل ޠުލައިޠުލާއިން އޭނާގެ ސިފައިން ބާލުއްވާން މަޖުބޫރުކުރުވީ ބިޠުލިޔޫސުގެ ޙާލަތު. އެކަމަކު އޭނާ އެނބުރި ވަޑައިގެންނެވި ކަމުގައިވިޔަސް ޠުލައިޠުލާގެ މިނިވަންކަމަށް ލޯބިކުރާ މީހުން ފިނޑިވެ ހިތްވަރު އެލުވައެއް ނުލާނެ. އަޅުގަނޑު ވަނީ عبـدالـواحــد ގެ އަރިހަށްވެސް ސިޓީއެއް ފޮނުއްވައިފައި. އޭނާގެ އަރިހަކުންވެސް އަދި ޖަވާބެއް ނުލިބޭ. އަޅުގަނޑު ޔަގީންކުރާ ގޮތުގައި އޭނާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް މަސްރަޙު އޮތްގޮތް ބަޔާންކޮށްދެއްވާނެ. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެންގެ މިވަގުތުގެ ވާޖިބަކީ މިރަށް ޙިމާޔަތްކުރުން."
* * * * * * * * * * *
ޤަޞްޠިލާގެ ސިފައިން ތިބީ އެރަށާ އެންމެ ތިންކޯހުގެ ދުރުގައި މުޢަސްކަރު ހަދައިގެންނެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ނަޞާރާއިން އެރަށަށް ހުޖޫމުކޮށްފާނެކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. ޠުލައިޠުލާއާ ބެހޭގޮތުން ފެތުރެމުންދާ ތަފާތު ޚަބަރުތަކާ ގުޅިގެން ސާފު ޚަބަރުތައް އޮޅުންފިލުއްވުމަށްޓަކައި أحمـد ހަތަރު އަސްވާރަކު ޠުލައިޠުލާއަށް ފޮނުއްވިއެވެ. އެހަތަރު މީހުންކުރެ އެކަކީ طـاهـــرة ގެ އަވަށްޓެރިޔެކެވެ. أحمد އޭނާގެ ހަވާލުގައި طـاهـــرة އަށް ސިޓީއެއް ފޮނުއްވިއެވެ.
އެ ސަވާރުން ފޮނުއްވިތާ ހަތްވަނައަށްވީ ދުވަހުގެ ހެނދުނު أحمد ހުންނެވީ ރަށުގެ މައިފާރުމަތީގައި ދެކޮޅަށް ހިންގަވަ ހިންގަވައެވެ. ކުއްލިއަކަށް އޭނާޔަށް ފެނިވަޑައިގެންނެވީ ސަވާރުންގެ ޖަމާޢަތެއް އެރަށާ ދިމާޔަށް އަންނަ ތަނެވެ. އޭނާ ރިޟާކާރުންގެ ލަޝްކަރަށް ތައްޔާރުވާން އަންގަވައިފިއެވެ. ސަވާރުން ރަށުގެ ދޮރޯށްޓާ ކައިރިޔަށް އަތުވެއްޖެއެވެ. أحمد ހިތްޕުޅު ހަމަޖެހިވަޑައިގެން ފާރަވެރީންނަށް ދޮރޯށި ހުޅުވާން އަންގަވައިފިއެވެ. أحمد ފާރުމަތީން ފައިބައިވަޑައިގެން ބައްލަވައިލެއްވިއިރު އެއީ ޠުލައިޠުލާއިން އައި ބަޔެކެވެ. އެންމެ ކުރިޔަށް އިންނެވީ عبـدالـواحــد އެވެ. أحمد ކުރިޔަށް ވަޑައިގެން عبـدالـواحــد ގެ އަހުގެ ލަގަނުގައި ހިފަހައްޓަވައިފިއެވެ.
