ޖޯން އަބްރަހަމްއަކީ ފިޓްނަސް އަށް ދޭ ސަމާލުކަމާ އެއްވަރަށް ތިމާވެއްޓާ ދޭތެރޭ ވެސް ވިސްނައި އެކަމަށް މަސައްކަތްކުރާ މީހެއްގޮތުގައި ފާހަގަކޮށްލެވެއެވެ.
ޖޯން އަބްރަހަމްއަކީ މަޝްހޫރު އެހެން ތަރީންނާ ހިލާފަށް އިވެންޓްތަކަށާއި ބައްދަލުވުންތަކަށް ދާއިރު ފައިމަގުގައި އުޅުމަށް އިސްކަންދޭ ތަރިއެކެވެ.
ދުރުނޫން ހުރިހާ ތަނަކަށް ހިނގާފައި ދިއުމަށް އޭނާ ސަމާލުކަން ދެއެވެ. އަދި މިކަމަކީ އޭނާ ދަންނަ މީހުންނަށް އާ ކަމަކަށްވެސް ނުވެއެވެ.
ޖޯން ބުނާގޮތުގައި އެއީ އޭނާއަށް އެއްގާގަނޑުން ޖަހައި ދެދޫނި މަރާލުން ފަދަ ކަމެކެވެ. ''ހިނގާފައި އުޅުމުން ފިޓްކޮށް ހުންނަން އެހީވެދޭ، އަދި ކާބަން ފުޓްޕްރިންޓްސް ކުޑަކޮށްދޭ!'' ޖޯން އަބްރަހަމް ބުނެފައި ވެއެވެ.
ވަރަށް ފަހުން ސްކިންކެއާ ބްރޭންޑަކާ ބެހޭގޮތުން ބޭއްވި ވާޗުއަލް ޕްރެސް ކޮންފެރެންސެއްގައި ޖޯން އަބްރަހަމް ވަނީ، އަހަރެމެންގެ ވަށައިގެންވާ ތިމާވެއްޓަށް ސަމާލުކަންދިނުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަވެސް ދައްކައިފަ އެވެ.
މި ޕެންޑެމިކްގެ ސަބަބުން ތިމާވެށި ފެހިވެއްޖެ ކަމަށާއި، ވަށައިގެންވާ ވެށި ހަލާކުވަނީ ކުރެވޭ ކުދިކުދި ނޭދެވޭ އެތައްކަމެއް ގިނަވެގެން ނުކުންނަ ނަތީޖާއިން ކަމުގައި އޭނާ ފާހަގަ ކުރެއެވެ. އޭނާ ބުނީ ކަންކަން ރަނގަޅު ގޮތުގައި ދަމަހައްޓަން މަސައްކަތްކުރަން ވެއްޖެ ކަމަށާއި، ޕްލާސްޓިކް ބޭނުން ކުރެވޭ މިންވަރު އިތުރު ވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދި މިއީ ހައްލު ކުރަން ޖެހިފައިވާ ވަރަށްބޮޑު މައްސަލައެއްކަން ކަމަށެވެ.
ގިނަ މީހުންނެކޭ އެއްގޮތަށް 48 އަހަރުގެ އެކްޓަރު ގަބޫލުކުރަނީ މި ޕެންޑެމިކަކީ ކަންކަމާ މެދު ވިސްނައި ލޯ ހުޅުވާލަން ލިބުނު ފުރުސަތެއް ކަމަށެވެ. ކޮވިޑްގެ ސަބަބުން އެންމެނަށްވެސް ކަންކަމާމެދު ފުންކޮށް ވިސްނުމަށް މަގުފަހިކުރުވައިފި ކަމަށާއި، ކުރެވޭ ކަންކަމާއި، ދިރިއުޅުމުގެ މަގުސަދާއި މިދެވެނީ ރަނގަޅު މިސްރާބުންތޯ ފަދަ އެތައް ކަމަކާ ވިސްނުމަށް މަގުފަހިކުރުވައިފި ކަމުގައި އޭނާ ބުނެފައިވެއެވެ.
''މި ލޮކްޑަައުންގެ ސަބަބުން އަހަރެމެންގެ ޖައްވު ސާފުވެ ފެހިވެއްޖެ. މިހާލަތު އަހަރެމެންނަށް ބުނެދީފި އަހަރެމެން ގެ ވަށައިގެންވާ މާހައުލު ރައްކާތެރިކުރުމަށް މަސައްކަތްކުރެވިދާނެކަން!'' އޭނާ އިތުރަށް ފާހަގަކޮށްފައިވެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް