ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ބަންގަލަދޭޝް އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް، ޑާކާގެ ނޭޝަނަލް މާޓިއަޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.

ނޭޝަނަލް މާޓިއާޒް މެމޯރިއަލަކީ ބަންގްލަދޭޝަށް މިނިވަންކަން ލިބިދިން އެގައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިފައިންގެ ހަނދާނުގައި މާފަތި ބޭއްވުމަށް ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން، އެތަނުގައި ގަހެއް އިންދަވައިދެއްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ، ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް މިއަދު ހެނދުނު ރައީސް ސޯލިހު ކުރެއްވި ޒިޔާރަތުގައި، މި ދާރުލްއާސާރުގައި ހިމެނޭ ބަނގްލަދޭޝްގެ ތާރީހާއި ގުޅޭ މުހިއްމު ތަންތަން ބައްލަވައިލައްވާފައިވާ ކަމަށެވެ. ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެގައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރެއްވި ބަންގަބަންދު ޝެއިހް މުޖީބުއް-ރަހްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާސާރަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާސާރަށް ނަން ދެވިގެންދިޔަ އެވެ. މި ދާރުލްއާސާރު ހާއްސަކުރެވިފައިވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަންކަމަށާއި ކުރެއްވި ގިނަގުނަ ހިދުމަތްތަކުގެ މައްޗަށެވެ.

ބަންގަބަންދު ޝެއިހް މުޖީބުއް-ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި މިރޭ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.