އޭއެފްސީ ކަޕްގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ކްލަބް އީގަލްސް އިން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޓީމުގައި ހިމަނައިފިއެވެ.

އީގަލްސްއިން ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރަށް ތައްޔާރުވަމުން އަންނައިރު، އަސްހަދު ޓީމުގައި ހިމަނާފައި ޑެޑްލައިން ޑޭގެ ފަހު ވަގުތުގައެވެ. 2018 ވަނަ އަހަރު ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑްގައި ކުޅެމުން ދަނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން އަސްހަދަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން މަޖުބޫރުވެގެން ގޮސްފައިވެއެވެ. ގިނަ ފަރުވާތަކަކަށްފަހު އޭނާ އަނެއްކާވެސް މިހާރު ފިޓްވެފައިވާއިރު، މީގެ ކުރިންވެސް އީގަލްސްގެ ފަރިތަކުރުންތަކުގައި އަޑޭ ފެނިގެން ފޮސްފައިވެއެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅުމަށް މާޒިޔާއިން ކުރި ތަމްރީނުތަކުގައިވެސް އަސްހަދު ފެނިގެން ގޮސްފައިވާއިރު، އެ ފަހަރުގެ މުބާރާތް ފަހުން އޭއެފްސީން ކެންސަލް ކުރީއެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައްވެސް ރާއްޖޭގައި ހޯސްޓް ކުރަން ނިންމާފައިވާއިރު، މެޗުތައް ކުޅޭނެ އިންތިޒާމް ހަމަޖެއްސުމުގައި ޔޫތު މިނިސްޓްރީ ފަރާތުން އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެކަކީވެސް ސްޓޭޓް މިނިސްޓަރު އަސްހަދެވެ.

ވެލެންސިއާ އިން ކެރިއަރު ފަށައި ވިކްޓަރީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ އަސްހަދު ވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. މީގެ ތެރެއިން ނިއު އިން ވަނީ އޭނާގެ ކެޕްޓަން ކަމުގެ ދަށުން 2015 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މާޒިޔާ އަށް އަސްހަދު ކުޅެފައިވަނީ އަލީ ސުޒޭނާއި މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގަ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2016 ވަނަ އަހަރުގެ ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު މާޒިޔާއާ އެކު ކާމިޔާބުކޮށްފަ އެވެ. އީގަލްސް އަކީ ފުރަތަމަ ޑިވިޝަނުގައި އަސްހަދު ކުޅޭނެ ހަ ވަނަ ޓީމެވެ.

މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރުގެ މާޗް މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އަސްހަދު އަކީ ފޯވާޑެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރު ފެށި ނަމަވެސް ފަހުން މިޑްފީލްޑަރެއްގެ ގޮތުގައި ފެނުނު ކުޅުންތެރިއެކެވެ. މަސައްކަތުގެ ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އަސްހަދު ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސްކޮށްފަ އެވެ. އަދި އޭނާ ކުޅުނު ގިނަ ކްލަބްތަކެއްގެ ކެޕްޓަންކަން ވެސް ވަނީ ކޮށްފައެވެ.

އީގަލްސް އިން އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގައި ނުކުންނާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ. އީގަލްސް އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ކޮލިފައިންގެ ތިން މެޗުން މޮޅުވެގެންނެވެ. ކޮލިފައިންގައި އެންމެ ވަރުގަދަކޮށް އޮތް ދެ ޓީމަކީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރެވެ.