ޕެޑާއި ގުޅިގެން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) މައާފަށް އެދިވަޑައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އަނދުން ހުސައިން ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ބައެއް ދުވަސް ދުވަހު މަޖިލީހަށް ވަޑައިގަންނަވާއިރު ޕެޑް ޖައްސަވައިގެން ހުންނަވާ ކަމަށާއި އަދި ފަހަތުން ތެމިފައި ލޭ ވެސް ހުންނަ ކަމަށެވެ.
އަނދުން ހުސައިންގެ އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެ ވާހަކަތަކަށް މައާފަށް އެދިވަޑައިނުގެންފި ނަމަ އޭނާއާ ދެކޮޅަށް އަޑު އުފުލުމަށް މަގުމައްޗަށް ނިކުތުމަށް ވެސް ބައެއް ކަނބަލުން މީހުން އައީ ތައްޔާރު ވަމުންނެވެ.
އެކަމާ ގުޅިގެން މިއަދު ހެނދުނު އަނދުން ހުސައިން ކުރެއްވި ޓުވީޓެއްގައި ވަނީ ކަނބަލުންގެ އަރިހުން މައާފަށް އެދިވަޑައިގެން އެފަދަ ކަމެއް ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ކަނބަލުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މައާފަށް އެދެން. ބަލައި ނުގަނެވޭނެ ފަދަ ވާހަކައެއް ކަން ގަބޫލު ކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް އިތުރަށް ސަމާލު ވާނަން،" ސިޔާސަ ގޮތަކަށް މަޖިލީހުގައި ބަސް މަގު ބަހައްޓަވާ އަނދުން ހުސައިން ވިދާޅުވި އެވެ.