މިފްކޯ

އަމިއްލަ ފަރާތްތަކުން ވިއްކާ އަގާ އެއްވަރަށް، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ އަގުހެޔޮކޮށްދޭނަން: އަމްރު

އިބްރާހިމް ޒަކީ

ތެލުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުން ތެޔޮ ވިއްކާ އަގާ އެއްވަރަށް، މިފްކޯއިން މަސްވެރިންނަށް ވިއްޔާ ތެލުގެ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށް މިފްކޯގެ ބެލެނިވެރި ކުންފުނި ކަމުގައިވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އެމްޑީ މިހެން ވިދާޅުވީ، މަސްވެރިންނަށް ދޫކުރާ ތެލުގެ އަގު ބޮޑު ވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން އެސްޓީއޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރު ކޮށް މިހާރު ކުރިއަށް ގެންދާ ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އަމްރު ވިދާޅުވީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން އެ ބަދަލު ގެންނަވާނެ ކަމަށެވެ.

އަމްރު އިތުރަށް ވިދާޅުވީ، އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ތެޔޮ ޑިސްޓްރިބިއުޓް ކުރަން ހަވާލު ކުރަނީ، އެފްއެސްއެމް އަށް ކަމަށެވެ.

އެފްއެސްއެމް އިން މުފްކޯއަށް ތެޔޮ ފޯރުކޮށްދެނީ، ލީޓަރެއް އަށްރުފިޔާ ފަސްދޮޅަށް ލާރިއަށް ކަމަށާއި، މިފްކޯއިން މަސްވެރިންނަށް ތެޔޮ ފޯރު ކޮށްދެނީ ކުޑަ މާޖިނެއްލުމަށްފަހު ނުވަ ރުފިޔާއަށް ކަމަށްވެސް ވިދާޅުވިއެވެ.

އެފްއެސްއެމް އިން ތެޔޮ ގަންނެގެން މަސްވެރިންނަށް ތެޔޮ ވިއްކާ ކުދި ވިޔަފާރިވެރިންނަށްވުރެ ވެސް ބޮޑު އަގުގައި މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ މައްސަލައިގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އަމްރު ވިދާޅުވީ، ކުދިވިޔަފާރިވެރިންނަށްވުރެން އަގު ހެޔޮކޮށް މިފްކޯއިން ތެޔޮ ވިއްކާނަމަ، ކުދި ވިޔަފާރިވެރިންގެ އަތުން ތެޔޮ ގަންނާނެ ބަޔަކު ނުވެ، އެ ފަރާތްތައް ބަނގުރޫޓު ވެދާނެ ކަމަށެވެ.

ނަމަވެސް މިފްކޯއަށް މަސް ކިރުވާ ދޯނިތަކަށް ފައިސާދޭން ހަފްތާއެއްހާދުވަސް ހޭދަވާތީ، މިފްކޯ ނޫން، އަމިއްލަ ފަރާތްތަކުން ތެޔޮ ގަތުމުގެ ފުރުސަތު ނުލިބި، ފައިސާއިން ކެނޑޭގޮތަށް މިފްކޯއިން މަަސްވެރިންނަށް ތެޔޮ ގަންނަންޖެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް މަސްވެރިންނަށް ލިބެމުންދާކަން މެންބަރުން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ކުދި ވިޔަފާރިވެރިން ވިއްކާ އަގަށްވުރެން އަގު ދަށްނުވާނެ ފަދަ ގޮތަކަށް، އެ ފަރާތްތަކުގެ އަގާ އެއްވަރުގެ އަގެއްގައި މިފްކޯއިން މަސްވެރިންނަށް ތެޔޮ ފޯރުކޮށް ދިނުމާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ވިއްކާއިރު މިފްކޯއިން ލަމުންއަންނަ މާޖިނަށް ބަދަލުގެނަސް ތެލުގެ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން އަމިއްލަ ކުދި ވިޔަފާރިވެރިން ވިއްކާއަކަށް، މަސްވެރިންނަށް މިފްކޯއިން ތެޔޮލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.