ރާއްޖެ ވަޑައިގަތުމަށް ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދު އަދި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު އަރުވައިފި އެވެ.

ރައީސް މި ދައުވަތު ދެއްވާފައިވަނީ ބަންގާބަންދު ޝެއިހް މުޖީބުއް-ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދު އާއި ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ދައުވަތު ދެއްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ޝެއިހް މުޖީބުއް-ރަހްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ހިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ހާސިލު ކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމަށެވެ. އަދި ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީ އާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވި އެވެ.

ބަންގްލަދޭޝް ސަރުކާރުން އެ ގައުމުގެ ތަރައްގީ އަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ގައުމުގެ އިގުތިސާދު ކުރިއަރާ ދުވެލި ހަލުވިވެފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތުން ގައުމުގެ އިގުތިސާދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރައި ވަރުގަދަ އިގުތިސާދެއް ބިނާކުރަމުންދާކަމުގައި ވެސް ވިދާޅުވި އެވެ.