ޠުލައިޠުލާގެ މުސްކުޅިފުޅު މުޖާހިދު އަސްމަތީން ފައިބައިވަޑައިގެންފިއެވެ. ދެބޭފުޅުން އިރުކޮޅެއްވަންދެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވާން ތިއްބެވިއެވެ. أحمـد، عبـدالـواحــد އާ އެތައް ސުވާލުތަކެއް ކުރައްވާން ބޭނުންފުޅެވެ. ނަމަވެސް عبـدالـواحــد ގެ މޫނުފުޅުމަތީގައިހުރި އިންތިހާދަރަޖައިގެ ނާއުންމީދާއި މާޔޫސުކަމުގެ އަސަރު ފެނިވަޑައިގެންނެވުމުން أحمد އަށް އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެވުނެވެ.
عبـدالـواحــد ގެ އަރިހުގައި އައި އެހެން އަސްވާރެއްވެސް އަސްމަތީން ފައިބައިގެން أحمد ގެ އަރިހަށް އަތުވެއްޖެއެވެ. އޭނާގެ ދަގަނޑުދަހަނާ ހެނދުނުގެ އަވީގެ ތެރޭގައި ހުރީ ވިދަވިދައެވެ. އޭނާގެ ދެލޯ ފިޔަވައި މުޅި މޫނު ވަނީ ދަގަނޑު ތާކިހަލުގެ ނިޤާބުގެ ތެރޭގައި ފޮރުވައިފައެވެ. ނަމަވެސް އެދަހަނާއާއި ދަގަނޑު ތާކިހަލަކުން أحمد ގެ ލޯފުޅަކަށް ކެއްސެއް ލިބިވަޑައެއް ނުގެންނެވިއެވެ. أحمـد ގެ ލޯފުޅު ހުއްޓުނީ ކަނޑި އުފުއްލެވުމުގެ ބަދަލުގައި މާތަކާ ކުޅުއްވުމަށްޓަކައި ޤުދުރަތުން އުފައްދަވައިފައިވާ ރީތި ނާޒުކު ދެއަތްޕުޅާ ދިމާޔަށެވެ. އެ ދަހަނާ އެޅި އަސްވާރުގެ ކައިރީގައިހުރީ أحمـد މީގެ ހައެއްކަދުވަސް ކުރީން ޠުލައިޠުލާއަށް ފޮނުއްވި އަސްވާރެކެވެ.
عبـدالـواحــد، أحمد ގެ އަތްޕުޅުގައި ހިއްޕަވައިގެން އެހެންމީހުނާ ތަންކޮޅެއް ދުރަށް ގެންދަވައިފައި ވިދާޅުވިއެވެ. "ދަރިފުޅުގެ ސިޓީގެ ޖަވާބުގައި ޚުދު އަޅުގަނޑަށް އަންނާންޖެހުނީ. އަޅުގަނޑު މިއައީ ވަރަށް ނުބައި ޚަބަރަކާއިގެން."
أحمد ވިދާޅުވިއެވެ. "ތިޔަ ވިދާޅުވި ޚަބަރުގެ ޢުންވާނު އަޅުގަނޑު ކަލޭގެފާނުގެ މޫނުފުޅުމަތީން ކިޔައިފިން."
عبـدالـواحــد ވިދާޅުވިއެވެ. "عمــر المـتــوكّـل އެނބުރި ވަޑައިގެންނެވުމާއެކު ޢާއްމުން ޠުލައިޠުލާގެ މުސްތަޤުބަލާމެދު މާޔޫސްވެއްޖެ. يحـيى އަށް ތާއީދުކުރާ މީހުން ޙާލަތުގެ ފައިދާ ހޯދައިގެން މީހުން ވާވެއްދުމުގައި ކާމިޔާބު ހޯދައިފި. ދުޝްމިނުންގެ ފައުޖުތައް ރަށާ ވަރަށް ގާތަށް އަތުވެއްޖެ. އެހެންކަމުން ރަށުގެ ހަރުދަނާ ބޮޑުންގެ އަކުސަރިއްޔަތުވެސް މިހާރު އިޙުސާސު ކުރައްވަނީ އަޅުގަނޑުމެންނަށް ހަނގުރާމައިގައި ނާކާމިޔާބު ވެއްޖެކަމަށް. އެހެނިހެން އަވަށްއަވަށާއި ރަށްރަށް ފަދައިން ޠުލައިޠުލާވެސް ދުޝްމިނުން ލައްވައި ސުންނާފަތި ކުރުވުމުގެ ބަދަލުގައި يحـيى ގެ ވެރިކަން ގަބޫލުކުރާންވީކަމަށް. ވަރަށްގިނަ ބަޔަކުވަނީ ސިއްރު ސިއްރުން يحـيى އަށް ބައިޢަތު ހިފައިފައި. ދަރިފުޅުގެ ސިޓީގައި ލިޔުއްވައިފައިވާ އަސްލެއްނެތް ޚަބަރުތައް ރަށުތެރޭގައި ފެތުރޭތާ އެތައް ދުވަހެއްވެއްޖެ. ނަތީޖާއެއްގެ ގޮތުން ރިޟާކާރުން އެބައިމީހުންގެ ދިފާޢީ މަރުކަޒުތައް ދޫކޮށްލައިފައި ގޭގެޔަށް ހިނގައްޖެ.
އަޅުގަނޑުމެންގެ އެކުވެރީން ބަލަންސިއްޔާއަށާއި މުރުސިއްޔާއަށާއި ޤުރުޠުބާއަށާއި އިޝްބީލިއްޔާއަށާއި އެނޫންވެސް ދިމަދިމާޔަށް ހިޖުރަ ކުރަނީ. يحـيى އެމީހުން ދިރިތިއްބަ ނުދެއްވާނެކަން އެމީހުންނަށް އެނގޭ. އަޅުގަނޑުވެސް މިދަނީ އިޝްބީލިއްޔާއަށް. އަޅުގަނޑު މިއައީ އަޅުގަނޑުގެ އަނބިދަރީން މިތަނާ ދެމަންޒިލު ދުރުގައި ބައިތިއްބައިފައި ދަރިފުޅަށް ޚަބަރުދޭން. ދަރިފުޅު ހަމަމިހާރު މިރަށުން ފުރައިވަޑައިގަންނަވާ! ތިންހަތަރު ދުވަހެއްގެ ތެރޭގައި ޠުލައިޠުލާގެ އެއްވެސް ކަންކޮޅެއް ދަރިފުޅަކަށް ރައްކާތެރިޔެއް ނުވާނެ. ފެތެމުންދާކަން ކަށަވަރުވެފައިވާ ބައްތެއްޔެއްގައި އިންނެވުމުގެ އެއްވެސް މަންފާއެއް ނެތް. ދަރިފުޅުގެ އަރިހުގައި ޠުލައިޠުލާއިން އައި ރިޟާކާރުންނަށް އެބައިމީހުންގެ އަނބިދަރީން ހަލާކުން ސަލާމަތްކުރުމުގެ ފުރުސަތު ދެއްވާ. ދަރިފުޅު މިތާނގައި ސާބިތުވެވަޑައިގެން ހުންނެވި ކަމުގައިވިޔަސް ދެތިންދުވަހަކަށް މެނުވީ ނަޞާރާއިންގެ ސައިލެއް ނުހުއްޓުވޭން. އަޅުގަނޑު މިއައީ ދަރިފުޅުގެ އަނބިކަނބަލުންވެސް ގޮވައިގެން. ދަރިފުޅު ހަމަ މިހާރު ފުރައިވަޑައިގަންނަވާ! އަޅުގަނޑު މިހެން މިދަންނަވަނީ އަޅުގަނޑުގެ އުފަން ދަރީންނަށްވުރެ ބޮޑަށް އަޅުގަނޑު ދަރިފުޅުދެކެ ލޯބިވާތީ. އަންދަލުސަށް ދަރިފުޅު ބޭނުން!!"
