ކ. ގިރިފުށީގައި ހުންނަ ސިފައިންގެ އަސްކަރީ މަރުކަޒު، ގިރިފުށި ނޫން އެހެން ރަަކަށް ބަދަލުކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކުރީ، ގިރިފުށީގައި ލައިވް ވަޒަން ބޭނުން ކޮށްގެން މީގެކުރިން ކުރި، މިލިޓަރީ ތަމްރީނުތަކެއްގައި ބައެއް ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށް، ކ. ހިންމަފުށީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ގިރިފުށީ ޓްރެއިނިން މަރުކަޒު އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ން އެގޮތަށް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން މެންބަރު ނަސީމު ވިދާޅުވީ، ނޮވެމްބަރު 6، 2019 ގައި ހިންމަފުށީގެ ހުޅަނގު ފަރާތުގައި އޮތް ސަފާރީ ބޯޓެއްގައި ހުރި އުމުރުން 41 އަހަރުގެ ޖަރުމަނު ވިލާތަށް ނިސްބަތްވާ ފަތުރުވެރިއެއްގެ ކަރަށް ގިރިފުށިން ދޫކޮށްލި ވަޒަނެއް އަރާފައިވާ ކަމަށެވެ.
އެ ސަފާރީ ބޯޓާއި ގިރިފުއްޓާ ދެމެދު ހުރި ދުރުމިނަށްވުރެ ހިއްމަފުއްޓާއި ގިރިފުއްޓާ ދެމެދު ހުރި ދުރުމިން ކައިރި ކަމަށް ފާހަގަކުރެވިފައި ވުމާއި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހިންމަފުށީގެ ގެއެއްގެ ދޮރާއްޓާއި ގެސްޓުހައުސްއެއްގެ ކުޑަ ދޮރަށް ވަޒަން އަރާފައިވާކަން ފާހަގަކުރެވޭތީ، ހިންމަފުށީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިރިފުށި ނޫން އެހެން ރަށަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލު ކޮށްދިނުމަށް މެންބަރު ހުށަހެޅުއްވިއެވެ.
އެ މައްސަލަ ބެލުމަށްފަހު، 241 ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ހުށަހަޅުންތަކުގައި ބުނެފައި ވަނީ، ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިއަށް ގެންދާއިރު ހަތިޔާރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް ހަމައެކަނި ފަޔަރިން ރޭންޖުގައި ކުރިއަށް ގެންދިއުމަށާއި ފަޔަރިން ރޭންޖުން ބޭރަށް ވަޒަން ދައުރުކޮށް ހިނގާފައިވާ ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ހަތިޔާރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގައި ފަޔަރިން ރޭންޖުން ބޭރަށް ވަޒަން ނުދާނެކަން ކަށަވަރުކޮށް، އެ ފިޔަވަޅުތައް ތަންފީޒު ކުރެވޭކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ނޮވެމްބަރު 6، 2019 ގައި ހިނގި ހާދިސާއަށްފަހު ގިރިފުށީގައި ހަތިޔާރު ބޭނުން ކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ހާއްސަ ކޮމިޓީއެއް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އެކުލަވާލާފައިވާ ކަމަށާއި ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިއަށް ގެންދާއިރު ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް އެ ކޮމިޓީގެ ލަފާގެ މަތިން ގިރިފުށީ ފަޔަރިން ރޭންޖަށް ބަދަލުތަކެއް ގެނެސް އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ގިރިފުށި ނޫން ތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްފިނަމަ، ތަމްރީނުތަކަށް ބޭނުންވާ ސާމާނާއި ސިފައިން އެތަނަކަށް ގޮސް އައިސްވުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކޮމިޓީން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާތީ، ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީނު ބަދަލުކުރުމަށް މިވަގުތަށް ނުފެންނަ ކަމަށް ކޮމިޓީން ފާސްކުރާ ކަމަށް،" ކޮމިޓީން ބުނެފައިވެ އެވެ.
އެ ކަންކަން ހުށަހަޅައިގެން 241 ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް