އިންޑިއާގައި ކޮވިޑް ކޭސްތަކުގެ އަދަދުތައް އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ.

އިންޑިއާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 26،291 މީހުން ޕޮޒިޓިވް ވެފައިވާއިރު މިއީ މިއަހަރު ތެރޭ އެންމެ ގިނަ ކޭސް ފެނިފައިވާ ދުވަހެވެ.

އިންޑިއާގެ މަހާރަސްތުރާ ސްޓޭޓުން ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

ކޮވިޑާ ދެކޮޅަށް އިންޑިއާއިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު ކޭސްތައް އިތުރުވެފައި ވަނީ އެކަމުގެ ސަބަބުންކަމަށް ބައެއް އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން މިހާތަނަށް ޖުމުލަ 11 މިލިއަނަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވާއިރު އެގައުމުން 158،000 އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވެއެވެ.

ކޮވިޑުން އަރައިގަތުމަށް އިންޑިއާގައިވެސް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ކުރިޔަށް އެބަ ދެއެވެ. މިހާތަނަށް 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާކަމަށް އެގައުމުން ބުނެއެވެ.