أحمـد އެއްވެސް އަލިކަމެއްނެތް ލޯފުޅަކުން عبـدالـواحــد އާ ދިމާޔަށް ބަލަހައްޓަވައިގެން ހުންނެވިއެވެ. ދޮރޯށިކައިރީގައި ތިބި عبـدالـواحــد ގެ އެކުވެރީންގެ ގާތަށް މީހުން ޖަމާވަމުން ދިޔައެވެ.
عبـدالـواحــد އާއި އެކަލޭގެފާނުގެ އެކުވެރީން އިރުކޮޅަކުން ދަތުރު ފައްޓަވައިފިއެވެ. ޠުލައިޠުލާގެ ރިޟާކާރުން އެބައިމީހުންގެ އަސްތަކުގައި ކައިދާ އަޅުވާން ފަށައިފިއެވެ.
أحمـد ދަގަނޑުދަހަނާގައިހުރި ސަވާރުގެ އަރިހަށް ވަޑައިގެން އޭނާގެ އަތްޕުޅުން އަހުގެ ލަގަން އަތުލައްވައިފިއެވެ. أحمـد ވިދާޅުވިއެވެ. "طـاهـــرة! ދަގަނޑު ނިޤާބެއްގެ ތެރެއިންވެސް އަޅުގަނޑު ކަލާ ފާހަގަކޮށްފިން. މިއީ ކަލާގެ ޝާޢިރުގެ ކިބައިގައި ކަލާއަށް މަރުޙަބާކިޔާނެ ލަފުޒެއްނެތް ދުވަސް."
طـاهـــرة ދަގަނޑު ތާކިހަލުގެ ނިޤާބު އޭނާގެ މޫނުފުޅުމަތީން ދުރުކޮށްލައްވައިފިއެވެ. އޭނާގެ ލޯފުޅުން ހުރީ ކަރުނަފޮދު އޮހިއޮހިއެވެ.
ރިޟާކާރެއް أحمـد ގެ އަހުގައި ކައިދާ އަޅުވައިގެން ގެނެސްފިއެވެ. އޭނާ ދެލޯ ކަރުނައިން ފުރައިލުމާއެކު ބުންޏެވެ. ހިއްޕަވާ މިއީ ކަލާގެ އަސް. ރަށުގެ އަހުލުވެރީން ނަޞާރާއިންގެ ކޮމާންޑަރުގެ އަރިހަށް ޞުލްޙައިގެ ވަފުދެއް ފޮނުވާން އެބަ މަޝްވަރާކުރޭ! ކަލާ ހަމަ މިހާރު މިތަނުން ދަތުރު ފައްޓަވާ! އަވަސްކުރައްވާ!"
أحمـد އާއި طـاهـــرة އާ ދެބޭފުޅުން އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. ސަހަރުން ބޭރަށް ނުކުމެވަޑައިގެންފައި طـاهـــرة ފަހަތަށް އެނބުރިވަޑައިގެން ހިތާމަވެރި ލޯފުޅަކުން ރަށާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަދިވެސް އެ މިނިވަންކަމުގެ ފަތިސް އަންނާނެކަމަށް ކަލާ އުންމީދު ކުރައްވަމުތޯ؟"
أحمـد ޖަވާބު ދެއްވިއެވެ. "މާތް اللّـه ގެ ރަޙުމަތްފުޅާއެކު އެ އުންމީދީ ފަތިސް އަންނާނެކަށް ކަށަވަރު."
"މިހާރު އަޅުގަނޑުމެންގެ މަންޒިލަކީ ކޮބައިތޯ؟"
"ޣަރުނާޠާ." أحمـد ޖަވާބު ދެއްވިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު