މިއަހަރުގެ ޖޫން މަސް އަންނަންވާ އިރަށް ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ދެފަހަރު މަތީން އެކި ރަށްރަށަށް އެމްބިއުލާންސްތައް ސަރުކާރުން ބެހިއިރުވެސް މަކުނުދޫ ދާއިރާގެ ރަށްރަށަށް ދެއްވާނެ ކަމަށް ވިދާޅުވެ، އެމްބިއުލާންސް ދެއްވާފައި ނުވާ މައްސަލައިގައި، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކުދި ރަށްރަށާއި އެކަހެރިކޮށް ހުންނަ ރަށްރަށް އެފަދަ ކަންކަމުގައި މީގެ ކުރިން ބަލާފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ރަށްރަށަށް ހާއްސަ ކޮށްގެން ސިއްހީ ކަންތައްތައް ފަށާފައިވާ ކަމަށާއި އެގޮތުގެ މަތިން އެ ދާއިރާގެ ރަށްރަށަށް އެމްބިއުލާންސް ފޮނުވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން އަމިއްލައަށް ގަނެގެންނާއި، ޖަޕާނު ސަރުކާރާއި އެހެން ފަރާތެއްގެ އެހީތެރިކަމާއެކު ހުރިހާ ރަށަކަށް ބޭނުންވެގެން ގެންނަ އެމްބިއުލާންސް އަންނަ އޭޕްރީލްމަހުގައި ލިބޭނެ ކަމަށެވެ.

އެހެންކަމުން އަންނަ ޖޫންމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލާންސް ހުންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.